މާލޭ ސިޓީ ކައުންސިލް

މާލޭގެ ކައުންސިލަރުން ހުވާކުރުން ސަލްޓަން ޕާކުގައި

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ސަލްޓަން ޕާކުގައި ބޭއްވުމަށް ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހޮވާފައިވާ އިންތިހާބީ މޭޔަރާއި އިންތިހާބީ ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަތަރުވަނަ ދައުރަށް ހޮވާފައިވާ މެމްބަރުން އިގުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިމަހުގެ 17 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު ސަލްޓަން ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދުވަސްވަރަކީ ވަރަށް ހަލުވިކަމާއި އެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ވަކިން ހާއްސަކޮށް މާލޭގައި ކޮވިޑް 19 ފެތުރަމުންދާ ދުވަސްވަރަކަށް ވާތީ އާންމުންނަށް މި ރަސްމިއްޔާތުގައި ބައިވެރި ނުވެވޭނެ އެވެ. ނަމަވެސް މި ރަސްމިއްޔާތު ޓީވީއެމާއި މާލެ ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ފޮނުވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މާލެ ސިޓީ ކައުންސިލަށް މޭޔަރާއި އެކު އިންތިހާބު ކޮށްފައިވަނީ 18 ކައުންސިލަރުންނެވެ. ކައުންސިލްގެ މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު ޕީޕީއެމުންނެވެ.