ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޯވިޑާ ގުޅިގެން ސިއްހީ އެހީތެރިންނަށް ނަފްސާނީ މައްސަލަތައް

ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ދުނިޔެ ރޮއްވާލިއިރު މި ބަލިމަޑުކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރި އެއް ބަޔަކީ ދުނިޔޭގައި ގައުމުތަކުގައި އުޅޭ ސިއްހީ ޚިދުމަތްތެރިންނެވެ. ކޯވިޑް-19 އަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހުރިހާ ގޮތަކުން ވެސް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމަކަށް ވިއެވެ.

ބަލީގެ ޝިކާރައަކަށް ވެގެންދާ މީހުންނަށް އެހީތެރިވުމުގައި މި މީހުން ރެޔާ ދުވާލު ހޭބޯނާރާ މަސައްކަތް ކުރަމުން ދިޔައިރު އެމީހުންގެ އަމިއްލަ ސިއްހަތާއި އާއިލާގެ މީހުންގެ ސިއްހަތާ މެދު އެމީހުންގެ ހިތުގައި އިންތިހާއަށް ކަންބޮޑުވުން އޮތެވެ. ނަމަވެސް އެމީހުންގެ ނަފްސާނީ ހާލަތު ވިސްނެނީ މަދު ބަޔަކަށެވެ.

ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ސިއްހީ އެހީތެރިންގެ ކޮންމެ ފަސް މީހަކުން އެކަކަށް ޑިޕްރެޝަން އާއި އެންގްޒައިޓީ އަދި ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ފަދަ ނަފްސާނީ މައްސަލަތައް ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިމަތިވެފައި ވެއެވެ.

ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ ތަޖުރިބާކާރުންތަކެއް ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ކޯވިޑްގެ ބަލިމަޑުކަން ދުނިޔެއަށް ފެތުރެން ފެށި ދުވަސްވަރުން ފެށިގެން ސިއްހީ އެހީތެރިންނަށް އިންތިހާއަށް ބަރުބޮޑުވެ އެމީހުންނަށް ސައިކޮލޮޖިކަލް ސަޕޯޓްގެ ގޮތުގައި ލިބެންޖެހޭ އެހީތެރިކަން ލިބޭލެއް ކުޑަވުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ނަފްސާނީ ގެއްލުންތައް ލިބުނެވެ.

މި ދިރާސައަކީ ދުނިޔޭގެ 21 ގައުމެއްގެ 97،333 ސިއްހީ އެހީތެރިންގެ ހާލަތު ދެނެގަތުމަށްފަހު ތައްޔާރުކޮށްފައިވާ 65 ސްޓަޑީޒް އެއް އެނަލައިޒްކޮށްގެން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

މި ހުރިހާ ރިޕޯޓެއްގައިވާ މައުލޫމާތުތަކަށް ބަލައި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގައި އޮތް ސިއްހީ އެހީތެރިންގެ އާބާދީގެ 21.7 ޕަސެންޓް މީހުންނަށް ޑިޕްރެޝަންގެ މައްސަލަތައް ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިމާވެފައި ވެއެވެ. އަދި 22.1 ޕަސެންޓް މީހުންނަށް އެންޒައިޓީގެ މައްސަލަތައް، 21.5 ޕަސެންޓް މީހުންނަށް ޕީޓީއެސްޑީގެ މައްސަލަތައް ކުރިމަތިވީކަން ފާހަގަ ކޮށްފައި ވެއެވެ.

މި ސްޓަޑީ ބުނާ ގޮތުގައި ޑިޕްރެޝަންގެ މައްސަލަތައް އެންމެ ބޮޑުވެފައިވަނީ މެދުއިރުމަތީގެ ގައުމުތަކުގެ ސިއްހީ އެހީތެރިންނަށެވެ. އެ ސަރަހައްދުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންގެ ތެރެއިން 34.6 ޕަސެންޓް މީހުންނަށް ޑިޕްރެޝަން އަދި 28.9 ޕަސެންޓް މީހުންނަށް އެންޒައިޓީ ކުރިމަތިވީކަން ފާހަގަ ކޮށްފައި ވެއެވެ.

މި ހޯދުމުން ހާމަވީ ހަގީގަތަކީ ކޮވިޑް-19ގެ ޕެންޑެމިކްގެ ސަބަބުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ނަފްސާނީ ގޮތުން ލިބުނު ގެއްލުން ބޮޑުކަމެވެ. އަދިވެސް މި ބަލިމަޑުކަމުން އަރައިގަނެވިފައި ނުވާއިރު ސިއްހީ އެހީތެރިންނަށް ޖެހިފައިވަނީ އެމީހުންގެ ނަފްސާނީ މައްސަލަތަކާ އެކު ވެސް ކޯވިޑް ޖެހޭ ބަލި މީހުންގެ ފުރާނަ ސަލާމަތްކޮށްދެވޭތޯ ހުއްޓުމެއް ނެތި މަސައްކަތް ކުރާށެވެ.