ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑު ބޭބެ ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ހައްޔަރު ކުރީ، "ދެން ގޮއްވާލާނީ ރައީސް" ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންއަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއްގައި ކަމަށް އެނގިއްޖެ އެވެ.
ހާމިދުގެ ވަކީލް ހުސްނުއްސުއޫދު ވެސް މިއަދު ވިދާޅުވީ، ހާމިދު މެލޭޝިޔާގައި ހުއްޓާ ހައްޔަރުކޮށްގެން ގެނައީ ރައީސްއަށް އިންޒާރުދިން ކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ހާމިދުގެ ގެ، މ. ޝުރާ މަންޒިލަށް ފުލުހުން ވަދެ ފާސްކުރާތީ ހާމިދު އެކަމާ ހިތްހަމަ ނުޖެހިގެން ވައިބަ މެދުވެރިކޮށް ރައީސްއަށް މެސެޖް ކުރުމުން، ރައީސް ވަނީ އެކަން ފުލުހުން ކުރަނީ އެކަށީގެންވާ ސަބަބުތައް ހުރެގެން ކަމަށް ވިދާޅުވެފަ އެވެ. އެހެން ރައީސް މެސެޖް ކުރެއްވުމުން ހާމިދު ވަނީ ތިގޮތަށް ކަންތައްތައް ކުރާ ނަމަ ދެން ގޮއްވާލާނީ ސީދާ ރައީސް ކަމަށް ބުނެ ރައީސް އަށް މެސެޖެއް ކޮށްފައި ކަމަށް ވެސް އެނގިފައިވެ އެވެ. ފުލުހުން ތަހުގީގުގައި ސުވާލު ކުރަނީ ވެސް އެފަދަ އިންޒާރުތަކެއް ހާމިދު ރައީސްއަށް ދިން ސަބަބާ މެދު ކަމަށް އެނގިފައިވެ އެވެ.
ހާމިދުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ މިހާރު 15 ދުވަހުގެ މުއްދަތު ޖަހައިފަ އެވެ. ފުލުހުން ބުނީ ހާމިދު ހައްޔަރު ކޮށްފައި ހުރީ ބަލަމުން ދާ މައްސަލައެއްގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ހާމިދަކީ ޕީޕީއެމްއަށާއި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ހަރަކާތްތަކަށް ފަންޑު ކުރައްވާ ވިޔަފާރިވެރި އެކެވެ. ޝުރާމަންޒިލް ފާސްކުރީ ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ހެކިތައް ނައްތާލުމަށް މަސައްކަތް ކުރަމުން އަންނާތީ ކަމަށް ބުނެ އެވެ.