ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ބަނގުލަދޭޝްއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި އަދި ސަރުކާރުގެ އިސް އޮފިޝަލުންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ގަތަރަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ނިމިދިޔަ ސަރުކާރުގައި މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީ ގުޅުން މި ސަރުކާރުގައި އަލުން ގާއިމުކުރުން ފާހަގަކުރެއްވުމާ ދެ ގައުމުގެ ޒަމާންވީ ބަދަހިގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ، ބަނގުލަދޭޝްއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާ އެމަނިކުފާނުގެ އަނބިކަނބަލުންނާ ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދު ބަނގުލަދޭޝްއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާރިޗު 17 ވަނަ ދުވަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި "ބާތު ސެންޓެނަރީ އޮފް ޝެއިހް މުޖީބުއްރަހްޙްމާން"ގެ ރަސްމީ ގަފްލާގައި ބައިވެރިވެ ވަޑައިގެންނެވުމުގެ އިތުރުން ބަނގުލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތްކުރެއްވުމާއި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައި އެކިދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ބަނގުލަދޭޝްގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ އަނބިކަނބަލުންނާ ދިވެހި ވަފުދުގެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި މާރިޗު 20 ވަނަ ދުވަހުގައެވެ.