ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބުގައި 65 ޕަސެންޓް މީހުން ވޯޓްލި: އީސީ

އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި 65 ޕަސެންޓް މީހުން ވޯޓްލާން ނިކުމެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އާދަމް ވިދާޅު ވެއްޖެ އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ އިންތިހާބުގައި ވޯޓްލާން ނިކުތް އަދަދާމެދު ކޮމިޝަނުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ކޮމިޝަނުން އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ވޯޓްލާން މީހުން ނިކުމެފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. ޝަރީފު ވިދާޅުވީ މުޅި ރާއްޖެއިން 65 ޕަސެންޓް މީހުން ވޯޓްލާން ނުކުމެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަންދާޒާއަކީ 50 ޕަސެންޓް މީހުންނޭ ވޯޓްލާން ނިކުންނާނީ. ނަމަވެސް އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ވޯޓްލާން ނުކުތުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ރަށްރަށާއި އަތޮޅުތަކުން 70 ޕަސެންޓް އާއި 90 ޕަސެންޓާ ދެމެދުގެ އަދަދަކަށް ވޯޓްލާން މީހުން ނުކުމެފައިވާ ކަމަށެވެ. ނަމަވެސް މާލެއިން ވޯޓްލާން ނިކުތް މީހުންގެ އަދަދު މަދުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މާލޭގެ ކޮންމެ ދާއިރާއަކުން އާންމުކޮށް 20 ޕަސެންޓް މީހުން ވޯޓްލާން ނިކުމެފައި ވަނީ،" ޝަރީފު ވިދާޅުވި އެވެ.