ބާސެލޯނާ

ބާސާގެ އާ ބޯޑުގެ ނައިބު ރައީސް އިސްތިއުފާ ދީފި

އެފްސީ ބާސެލޯނާއަށް މިދިޔަ ހަފުތާގައި އިންތިހާބުވި، މިހާރުގެ ރައީސް ހުއާން ލަޕޯޓާ ފައިނޭންޝިއަލް ނައިބު ރައީސް އިސްތިއުފާ ދީފި އެވެ.

އާ ބޯޑުން ކުލަބުގެ ހިންގުމާ ހަވާލުވިތާ އަދި މިވީ އެންމެ ހަފުތާއެކެވެ. ފައިނޭންޝިއަލް ނައިބު ރައީސް ޖައުމޭ ގީރޯގެ އިސްތިއުފާގެ ސިޓީ އޭނާ ވަނީ އިއްޔެ ހެނދުނު ލަޕޯޓާއަށް ހުށަހަޅާފަ އެވެ.

ބާސާގެ މާލީ ހާލަތު އޮތީ ދަށު ދަރަޖައަށް ވެއްޓިފަ އެވެ. ކުލަބު އޮތީ ބަނގުރޫޓު ވުމުގެ ބިރާ ކުރިމަތި ވެފަ އެވެ. ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގީރޯ އިސްތިއުފާ ދިނީ މާލީ ގޮތުން ކުލަބަށް އިންވެސްޓް ކުރެވޭނެ ކަމުގެ ޔަގީންކަން ދެވެން ނެތުމުންނެވެ.

ރަސްމީ ޕްރޮފެޝަންއެއްގެ ގޮތުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާ ގީރޯއަކީ ސްޕެއިންގެ ފުންޑާސިއޯ ކަޒިއާ ބޭންކްގެ އެގްޒެކެޓިވް ބޯޑުގެ ކުރީގެ މެންބަރެކެވެ. އޭނާ ވަނީ ބޭންކު މެދުވެރިކޮށް ބާސާގެ އާ ބޯޑަށް ފައިނޭންޝިއަލީ ގިނަ އެހީތެރި ކަމެއް ވެދީފަ އެވެ.

ލަޕޯޓާ އާއި ގީރޯ އާ ދެމެދު މައްސަލަ ޖެހުނީ، ކުލަބުގެ ބޯޑުގައި ގީރޯގެ ދައުރާ ގުޅިގެންނެވެ. އޭނާ ބޭނުންވީ ކުލަބު ފައިނޭންސް ޑިޕާޓްމެންޓްގެ އިސްވެރިޔާގެ މަގާމެވެ. ލަޕޯޓާއަށް ކުލަބުގެ ރައީސް ކަމުގެ ހުވާ ކުރެވޭނީ ކުލަބުގެ ބަޖެޓަށްވާ 15 ޕަސަންޓް ކުލަބުގެ އެކައުންޓަށް ވެއްދުމަށް ފަހު އެވެ. އެއީ 125 މިލިއަން ޔޫރޯ އެވެ.

ލަޕޯޓާ ވަނީ 2003 އިން 2008 އަށް ބާސާގެ ރައީސްކަން ކޮށްފަ އެވެ. އޭނާގެ ފުރަތަމަ ދައުރަކީ ބާސާ މިފަހުގެ ތާރީހުގައި ފެނުނު ކާމިޔާބު ދުވަސްތަކުގެ ބިންގާ އަޅައިދިން ދުވަސްވަރެވެ.

ކުރީގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު މަގާމުން އިސްތިއުފާ ދިނުމާ ހަމައަށް ކުލަބުގެ ދަރަނީގެ ގޮތުގައި 1.17 ބިލިއަން ވަނީ އަރާފަ އެވެ.