ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބަށް ބޭނުންވާ ވަރަށް އޮފިޝަލުން ނުލިބޭ

އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް މާލޭގައި ވޯޓުލާ މަޒުކަޒުތަކުގައި ތިބޭނެ އޮފިޝަލުން އަދިވެސް ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ހާލަތަށް ފަހު ވޯޓްލާ މަރުކަޒުތަކުގެ އޮފިޝަލުން ހޯދަން އަލުން އިއުލާނު ކޮށްފައި ވަނީ މިދިޔަ މަހު ފަހުކޮޅު ގައެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަވަން ދެން ފޯމް ބަލައިގަންނާނެ ކަމަށެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ޓްވީޓާ މެދުވެރިކޮށް ވިދާޅުވެފައި ވަނީ މާލޭ ވޯޓުލާ މަރުކަޒު ތަކުގައި މަސައްކަތް ކުރާނެ އޮފިޝަލުން އަދިވެސް ބޭނުންވާ ކަމަށެވެ.

އިންތިހާބުގެ އޮފިޝަލަކަށް ވުމަށް ހުށަ އަޅާނެ ފަހު ތާރީހެއް އީސީ އިން ބަޔާން ކޮށްފައެއް ނުވެ އެވެ. ނަމަވެސް އީސީން ބުނެފައި ވަނީ އިންތިހާބަށް ކުރިމަތިލާ އޮފިޝަލުން ތަމުރީނުތަކެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އެ ތަމުރީނުތައް ކުރިޔަށް ދާނީ މި ހިނގަމުންދާ މާޗު މަހުގެ ތެރޭގައި ކަމަށެވެ.

ވޯޓު މަރުކަޒުތަކަށް އޮފިޝަލުންނަށް ވުމަށް މައިގަނޑު ޝަރުތުތަކުގެ ގޮތުގައި ހިމަނާފައިވަނީ އުމުރުން 18 އަހަރު ފުރުމާއެކު އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ކަމެއްގައި އުޅޭ މީހަކަށް ވެސް އޮފިޝަލަކަށް ނުވެވޭނެ އެވެ.