މާލޭގެ ވިޔަފާރި ބަނދަރުގައި ދާދި ފަހުން ހިނގި ދެ އެކްސިޑެންޓާއި ގުޅިގެން ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް (އެސްއޯއީ) ކޮމިޓީން އެކުލަވައިލާ ރިޕޯޓުގައި ސޭފްޓީ އަދި ރިސްކް ގާނޫނެއް އެކުލަވައިލުމުގެ އިތުރުން އަށް ކަމެއް ހިމަނަން ހުށަހަޅައިފި އެވެ.
އެސްއޯއީ ކޮމެޓީން އެމްޕީއެލްގެ ވެރިންނާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިސް ބޭފުޅުން ހާޒިރުކޮށް ކުރިން ހޯދި މައުލޫމާތުތަކުގެ މައްޗަށް އެކުލަވައިލާ ރިޕޯޓުގައި އިތުރު ކަންކަން ހިމަނަން ބޭނުންވާތީ މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ވަނީ އެކަންކަން ހުށަހަޅުއްވާފަ އެވެ.
މިއަދު ކޮޓީ ކުރިޔަށް ގެންދެވީ ނައިބު މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ.
ކޮމެޓީގައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވަނީ ހަ ކަމެއް ހުށަހަޅުއްވާފަ އެވެ. އޭގެތެރޭގައި ސަރުކާރުން ސޮއި ކޮށްފައިވާ މުއާހަދާއެއް ކަމަށްވާ ސޭފްޓީ އޮފް ލައިފްގެ ދަށުން ބަނދަރުތަކުގެ ސެކިއުރިޓީ އާއި ސޭފްޓީ ގާނޫނެއް އެކުލުމަށް ޓްރާންސްޕޯޓް އޮތޯރިޓީއަށް އެންގުމާއި، ބަނދަރުގައި ހިނގާ ކަންކަން މޮނީޓާ ކުރުމަކީ މުހިންމު ކަމަކަށް ވާތީ ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެމްޕީއެލްއަށް ބަނދަރުގައި ހިނގާ ކަންކަން ބަލައި މައްސަލައެއް ދިމާވެއްޖެނަމަ އެކަންކަން ރިޕޯޓް ކުރާނެ ނިޒާމެއް ގާއިމުކުރަން އެންގުން ހިމެނެ އެވެ.
އަދި ކޮންޓެއިނާ ޔާޑާއި ޕޯޓް ކްލިއަރިން އޭރިއާ ވަކި ކުރުމާށާއި ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫ އަދި ހުޅުމާލެ ޕޯޓް ފެސިލިޓީސްގެ އެސެސްމެންޓެއް ހެދުމަށްފަހު ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅަން އެމްޕީއެލަށް އަންގަންވެސް އޭނާ ހުށަހެޅުއްވެވި އެވެ.
ކިނބިދޫ ދާއިރާ މެމްބަރު މުހައްމަދު ނާޝިޒް ވެސް ވަނީ ތިން ކަމެއް ރިޕޯޓުގައި ހިމަނަން ހުށަހަޅުއްވާފަ އެވެ. އޭގެތެރޭގައި ހިނގައިދިޔަ ދެ އެކްސިޑެންޓްގެ ޖިނާއި ތަހުގީގު ޕޮލިހުން ހިންގުމަށް ފަހު އެ ރިޕޯޓް ކޮމިޓީއާ ހިއްސާ ކުރުމަށާއި، އެކްސިޑެންޓް އިންވެސްޓިގޭޝަން ރިޕޯޓުގައި ފާހަގަ ކޮށްފައިވާ އިހުމާލުވެފައިވާ މުވައްޒަފުންނާމެދު ފިޔަވަޅު އެޅުން އަވަސް ކުރަން އެންގުން ހިމެނެ އެވެ. އަދި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އިހުމާލުގެ ހާދިސާތައް ނުހިނގާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެމްޕީއެލްއަށް އަންގަން ވެސް ހުހެޅުއްވެވި އެވެ.
މި މައްސަލައާއި ގުޅިގެން އެކުލަވައިލާ ރިޕޯޓްގައި އެ ކަންކަން ހިމަނަން ކޮމިޓީން މިއަދު ވަނީ ފާސް ކޮށްފަ އެވެ.
އެމްޕީއެލްގެ ޕޯޓް ސަރަހައްދުގައި ހިނގައިދިޔަ މި ދެ އެކްސިޑެންޓްގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. އެ ދެ މީހުންނަކީ ވެސް އަލަށް މަޖޫރީންގެ ގޮތުގައި މަސައްކަތްކުރަން ފެށީ ދެމީހުނެވެ. އެމީހުންނަށް އެއްވެސް ތަމްރީނެއް ދެވިފައި ނުވާ ކަމަށް އެމްޕީއެލްގެ މެނޭޖްމަންޓުން ކޮމިޓީގައި ކުރިން ވަނީ ބުނެފަ އެވެ.
ގާތްގާތުގައި ހިނގި ދެ އެކްސިޑެންޓްގައި މަރުވި ދެ މީހުންނަކީ ވެސް އޯވާ ވޯކް ކޮށްފައިވާ ދެ މީހުންނެވެ. އެމީހުން ނުނިދާ 12 ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކޮށްފައިވާތީ އެކަމުގައި އެމްޕީއެލްގެ އިހުމާލު އޮތްކަމަށް ކޮމިޓީގައި ކުރިން ބުނެފައި ވެއެވެ. އަދި އެއީ އެމީހުންގެ ރައްކާތެރިކަމާއި ސަލާމަތަށް އެމްޕީއެލާއި ޓްރާންސްޕޯޓް އޮތޯރިޓީން މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާތީ ދިމާވި ދެ ހާދިސާ ކަމަށްވެސް ކޮމެޓީން ވަނީ ބުނެފަ އެވެ.