ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

މިވަގުތު ހުރީ 5،886 ވެކްސިން ޑޯޒް

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިވަގުތު ރާއްޖޭގައި ހުރީ 5،886 ވެކްސިން ޑޯޒެވެ. ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މިިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.

މިހާތަނަށް ރާއްޖެއިން 206،114 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ. މިއަދު ވަނީ 7،908 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 4،941 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 2،967 މީހެކެވެ. މިހާތަނަށް މާލެ ސަރަހައްދުން 116،636 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 89،478 މީހަކަށް ވެކްސިން ދީފައިވެއެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ވެކްސިނެވެ. އެއީ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. ރާއްޖެއަށް އިންޑިއާ ސަރުކާރުން ވަނީ 200،000 ޑޯޒް ވެކްސިން ހަދިޔާކޮށްފައެވެ. އަދި ކޮވެކްސް ފެސިލިޓީއިން ރާއްޖެއަށް 12،000 ކޮވިޑް ވެެކްސިން ޑޯޒް ވަނީ ހަދިޔާކޮށްފައެވެ.

އެހެން ކަމުން ރާއްޖެއަށް ޖުމްލަ ލިބިފައިވަނީ 212،000 ޑޯޒެވެ. މިހާތަނަށް 206،114 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވާއިރު ބާކީ ހުންނާނީ 5،886 ޑޯޒެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މާދަމާ ހުއްޓާލަން ވަނީ ނިންމާފައެވެ. އެ ނިންމުމާއި ގުޅިގެެން މިދިޔަ ވެކްސިން ޖެހުމަށް ތިން ދުވަހުވެސް ރެކޯޑް އަދަދަކަށް މީހުން ވެކްސިން ސެންޓަރުތަކަށް ގޮސްފައިވެއެވެ.

އެޗްއީއޯސީން ބުނީ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިންތާ 8 ހަފްތާ ފަހުން ކަަމަށް މޯލްޑިވްސް ޓެކްނިކަލީ އެޑްވައިޒަރީ ކޮމެޓީން ނިންމާފައިވާއިރު އޭޕްރީލް މަހުގެ ތެރޭގައި ދެވަނަ ޑޯޒް ދޭން ފެށޭނެ ކަމަށެވެ. އެހާތަނަށް ވެކްސިން ލިބޭނެ ކަމަަށްވެސް ބުންޏެވެ. އެ ގޮތުން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓެޑުން ތިން ލައްކަ ވެކްސިން ޑޯޒް ގަންނަން ނިންމާ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން ޗައިނާއިން އުފެއްދި ވެކްސިނެއްވެސް ރާއްޖޭގައި އެބަހުއްޓެވެ. ނަމަވެސް އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދައެއް އަދި ނެތެވެ. އެ ވެކްސިން ބޭނުން ކުރަން ފެށޭނީ ހުއްދަ ލިބުމުން ކަމަށް އެޗްއީއޯސީން މިރޭ ބުންޏެވެ.