މާލޭގެ ވިޔަފާރި ބަނދަރުގައި ވޭތުވެދިޔަ އަހަރު ތަކުގައި ހިނގާފައިވާ އެކްސިޑެންޓްތަކާއި ގުޅިގެން އެހެން އިދާރާތަކުން އެ މައްސަލަތައް ތަހުގީގުކުރުމަށްފަހު އިސްލާހުކުރަންޖެހޭ ކަންކަން ރަގަޅުކުރުމަށް ލަފާ ދީފަ އިނުވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
އެމްޕީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ރިސްކް އޮފިސަރު އިބްރާހިމް ޒާހިރު ވިދާޅުވީ، އަބަދުވެސް ދައްކާ ވާހަކައަކީ ބަނދަރުގައި ރިސްކް އެސެސްމެންޓެއް ނުހެދޭ ވާހަކަ ކަމަށާއި އެތަނުގައި އެއްވެސް އުސޫލެއް ނެތް ކަމުގެ ވާހަކަތައް ކަމަށެވެ. އެހެންނަމަވެސް ވޭތު ވެދިޔަ އަހަރުތަކުގައި ހިނގާ ދިޔަ އެކްސިޑެންޓްތަކުގެ މައްސަލަ ތަހުގީގުކުރާ އެއްވެސް ފަރާތަކުން ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން އެއްވެސް ކަހަލަ ލަފައެއް އެ ކުންފުންޏަށް ދީފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަބަދުވެސް އެކްސިޑެންޓެއް ހިނގީމަ ފުލުހުން އައިސް މިއީ ޖިނާއީ ކަމެއްތޯ ނޫނީ ގަސްތުގައި ކުރި ކަމެެއްތޯ ބަލަނީ. ހެލްތް އެންޑް ސޭފްޓީ އެކްސްޕެކްޓަކުން އިންވެސްޓްކޮށްފަ ނުދޭ ރިކޮމެންޑޭޝަނެއް" ޒާހިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނދަރުގައި އެކްސިޑެންޓެއް ހިނގައިފިނަމަ އެކަން ހިނގައި ދިޔަ ގޮތް ބަލާއިރު ގިނަފަހަރު ހާދިސާ ހިނގަން މެދުވެރިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ކޮންމެވެސް ފިޔަވަޅަކަށް އަމަލުނުކުރުމުގެ ސަބަބުން ކަމަށެވެ.
ޒާހިރު ވިދާޅުވީ އެމްޕީއެލް އިން އަބަދުވެސް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އަމަލުކޮށް، ރިސްކް އެސެސްމަންޓްތައް ވެސް ހަދަމުންދާ ކަމަށެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ ބަނދަރަށް ވަދެ ނިކުމެ ހަދާ މުވައްޒަފުން އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށް ބަނދަރަށް ވަދެ ނިކުމެ ހެދުމަށް ފުރުސަތު ނުލިބޭ ގޮތަށް 2019 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އުސޫލު ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން އެމްޕީއެލްގައި ސޭފްޓީ އެސެސްމެންޓެއް ހަދާފައި ނެތްކަން ވެސް އެމްޕީއެލް އިން ފާހަގަކުރެ އެވެ.
ވިޔަފާރި ބަނދަރުގައި މި ފަހުން ނުރައްކާތެރި ދެ އެކްސިޑެންޓްޓެއް ހިނގައި އެތަނުގައި މަސައްކަތްކުރި ދެ މަޖޫރީން ވަނީ މަރުވެފަ އެވެ. ދެ މީހުންނަކީ އެއްވެސް ކަހަލަ ތަމްރީނެއް ލިބިގެން މަސައްކަތަށް ދިޔަ ބައެއް ނޫން ކަމަށާއި އެމީހުން ލައްވައި މާގިނައިރު މަސައްކަތް ކުރުވާފައިވާ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވަނީ ވިދާޅުވެފަ އެވެ.
މިހާދިސާ ހިނގައި ދިޔަގޮތް ތަހުގީގުކޮށް އެސްއޯއީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ އެކަމުގައި ޒިންމާ ވާން ޖެހޭ ފަރާތްތަކާ މެދު ޖިނާއީ ތަހުގީގެއް ހިންގުމަށް ލަފާ ދީފަ އެވެ.