(11 މާރިޗު 2021 އާ ގުޅޭ)
ތެމިގެން ވިޔަސް ގެއަށް އައީ މިއިން އިރަކު ވާރޭ ނުހުއްޓާނޭކަން ލަފާކޮށްފައެވެ. ވާރޭ ވެހެނީ އެހާ ވެސް ބޯކޮށެވެ. މިހާ ވިއްސާރަ އިރު ނޯޔާ ކުދީން ގޮވައިގެން ބޭރަށް ހިނގައިދާނޭ އަސްލަން ހިޔެއް ނުކުރެއެވެ. ނޫނީ އެއީ ނޯޔާ ހިތްހަމަނުޖެހިފައި ހުރިކަން އަސްލަންއަށް އަންގަން ކުރި ކަމެއްބާއޭ އޭނާ ހިތަށް އެރިއެވެ.
ވާރޭ ތެރޭ އުޅޭ ދެބެންނަށް ބަލަން ހުރިއިރު ނޯޔާގެ ފައިތިލަ މަތީ ކުޑަކުޑަ އަނުމް ބަހައްޓާލައިގެން ގުދުވެ އޮތެވެ. ހިޔާކޮށްފައި އޮތް ފުރާޅުގެ އަސްކަނި ދަށުން ބޭރަށް ޖެހިލުމުން ވަޔާއެކު ވާރޭ ތިކިތަކުގެ ހަމަލާ އެމީހުންގެ ގަޔަށް އަރައެވެ. އަނުމް މަޖާވެގެން ތެޅިގަންނައިރު ތޫލި އަޑަކުން ހަޅޭލަވައިގަނެ އެވެ. އެމަ ންޒަރާއެކު ނޯޔާއަށް ވެސް ހީނގަނެވެ އެވެ. ޓެރެސްގެ މެދެއްހާ ހިސާބުގައި ބަހައްޓާފައި ހުރި ބާލިދީ ވާރޭ ފެނުން ފުރި ބަންޑުންވަނީ އެވެ. މަލްސާގެ އަތުގައި އޮތް ޕްލާސްޓިކު ތަށި ބާލިދީއަށް އިރުއިރުކޮޅުން ކޮށްޕާލަ އެވެ. ތަށިފުރާ ނަގާ ފެން ސާރާގެ ގަޔަށް އުކާލައެވެ. މަލްސާއަށް އަތު ނުވާން ސާރާ ދުވެ އެވެ. ފޯނު ރިންގުވިހެން ހީވެ ފަހަތުގައި ހުރި މޭޒަށް ނޯޔާ ބަލާލިއެވެ. އޭނާގެ ފޯނު އޮތީ އެ މޭޒުގެ މަތީގަ އެވެ. އިސްކުރީނު ދިއްލެމުންދިޔައިރު ރިންގުގެ އަޑު ވާރޭގެ އަޑާ އެކުވެފައިވާތީ އިވޭލެއް މަޑުކަން ފާހަގަވި އެވެ. އަނުމް އުރާލުމާއެކު ނޯޔާ އައިސް ފޯނު ނެގިއެވެ.
"ކޮންތާކު؟" އިވުނީ އަސްލަންގެ އަޑެވެ.
"ޓެރެސްގަ." ނޯޔާ ބުނެލި އެވެ. ދެން ކޯލު ކަނޑާލީ އަސްލަން އެވެ. ފޯނަށް ބަލަން އިރުކޮޅަކު ނޯޔާއަށް ހުރެވުނެވެ. ގަޑިންވީއިރެއް ބަލާލުމާއެކު މޭޒުމަތީ އަނެއްކާ ވެސް ފޯނު ބޭއްވީ އެވެ. އޭނާގެ އަތުތެރޭގައި އިން އަނުމްއަށް އޭނާގެ ދައްތަތައް ދުވެދުވެފައި އުޅޭތަން ފެންނާތީ ފޯރިއަރައިގެން ތެޅިތެޅި އިނެވެ. ހީވަނީ ނޯޔާގެ އަތުގެ ތެރެއިން ފުންމާލައިގެން އެކުއްޖާ ވެސް ދައްތަމެން ކައިރިއަށް ކުޅެންދާން ބޭނުންވެގެން އުޅޭހެނެވެ.
"އަނޫ... ބޭބީ ވެއްޓިދާނު..." ދެއަތުން އަނުމްގެ ގައިގާ ހިފަހައްޓާލުމާއެކު ނޯޔާ ހިނގައިގަތީ އަސްކަނި ކައިރިއަށެވެ.
ކަރުގައި އޮތް ޓައީ ސޯފާމައްޗަށް އެއްލާލުމާއެކު ގަމީހުގެ ކަރުގޮށުން ފެށިގެން ތިރީ ދެގޮށް އަސްލަން ނައްޓާލި އެވެ. އަދި ދިގު އަތްކުރިން ކަފްލިން ނަގާ ކޮފީ މޭޒުމަތީ ބޭއްވިއެވެ. ދެން ފަހަރަކު އަތްކުރިއެއް މައްޗަށް އަރުވަމުން އެޕާޓްމެންޓުން އަސްލަން ނުކުތެވެ. ޓެރެސްއަށް ނުކުމެވުމުގެ ކުރީން އޭނާއަށް މަލްސާގެ އަޑު އިވިއްޖެ އެވެ. ހައިރާންވީ ތުއްތު އަނުމްގެ އަޑު ކަންފަތުގައި ޖެހުނީމަ އެވެ.
"މަންމާ... މަލްގެ ފޮޓޯއެއް ނަގާބާ..." މަލްސާ ނިކަން ބާރަށް ބުނެލި އެވެ. ޓެރެސްގެ ދޮރުން ވަދެވަދެ ހުރި އަސްލަން ހައިރާންވެ އަންތަރީސްވިއެވެ. އޭނާއަށް އިވުނީ ރަނގަޅަށްބާއޭ ސުވާލު އުފެދުނެވެ. ސްޕޯޓްސް ބުރުގާކޮޅެއް އަޅައިގެން ދެ އަރިމަތިން ފަޅާލައިފަ ހުރި ދިގު ހެދުމުގައި ހުރި އަނބިމީހާ އަސްލަންގެ ލޮލުގައި އަޅައިގަތެވެ. ފޯނު ނަގަން އެނބުރިލި ނޯޔާއަށް އަސްލަން ފެނުމާއެކު ހުއްޓެވުނެވެ.
"ޑެޑީ..." މަލްސާ ދުވެފައި އައެވެ.
"ވާރެއާ ތެމެނީތަ؟" އަސްލަން މިހެން އަހާލިއިރު އޭނާގެ ނަޒަރު ހުރީ ނޯޔާއަށެވެ. ތެމިފައިވާ އިސްތަށިގަނޑާއެކު އަސްލަންގެ ހަށިގަނޑުގައި ހިސާބަކަށް ތަތްވެފައި ހުރި ހުދު ގަމީހުގެ ތެރެއިން އެ ހަށިގަނޑުގެ ކުލައާއި ބައްޓަން ފާޅުވެއެވެ. އަސްލަން އޮފީހުން އެ އައީ ތެމިގެންކަން ނޯޔާއަށް ދެނެގަންނަން އެނގުނީ އެހެންވެ އެވެ. ނަމަވެސް ހިތުވިންދުގެ ރާގު ބަދަލުވެލީ ފިރިހެންވަންތަ ފުރިހަމަކަމެއް ލޯ ކުރިމަތިން ފެނުމުންނެވެ. އެ ޖަޒުބާތުތައް ނޯޔާ ދިރުވާލުމަށް ހިންދިރުވާލިއެވެ. ތެތް ހެދުން ނުބާލާ އެއައީ ނޯޔާއަށް އެ ހަށިގަނޑުގެ ފުރިހަމަކަން ބުނެދޭންބާއޭ އޭނާ ހިތަށް އެރިއެވެ. އެ ސަމާސާއަށް ނޯޔާ ނުހެއްލޭނަމޭ އަމިއްލަ ހިތަށް ބުނެލި އެވެ. އަދި އޭނާގެ ބެލުން އެހެން ދިމާއަކަށް އަނބުރާލި އެވެ. އަސްލަން ބުނި ވާހަކައަށް ޖަވާބު ދޭން ނޯޔާ އަވަސްވެލީ ދެނެވެ.
"އެހާގިނައިރެއް އަދި ނުވޭ... އިރުކޮޅަކުން އެތެރެއަށް ވައްދާނަން." ނޯޔާ ހުރީ ހިސާބަކަށް ޖެހިލުންވެފަ އެވެ. އަސްލަންގެ ކުދީންނަށް ވެފައި އެކުދީން ވާރެއާ ތެމުމަކީ އޭނާ ރުހޭ ކަމަކަށް ނުވެދާނޭ ނޯޔާއަށް ހީކުރެވެނީ އެވެ. އޭނާ އެކަމުގައި އަސްލަންގެ ހިޔާލެއް ވެސް ނުހޯދަ އެވެ. ކުދީން ބަލިވެދާނޭތީ އަސްލަން ކަންބޮޑުވާނެކަން ނޯޔާއަށް އެނގެ އެވެ.
"މަންމާ! މަލްގެ ފޮޓޯ... މިކޮޅުގަ މަލް ހުއްޓާ، ފެންތައް އުކާލަނިކޮށް." މަލްސާ ފޮޓޯ ނަގަންވީ ގޮތް ކިޔާދެމުން ބާލިދީ ކައިރީ ހުއްޓުނެވެ.
އަސްލަންއާ ނަޒަރު ވަކިކޮށްލައި މޭޒުމަތިން ނޯޔާ ފޯނު ނެގި އެވެ. އެހިނދު އަސްލަން މަޑުމަޑުން ކުރިއަށް އައެވެ. ތަޅުންމަތިން އަސްލަންގެ ފަޔަށް ނޯޔާގެ ނަޒަރު އަމާޒުވެލި އެވެ. އޭނާ އެ އަންނަނީ ނޯޔާގެ ގާތަށްކަން ޔަގީނެ އެވެ. އަސްލަން އައިސް ހުއްޓުނީ ނޯޔާއާ ނުހަނު ގާތުގައެވެ. ތުންފަތަށްވެރި ރަކި ހިނިތުންވުން އަސްލަން ފޮރުވާލި އެވެ. ނޯޔާގެ ކޯތާފަތަށް އެޅުނު ރަތްކަން އަސްލަންއަށް ފެނުނީ އެވެ.
"އެއްއަތުން ފޯނު ގެންގުޅެން އުނދަގޫވާނެއެއްނު، ގެނޭ އަނުމް..." އަސްލަންގެ ދެއަތްތިލަ އަނުމް އުރާލަން ކައިރި ކޮށްލުމާއެކު އެ މޫނު ވެސް ކުރިއަށް ނެރިލި އެވެ. ވާހަކަ ދެއްކުމުގައި އަސްލަންގެ އަޑުގައި ތަފާތުކަމެއް ހުރިހެން ނޯޔާއަށް އިހްސާސް ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. ތިރި ކޮށްލެވިފައިވި އެސްފިޔަތައް ލުއިލުއި ލަސް ހަރަކާތަކާއެކު އުފުލާލެވުނެވެ. ދެ ލޮލުގެ ކަޅި ހުއްޓުނީ އަސްލަންގެ ލޮލުގެ އަސަރުގައި ޖެހިފައެވެ. އެ މޫނުވަނީ ކިހާ ކައިރީގަކަން ފެނުމުން ނޯޔާއަށް ހިންދިރުވާލެވުނެވެ. އޭނާގެ އަތުގެތެރެއިން އަސްލަން ދަރިފުޅު ނަގައި އުރާލިއެވެ. އޭނާ އެނބުރިލީ އަނުމް އަތްދިއްކޮށް ހަރަކާތްކުރާ ދިމާއަށެވެ. ހިފަހައްޓާލެވުނު ނޭވާ ދިގުވެއްޖެކަން ނޯޔާއަށް ރެއަކާލީ އަސްލަން ދުރަށް ދިއުމުންނެވެ. މަލްސާ ގޮވާލި އަޑު އަނެއްކާ ވެސް އިވުނެވެ. ފޯނު ނެގިގޮތަށް ނޯޔާގެ ހަރަކާތްތައް އަވަސްވެލީ ދެނެވެ.
"މައިރާ... އަހަރެމެންގެ ތިންކުދީން ތިބީ އުފަލުން... ބަލާބަލަ، އޭނާ އެކުދީންގެ މަންމައަށް ވެއްޖެ... އެއީ ރަނގަޅު އަންހެންކުއްޖެއް، މައިރާއާ އެއްވަރު ކުރާކަށް ނޫން، މިއަދު އޭނާ އެ ހުރީ މައިރާއަށް އަހަރެން ދިން މަގާމުގައި، އެކަމަކު އަހަރެންގެ ހަގީގީ އަނތްބަކަށް ނުވޭ، މައިރާ ބަލައިގަތް ދަރަޖައިގަ ބަލައިގަންނަން އުނދަގުލީ، އެހެންވިޔަސް އަހަރެން އޭނާ ދޫކޮށްލާކަށް ބޭނުމެއް ނޫން، އެއީ ސޯލިހު އަންހެނެއް... އެހާ ޅައިރު އަންހެނެއްގެ ފަރާތުން އެފަދަ ސިފަތަކެއް ފެނިދާނޭ އަހަރެން ހިޔެއްނުކުރަން، މިޒަމާނުގައި އެކަހަލަ އަންހެންކުދީން އުޅޭނޭ ކަމަކަށް ވެސް ގަބޫލެއް ނުކުރެވޭ، އިންސާނަކު އެހާ ފުރިހަމަވާނީ ކިހިނެއް؟ އަމިއްލަ އެދުމެއްނެތި އޭނާ އަހަރެމެންގެ ދަރީންދެކެ ލޯބިވާތީ ފެނި އަހަރެން އަޖައިބުވޭ، ބައެއްފަހަރު ހިތަށް އަރާ މީ ހަގީގަތެއްނޫނޭ، މީ އަހަރެންނަށް ފެންނަ ހުވަފެނެކޭ، މީ ހޭލާން ބޭނުންނުވާހާ ފުރިހަމަ ހުވަފެނެއް... ހިތްނުލެނބި ހަށިގަނޑުގެ ހިފެހެއްޓުން ދޫވެދާނެތީ އަހަރެން ބިރުގަންނަވަރު އެނގޭތަ؟ އެރީތިކަމާއި އެ ފުރިހަމަ އަދާތަކާ ގުޅިފައިވާ މައުސޫމްކަން މި ދެ ލޮލަށް ފެންނައިރު ބޭނުންނުވާން، އަހަރެންނަކީ ހިއްސުތައް އުނި މީހެއްނޫން... ގާތްވަނިކޮށް ދުރުނުވެވޭހާ ގާތްވެވިދާނެ... އެވަރު ދަންނަންޖެހޭނެ މީހަކީ އަހަރެން." އަސްލަންއަށް ދެ ލޯ މަރާލެވުނެވެ.
"މަލްކޮ..." ނޯޔާއަށް ގޮވާލެވުނީ ނިކަން ބާރަށެވެ. ސިހުމާއި ކަންބޮޑުވުމުގެ ހަޅޭކެކެވެ. ވާރޭގެ މިއުޒިކުގައި ޚިޔާލުތަކުގެ މާލަމުގައިވި އަސްލަންއަށް ވަގުތުން ލޯ ހުޅުވާލެވުނެވެ. ވީގޮތެއް އޭނާއަށް ނަގައިގަނެވެންވީއިރު ޓެރެސްގައި ހުންނަ ކުދި ގަސްމުށިތައް އެލުވާފައި ހުރި ދަގަނޑު ހަރާ ދިމާއަށް ނޯޔާ ދުއްވައިގަނެއްޖެ އެވެ. އަނުމް އުރާލައިގެން ހުރެ އަސްލަންއަށް ވެސް އެ ދިމާއަށް ދެވުނީ ދުވެފައެވެ. ހަރުގަނޑާއި މަލްސާއާ ދޭތެރެއަށް ނޯޔާ ވަންތަން އަސްލަންއަށް ފެނުނެވެ. ވަނުމަށްވުރެ ނޯޔާ އެ ދިމާއަށް ވެއްޓިގަތީ އެވެ. އެ ހަށިގަނޑުގެ ތެރެއަށް މަލްސާ ލައި ފޮރުވާލުމަށް އުޅުނެވެ. ގަސްމުށިތައް މަދުވީމަ ހަރުގަނޑު އަރި އަޅާލީ ސަކަރާތް ޖަހަމުން މަލްސާ ގޮސް އޭގައި އެލިގަތުމުންނެވެ. ނަމަވެސް އެމީހުންގެ ގަޔަށް އެ ވެއްޓުމުގެ ކުރީން އަސްލަން އެއްއަތުން ހަރުގަނޑު ހިފަހައްޓައި ތެދުކޮށްފި އެވެ. ކޮނޑުގައި ޖެހިފައި ތަޅުން މައްޗަށް ވެއްޓުނު ގަސްމުށިގަނޑު ނޯޔާގެ ފައިކައިރިން ނަގާ ދުރުގައި ބެހެއްޓީ ސާރާ އެވެ. އެކުއްޖާވެސް އިންތިހާއަށް ކަންބޮޑުވެފައި ހުރި ކަހަލައެވެ.
"މަލްކޮ... ތަދުވިތަ؟ ޖެހުނުތަ އެއްވެސްތާކު؟" މަލްސާގެ ދެކޮނޑުގައި ހިފަހައްޓާލައިގެން އިން ނޯޔާ އެއްސެވެ. އޭނާގެ ދެ ލޯ އެކުއްޖާގެ ހަށިގަނޑަށް ގެއްލުމެއް ލިބުނުތޯ ހޯދަމުންދިޔަ އެވެ. ކަނާއަތުގެ ކޮނޑާ ދިމާލުން ތަދުވީ ނަމަވެސް ނޯޔާ އެކަމަށް ފަރުވާލެއް ނުދެވުނެވެ.
"ދެން ހިނގާ އެތެރެއަށް ދަމާ." ނޯޔާ ބުނެލި އެވެ. މަލްސާއަށް ވެސް އިނީ ސިހުމެއް ލިބިފައެވެ. އެކުއްޖާ އަވަހަށް ބަސް ގަބޫލުކުރީ އެހެންވެއެވެ. ތެދުވެގެން ސާރާއާއެކު ހިނގައިގަތީ ހިޔާކޮށްފައި އޮތް ބަޔަށް ދާށެވެ. ނޯޔާ ތެދުވަންދެން އަސްލަން މަޑުކޮށްލި އެވެ. އެއްއަތުން ދަރިފުޅު އުރާލައިގެން ހުރެ އަނެއް އަތް ނޯޔާއަށް ދިއްކޮށްލި އެވެ. އެ އަތުގައި ނޯޔާ ހިފީ ހަރުގަނޑުގައި ހިފައިގެން ތެދުވަން އުޅެނިކޮށް އަނެއްކާ ވެސް އެ ވެއްޓިދާނޭކަން އެނގޭތީ އެވެ. ނޯޔާ ތެދުވި ވަގުތާއި އެއްޗެއް ވީދައިގެން ދިޔަ އަޑު އިވުނެވެ. މާ ދުރަށް ނުދެވި ތިބި ދެބެން ވެސް ހުއްޓި ފަހަތަށް ބަލާލީ އެ އަޑު އިވިގެންނެވެ. ގާތުގައި ހުރި އަސްލަންއަށް ވެސް ބަލާލެވުނީ ނޯޔާގެ ހެދުމަށެވެ.
"އައު..." ތަދުވެގެން ނޯޔާއަށް ބުނެލެވުނެވެ. ތޫނު އެއްޗެއް އަޅައިގަނެއްޖެކަން އޭނާއަށް ޔަގީނެވެ.
"ބަލައިގެން... ދައްކަބަލަ." އަސްލަން ވާހަކަ ދެއްކިއެވެ. ތެމިފޯވަމުން ދިޔަ ނޯޔާގެ ހަށިގަނޑުގައި ހެދުން އައީ ތަތްވަމުންނެވެ. އިރައިގެންކަން ދިޔައީ ޔަގީންވާއިރު އެ ހަށިގަނޑު ފެންނާނޭކަން ނޯޔާއަށް އެނގެ އެވެ. ހެދުމުގެ ފަހަތަށް ބަލަން އުޅުނު އަސްލަންގެ އަތުގައި އޭނާ ވަގުތުން ހިފެހެއްޓީ އެހެންވެއެވެ. ނުބަލާށޭ ބުނާ ފަދައިން ނޯޔާ ބަލާލިއެވެ. އެހެންވިޔަސް އަސްލަން ފެންނަނީ ހާސްވެ ކަންބޮޑުވެފައި ވާތަނެވެ. ނޯޔާއަށް އަނިޔާއެއް ލިބުނީއޭ އޭނާގެ ހިތަށް އަރަނީ އެވެ. ބަލަން ބޭނުންވީ އެހެންވެއެވެ.
"އަނުމް ގޮވައިގެން ދޭ... މިދަނީ..." އަސްލަންގެ ކުރިއަށް ހުރެ ނުދާންވެގެން ނޯޔާ ބުނެލި އެވެ.
ހިޔާކޮށްފައި ހުރި ބަޔަށް ނޯޔާ އައިސް ވަނެވެ. އޭނާ ގެނެސް ބެހެއްޓި ތުވާލިތަކުން ތުވާލި ނަގައި ސާރާއާއި މަލްސާގެ ގައިގާ އޮޅާލިއެވެ. އަސްލަންއަށް އޭނާގެ ފުރަގަސް ފެނިދާނެތީ ނޯޔާ ހުރީ ސަމާލުވެފަ އެވެ. ލިފްޓަށް ފެން އެޅޭ ނެތީ ދެބެންގެ ގައިގާ ރަނގަޅަށް ތުވާލި އޮޅާލައި ހަރުކޮށްލިއެވެ. އިތުރު ތުވާއްޔެއް އޭނާ ނުގެނެއެވެ. ތެމެން ގަސްދުކޮށްފައި ނުވާތީއެވެ. އެހެންވިޔަސް މިހާރު އެތަނުގައި ތެމި ފޯނުވާ އެކަކުވެސް ނެތެވެ. ޓެރެސްއިން ނުކުމެގެން ގޮސް ލިފްޓަށް އެރިއިރު ވެސް ނޯޔާ ދިޔައީ އެންމެންގެ ފަހަތުންނެވެ.
"ލޭ އަންނަނީ..." ސާރާއަށް ނޯޔާގެ ބުރަކަށި ފެނުނީ ލިފްޓު ތެރެއިންނެވެ.
"ނޯޔާ..." އަސްލަން ގޮވާލިއެވެ. ނޯޔާ ބޯހޫރުވާލީ ނިކަން އަވަހަށެވެ. އަސްލަން އެއްޗެކޭ ބުނަން ބޭނުންވީކަން އޭނާގެ މޫނުން ފާޅުވި އަސަރާއި ތުންފަތަށް ގެނައި ހަރަކާތް ހެކިދެއެވެ. ނަމަވެސް އެ ދެ ލޯ ކުދީންނަށް ދަތުރުކޮށްލައި ހިމޭންވި ގޮތުން އޭނާ މިވަގުތު އެއްޗެއް ބުނަން ބޭނުންވީކަން ގައިމެވެ.
ގޭތެރެއަށް ވަދެވުމާއެކު މަލްސާގެ ގައިގާ އަޅާފައި އޮތް ތުވާލި ނައްޓުވާލައި އެ ތުވާލި ނޯޔާގެ ކޮނޑުމަތިން އޭނާ އަޅުވާލިއެވެ. އަނުމް އުރާލަން އަސްލަންގެ ގާތަށް ދިޔައެވެ. ހުރިހާ ކުދީން ގޮވައިގެން ބޮޑު ދެބެންގެ ކޮޓަރިއަށް ނޯޔާ ވަނެވެ. ފާޚާނާއަށް ވަދެ ތެތް ހެދުން ސާރާއާއި މަލްސާ ބޭލީ އަމިއްލައަށެވެ. އަނުމްގެ ހެދުންކޮޅު ބާލުވާ ނެޕީ ވެސް ނައްޓާލުމަށް އެކުއްޖާ ތަޅުމުގައި އޮތް ރަގުމަތީ ބޭންދިއެވެ. ނޯޔާ އައިސް ކުދީންގެ ކޮޓަރީގައި ހުރި ލޯގަނޑު ކައިރީ ހުއްޓުނެވެ. ފަހަތަށް ބަލަންފެށިއެވެ. ލޭ ކުލަ ފެނުނަސް އެ ހިސާބު ރަނގަޅަށް ފެންނަ ގޮތެއް ނުވިއެވެ.
ކޮޓަރިން އަސްލަން ނުކުތްއިރު ދެބެން ތިބީ ސޯފާގައެވެ. އެކުދީންގެ ކައިރީ ހުރި ކޮށްޓަށް އަނުމް ލާފައި އިނެވެ. އަސްލަން ފެނުމާއެކު މަލްސާ ވާހަކަ ދެއްކިއެވެ. މަންމަގެ ބުރަކަށިން ބައިވެރި ލޭ އަޔޭ އެކުއްޖާ ބުނެލީ ކަންބޮޑުކުރާ ހެނެވެ. އެކަމަކު ހަލާކުވީ އެހާ ބޮޑަށް ނޫންކަން ނޯޔާއަށް އެނގެއެވެ. އަސްލަން އައިސް ނޯޔާގެ ކޮޓަރީގައި ޓަކި ދިނެވެ. އޭނާ ދޮރު ހުޅުވާލީ ކުޑަކޮށެވެ. ބޮލުގައި ތުވާލި އަޅާލައިގެން ދޮރާ ނިވާވެ ހުރި ނޯޔާއަށް ލިބުނީ ސިހުމެވެ. ދޮރުފަތުގައި ހިފަހައްޓާލި ގޮތަށް އަސްލަން އެކޮޓަރިއަށް ވަނީއެވެ.
"ވެއިޓް... ޕްލީޒް..." ބޭއިޚްތިޔާރުގައި ނޯޔާއަށް ބުނެވުނެވެ. ނަމަވެސް ފަހަތުން ދޮރުފަތް ކައިރިކޮށްލި އަސްލަންގެ ނަޒަރު ނޯޔާއަށް ހުއްޓިއްޖެ އެވެ. ވަގުތުން އެނބުރިލެވުނު އިރު އެ ދެ ލޮލަށް ފެނުނު މަންޒަރު ސިކުނޑީގައި ކުރެހިގެން ހިނގައްޖެއެވެ. ހުއްދަ ހޯދުމެއްނެތި ކުއްލިއަކަށް އެ ކޮޓަރިއަށް ވަދެވުނީތީ އަސްލަން ވެސް ލަދުގަނެއްޖެ އެވެ. ޓީޝާޓުކޮޅުން ކިރިޔާ ބުޑުނިވާވާއިރު ނޯޔާގެ ދެފައި އޮތީ ހާމައަށެވެ. އެނދުމަތީ ނޯޔާގެ ހަރުވާޅާއި ހެދުމުގެ އެތެރެއިންލާ އެއްޗެހި ހުއްޓާ ފެނުނެވެ.
"ސޮރީ..." ނޯޔާއަށް ފުރަގަސް ދީގެން ހުރެ އަސްލަން ބުނެލީ ނިކަން އަވަހަށެވެ. އެނދުމަތީ އޮތް ހަރުވާޅަށް ދަމައިގަނެ ހަލުވިކަމާއެކު އަވަސްއަވަހަށް ނޯޔާ ހަރުވާޅު ލައިފިއެވެ. އަދި އެނދުގެ ކުއިލްޓުގެ ދަށަށް ދެން ހުރި އެއްޗެހިތައް ވައްދާ ފޮރުވާލިއެވެ. ތުންފިއްތާލުމާއެކު ފުރަގަސްދީގެން ހުރި އަސްލަންގެ ބުރަކަށީގައި ތަޅައިގަންނަން ނޯޔާ ބޭނުންވި އެވެ. އެއީ ނޯޔާގެ ކޮޓަރިއޭ ބުނެ ކައިވެނި ކުރި ރޭ އެކޮޓަރިން ނުކުތް ގޮތަށް އަސްލަން އެ ކޮޓަރިއަކަށް ނުވަދެ އެވެ. ކުއްލިއަކަށް އައިސް އެގޮތަށް އެ ކޮޓަރިއަށް އަސްލަން ވަންނާނޭ ނޯޔާއަށް ހީނުކުރެވުނީ އެހެންވެއެވެ. ލަދުންގޮސް ތުންފަތުގައި ދަތްއަޅާލެވުނުއިރު އިންތިހާއަށް ނޯޔާގެ ހިތުގެ ތެޅުން ބާރުވެއްޖެއެވެ.
"ކީއްވެ ވަނީ؟" ނޯޔާގެ އަޑުގައިވަނީ ޝަކުވާއެވެ.
"ސޮރީ... ނޯޔާ..." އަސްލަން މަޑުމަޑުން އެނބުރިލި އެވެ. ދެއަތް އުރާލައިގެން ނޯޔާ ހުރީ އަސްލަންއަށް ނުބަލަންކަން އެނގެއެވެ.
"ބައިވަރު ލޭ އައި ވާހަކަ މަލްސާ ބުނި... ޕްލީޒް... ޝޯ މީ... ބޭހެއް އަޅަން ޖެހެންޏާ ވެސް އެނގޭނީ އޭރުން، މިވަރުކަމެއްގައި މަންމަ ގެނެސްފިނަމަ ހީކުރާނީ ކީކޭ، މަންމަ ގެންނާކަށް ނުކެރޭނެ..." އަސްލަން ބުނަން އުޅޭ އެއްޗެއް ނޯޔާއަށް ވިސްނުނެވެ. އޭނާއަށް ވެސް ބުރަކަށްޓަށް ވެފައި ހުރި ގޮތެއް ރަނގަޅަށް ނުފެނެއެވެ. ހީވަނީ ހެދުން އިރައިގެން ދިޔައިރު އަޅައިގަތް ގޮތުން ހަންދިޔައީ ހެންނެވެ.
ބޮލުގައި އޮތް ތުވާލި ނޯޔާ ނެގިއެވެ. އޭނާގެ ހަރަކާތްތަކުގައިވީ ލަސްކަމެވެ. ޖެހިލުންވުމެވެ. ނިއުޅިގެން ވެއްޓުނު އިސްތަށިގަނޑު ވައަތްފަރާތު ކޮނޑުމަތިން ކުރިމައްޗަށް ގެނައެވެ. އަސްލަންއަށް ފުރަގަސް ދީ ޓީޝާޓުގެ ކަރުގައި ހިފައި ކަނާއަތް ފަރާތުން ތިރިކޮށްލަމުން ތަދުވަނީ އެފަރާތައް ކަމަށް ނޯޔާ ބުނެލިއެވެ.
"މިހެންނެއް... ނުފެނޭ..." ކަރުވަޅުން ބަލަން އުޅެ ފެންނަ ގޮތަށް ނުވުމުން އަސްލަންއަށް ބުނެވުނެވެ. ވަގުތުކޮޅަކަށް ނޯޔާ ހަރަކާތެއް ނުކޮށް ހުއްޓެވެ. ދެން ޓީޝާޓުގެ ދެ އަރިމަތީ ހިފައި އުފުލަން ފެށީ މަޑުމަޑުންނެވެ. ދެ ލޯ މަރާ ތަގުޅިކޮށްލައިގެން ހުރެއެވެ. ދަތްތަކަށް ބާރުކޮށްލެވިފައި ހުރެއެވެ. އަސްލަންގެ ދެތުންފަތް ދުރުވެލި ހިނދު އޭނާގެ ނިތަށް ރޫގިނަވެލިއެވެ. ނޯޔާގެ ހިމަ އުނަގަނޑާއި ކުލައަލި އޮމާން ހަންގަނޑު ކަޝްފުވަމުންދާއިރު ޚުދު އޭނާގެ ހިތުގެ ތެޅުން ވެސް އަވަސްވަމުން އައެވެ. ކުރިއަށް އަޅާލި ފިޔަވަޅާއެކު ދެމެދުގައިވި ދުރުކަން ނެތިކޮށްލީ އަސްލަންއެވެ. ނޯޔާ ހުއްޓުން އަރާފައި ހުރުމުން ފުރަގަހުން ޓީޝާޓުގައި އަސްލަން ހިފާލިއެވެ. އޭނާގެ އިނގިލިތައް ބުރަކަށީގައި ބީހިލީ ކިތަންމެ ކުޑަކޮށް ނަމަވެސް ނޯޔާ ސިހުނެވެ.
"މަންމާ..." ތަންމިނަށް ހުޅުވުނު ދޮރާއެކު މަލްސާގެ އަޑު އިވުނެވެ. ނޯޔާއަށްވުރެ ބޮޑަށް އަސްލަން ސިހުނެވެ. ހީވީ ސިއްރުކަމެއް ކުރަނިކޮށް ފަޅާއެރީ ހެންނެވެ. ނޯޔާ ދެން ވެސް ހުރީ ހަރަކާތެއްކޮށްލަން ނޭނގިފައި ކަހަލައެވެ.
"މަލް ބަލަން ބޭނުން... ޑެޑީ ބޭސް މަލަން އަޅާބާ." މަލްސާއަށް ނޯޔާއާއި އަސްލަންއާ ދެމެދަށް ވެރިވެފައިވާ ހިމޭންކަން ދެނެގަނެވޭ ވަރަށްވުރެ އެކުއްޖާގެ ސިކުނޑި ޅައެވެ. ނޯޔާގެ ޓީޝާޓު ހިއްލާލައިގެން އަސްލަން ހުރިއިރު އެ މަންޒަރު ފެނިގެން އެކުއްޖާއަށް އުނދަގޫވެގެން ނޫޅެ އެވެ. އޭގެ ބަދަލުގައި ނޯޔާއަށް ލިބުނު އަނިޔާ ދުށުމަށް އެކުއްޖާ ވަނީ ބޭނުންވެފަ އެވެ.
"ފުނެއް ނޫން، ދިގު ރޮނގެއްހެން ހުރީ... މިހާރު ލެޔެއް ނާދޭ، އެކަމަކު ލޭ ކުލަ އަދިވެސް އެބަހުރި..." އަސްލަން ބަލަން ހުރެ ވާހަކަ ދެއްކިއެވެ.
"މަންމާ ތަދުވޭތަ؟" ބޯއަރިކޮށް އަތްދަށުން ނޯޔާގެ މޫނަށް ބަލަމުން މަލްސާ އަހާލިއެވެ.
"ކުޑަކޮށް..." ނޯޔާ ބުނެލި އެވެ. އޭނާގެ ޓީޝާޓު ތިރިކޮށްލަ ދިނުމާއެކު އުނަގަނޑުގެ ދެފަރާތުން އަސްލަން ހިފާލިކަން ނޯޔާއަށް އިހްސާސް ކުރެވުނެވެ. އެއްއަތުން މަޑުމަޑުން ފިރުމާލުމުން އިތުރަށް ނޯޔާ ހައިރާން ކުރުވިއެވެ. އަސްލަންގެ އަތްތިލަމަތީ ނޯޔާއަށް އަތްޖައްސާލެވުނެވެ. ދެއަތުގެ އިނގިލިތައް މަހާލުމަށް އަސްލަން އުޅުނު ފަދަ ހަރަކާތެއްކޮށްލިއެވެ. ނަމަވެސް އޭނާ އަތް ދުރުކޮށްލީ ހަމަކުއްލިއަކަށެވެ. ނޯޔާއަށް އެނބުރި އަސްލަންއަށް ބަލާލެވުނެވެ. އޭނާ ނޯޔާއަކަށް ނުބެލިއެވެ. މަލްސާއާ ވާހަކަދައްކަމުން އެކުއްޖާ އެ ކޮޓަރިން ނެރެން އުޅުނެވެ.
"މަލް މަންމަ ކައިރީ ހުންނާނީ." އަސްލަން ނެރެން އުޅެން ފެށުމުން މަލްސާ ބުނެލިއެވެ. ނޯޔާ ބޯ ޖަހާލުމާއެކު އަތްދިއްކޮށްލި އެވެ. ނަމަވެސް އަސްލަން ބަލައެއްނުލި އެވެ. އޭނާ މަޑުޖެހިލާފައި ވެސް އެ ކޮޓަރިން ނުކުތީ އެވެ.
ނޯޔާ ތައްޔާރުވާން އުޅުންއިރު އޭނާގެ އެއްޗެހި ހާވާ ބަލަން މަލްސާ އުޅެއެވެ. ލިފްސްޓިކު ފެނުމުން އެ ޖައްސަން އެކުއްޖާ ބޭނުންވިއެވެ. ގްލޮސް ފުޅި ނަގައި އޭގެ ދަނޑިކޮޅުން މަލްސާގެ ތުންފަތުގައި ކިރިޔާ ޖެހޭވަރަށް ނޯޔާ ޖައްސާލަ ދިނެވެ. އެކުއްޖާ ލޯގަނޑު ކުރިމަތީ ތުއިވެލިއިރު ހީވީ އުފަލުން އުދައްސައިގަނެދާނެ ހެންނެވެ.
ސޯފާގައި އިނދެފައި ދޭތެރެއަކުން ސާރާ އެނބުރި ނޯޔާގެ ކޮޓަރިއަށް ބަލާލައެވެ. މަލްސާ އެ ކޮޓަރީގައިވުމުން އޭނާ ވެސް ދާހިތުން އިން ކަހަލައެވެ. ނަމަވެސް އޭނާގެ ބައްޕަ ފަދައިން ކަންކަމަށް އިސްނަގަން ނުކެރިފައި ކަހަލައެވެ.
"ދޭބަލަ މަލް ކުރާކަމެއް ބަލާލަން." ދަރިފުޅުގެ ހަރަކާތްތައް ފާހަގަވުމުން އަސްލަން ބުނެލިއެވެ. ސާރާ ދެފަރާތަށް ބޯހޫރުވާލީއެވެ.
ހަވީރު ސައިގެ ކަންތައްތައް ނިމުނުއިރު ވެސް ނޯޔާއަށް އަސްލަންއާ ވާހަކަދައްކާލާނޭ ފުރުސަތެއް ނުލިބުނެވެ. އަސްލަން އެ ފުރުސަތު ނުދިނީއެވެ. އެހެންނަމަވެސް ރޭގަނޑު އަނުމް ނިންދަވަން ވަންނަމުން ސޯފާގައި އިން އަސްލަން ގާތު ވާހަކައެއް ދައްކާލަން އޮތްކަން ބުންޏެވެ. ސާރާއާއި މަލްސާގެ ކޮޓަރިއަށް ވަންގޮތަށް އަސްލަން ނުކުންނަން ނޫޅޭހެން ނޯޔާއަށް ހީވިއެވެ. އޭނާ ކޮޓަރިއަށް ވަނީ އެހެންވެއެވެ.
ސާރާއާއި މަލްސާގެ ކޮޓަރިން ނުކުތް އަސްލަންއަށް ބަދިގެއާއި ސިޓިންރޫމުން ނޯޔާއެއް ނުފެނުނެވެ. އެއީ އޭނާ ބޭނުންވީ ގޮތް ކަހަލައެވެ. ނަމަވެސް ކޮޓަރިއަށް ވަންނަން ފިޔަވަޅު ނަގާފައި ވެސް އަސްލަން ހުއްޓިއްޖެ އެވެ. ދެ ފިކުރެއްގައި ހުރެ މަޑުމަޑުން އޭނާ އައިސް ހުއްޓުނީ ނޯޔާގެ ކޮޓަރި ދޮރުމަތީ އެވެ. ޚިޔާލުތަކެއްގައި ބަނދެވިފައި ހުރި މީހަކު ފަދައިން ދޮރާ ދިމާއަށް ބަލަން ހުރެފައި އަސްލަން ފުންނޭވާއެއް ދޫކޮށްލި އެވެ. މޫނުގައި ހާކާލެވުނު ދެއަތްތިލައިން އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ދެން ހިއްލާލައިގެން ހުރި ކަނާއަތްތިލައިން އެ ކޮޓަރީގައި އަސްލަން ޓަކިދީފި އެވެ.
"އައި ކާންޓް... މިރެއަކުނޫން..." ދެފަރާތަށް ބޯހޫރުވާލުމާއެކު އަސްލަން އެނބުރިލި އެވެ.
"ދަނީތަ؟" ހުޅުވުނު ދޮރާއެކު ނޯޔާގެ އަޑު އިވުނެވެ. (ނުނިމޭ)