ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އެއްވެސް ޕްރެޝަނެއް ނުވަތަ ބިރެއް ކުރިމަތިވޭތޯ ބަަލަން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.
އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ކެފޭ އަދި ރެސްޓޯރެންޓްތަކުގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންވަމުންދާތީ އިއްޔެ ވަނީ މައިމޫނާއާއެކު އެޗްޕިއޭގެ އިސްވެރިން މަޖިލީހުގެ އިގްތިސާދީ ކޮމެޓީއަށް ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި މައިމޫނާއަށް އެއްވެސް ނުފޫޒެއް އޮވޭތޯ ވެސް ބައެއް މެމްބަރުން ވަނީ އެކަމަނާގެ ކައިރިން އައްސަވައިފަ އެވެ.
ނަމަވެސް އެ ބައްދަލުމުގައި މައިމޫނާ ޖަވާބު ދެއްވިގޮތާމެދު ސައީދު މިއަދު މަޖިލީހުގައި މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ހަމަ ވަރަށް ސާފުކޮށް [މައިމޫނާ] ވިދާޅުވީ ތިމަންނަގެ އަމަލުތައް ބައްޓަން ކުރަނީ ތިމަންނަގެ ބެލެނިވެރިޔާގެ ފަރާތުންނޭ. ދެން އެ ބެލެނިވެރިޔާއަކީ ކޮބައިތޯ އަޅުގަނޑުމެން ސާފުކުރިން. އެއީ ހެލްތު މިނިސްޓަރުގެ ވާހަކަ. ހެލްތު މިނިސްޓަރު ނިސްބަތްވަނީ ސިޔާސީ މި ނިޒާމުގައި ސަރުކާރު. އެ ޖުމްލައިން ކުރިގޮތަކަށް އެ ކަމަނާގެ ޑިޕްލޮމަސީގެ ތެރެއިން ކުރުގޮތަކަށް އެ ވިދާޅުވީ ސަރުކާރުން ނުފޫޒެއް ފޯރުވަނީތޯ ނުވަތަ އެއްވެސް ކަަހަލަ ބިރުވެރިކަމެއް އެކަމަނާއަށް ކުރިމަތިވަނީތޯ އެބަޖެހޭ ސާފުވާން" ސައީދު ވިދާޅުވި އެވެ.
މައިމޫނާގެ މައްޗަށް ނުފޫޒެއް އޮވެދާނެކަމުގެ ކަމަށް ބެލެވޭ އެހެން ވާހަކައެއްވެސް މިއަދު ސައީދު ފާހަގަކުރެއްވި އެވެ.
"އެކަމަނާގެ ސޮއި އެކަމަނާގެ ހުއްދަ ނެތި ޑީޖީގެ ސްޓޭމްޕާއި ސޮއި ބޭނުންކުރާ ކަހަލަ މޭރުމަކުން ހެލްތު މިނިސްޓްރީގެ ގާނޫނީ ބޭފުޅަކު ކޮމެޓީގައި އިންނަވައިގެން ވާހަކަ ދެއްކެވި" ސައީދު ވިދާޅުވި އެވެ.
އެޗްޕީއޭއަށް ސިޔާސީ ނުފޫޒް ފޯރައިފައިވާކަމަށް އިދިކޮޅުގެ އިތުރުން ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ދަނީ ވިދާޅުވަމުން ނެވެ. އެގޮތުން ކޮވިޑާ ގުޅިގެން އެކުލަވާލައިފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމްގެ މެމްބަރުން އެޗްޕީއޭ ހިސާރުކޮށް އެ މީހުންނަށް މާލީގޮތުން މަންފާ ލިބޭ ގޮތަށް ނިންމުންތައް ނިންމަމުންދާކަމަށް މެމްބަރުން ވަނީ ތުހުމަތުކުރައްވައިފަ އެވެ.