މުހައްމަދު ސައީދު

ގައިޑްލައިންތަކުން ވިޔަފާރިއަށް ގެއްލުންވާތީ މައްސަލަ ވައްދައިފި

އެޗްޕީއޭގެ ގައިޑުލައިންގެ ސަބަބުން ކެފޭ ރެސްޓޯރެންޓް ފަދަ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވާތީ އަވަސް ފިޔަވަޅު އަޅަން ގޮވާލައްވައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުއްލި މައްސަލައެއް މަޖިލީހަށް ހުށަ އަޅުއްވައިފި އެވެ.

ސައީދުގެ ކުއްލި މައްސަލައިގެ ލިޔުމުގައި އެޗްޕީއޭގެ ގައިޑުލައިނުގެ ސަބަބުން ރާއްޖޭގެ އެކި ރަށް ރަށާއި މާލޭ ސަރަހައްދުގެ ވިޔަފާރި ކުރާ އެތައް ފަރާތެއް ގޮތް ހުސްވެފައި ވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި ކެފޭ ރެސްޓޯރެންޓާއި ކުދި ވިޔަފާރިތަކުގެ އިތުރުން ޓެކްސީ އާއި ޕިކަޕް ހިދުމަތްތައް ދޭ ފަރާތްތަކުގެ ވިޔަފާރިތަށް ހީނަރުވަމުން އަންނާތީ އެކަމަށް އަވަސް ފިޔަވަޅެއް އަޅަން ވެސް އެދި ވަޑައިގެންފައި ވެއެވެ.

ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ މާލޭގައި ކެފޭ ރެސްޓޯރެންޓްތައް ރޭގަނޑު 8:00 ގައި ބަންދު ކުރަން ވަނީ އަންގާފަ އެވެ. އޭގެ ސަބަބުން މާލޭގައި ހިންގާ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

ސައީދު ކުއްލި މައްސަލައެއް ހުށަހެޅުއްވެވި އިރު އެހެންވެ މާލެ ސިޓީ ކަައުންސިލާއި ސަރުކާރުން އެއީ ސީރިއަސް ކަމެއްގެ ގޮތު ބަލަން ކަމެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ގޮވާލައްވާފަ އެެވެ.