ބޮލީވުޑް

ކުޑަ އުޖޫރައަކަށް މަސައްކަތް ނުކުރަން ސޯނަމް ގޮވާލައިފި

Nov 2, 2015

ބޮލީވުޑްގެ ބަތަލުންނާއި ބަތަލާއިންގެ ދެމެދުގައި އޮންނަ މުސާރައިގެ ފަރަގުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މިއީ ބަތަލާއިންގެ އެންމެ ބޮޑު ޝަކުވާއަށް ވާއިރު، އަދިވެސް ފިލްމުތައް ކުޅެގެން ބަތަލުންނާއި ބަތަލާއިންނަށް ދޭ މުސާރައިގެ ފަރަގު ބޮޑުކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެހެންނަމަވެސް ބަތަލާ ސޯނަމް ކަޕޫރު ދެކޭ ގޮތުގައި ކުޑަ މުސާރައެއް ލިބޭ ކިޔައިގެން ޝަކުވާ ކުރުމުގެ ބަދަލުގައި، އަންހެނުންނަށް ކުޑަ މުސާރަ ދޭ މީހުންނާއި އެކު މަސައްކަތްކުރުން ހުއްޓާލަން ޖެހެ އެވެ.

މިހާރު މުމްބައިގައި ކުރިއަށްދާ 17ވަނަ މުމްބައި ފިލްމު ފެސްޓިވަލްގައި ވާހަކަދައްކަމުން ސޯނަމް ވަނީ ފިރިހެނުންނާއި އަންހެނުންގެ މުސާރައިގައި ގެންގުޅޭ ފަރަގު އޭނާއަށް އެނގޭ ކަމަށޭވެ. އެމީހަކަށް ދޭ އެއްޗަކަށް ވުރެން ބޮޑު އެއްޗެއް ހައްގުކަމަށް ފެންނަނަމަ އެއެއްޗެއް ލިބޭތޯ މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އަދި ތިމާއަށް ހައްގުވާ އެއްޗެއް ދޭން ދެކޮޅު ހަދާބަޔަކާއެކު މަސައްކަތްކުރުމަށް ވުރެން ނުކުރުން މާ ރަނގަޅު ކަމަށްވެސް ސޯނަމް ވަނީ ބުނެފަ އެވެ.

"މުސާރަ ކުޑައޭ ކިޔައިގެން ޝަކުވާ ކުރިޔަސް ވާނެ ކަމެއް ނޯންނާނެ، އެކަމާއި ދެކޮޅަށް ތެދުވަން ޖެހޭނީ" ސޯނަމް ބުނެފައިވެ އެވެ.

ސޯނަމްގެ އިތުރުން މިފެސްޓިވަލްގެ އެހެން ސެޝަންއެއްގައި ވާހަކަދައްކަމުން ބަތަލާ ދިޕިކާ ޕަދުކޯން ވެސް ވަނީ އޭނާއަށް ފިލްމުތައް ކުޅެގެން ލިބޭ އާމްދަނީއާއި މެދު ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް މިހާރު ޖެނެރޭޝަންގެ ތަރިންގެ މެދުގައި މުސާރައިގެ މާބޮޑު ފަރަގެއް ނޯންނަ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ދިޕިކާ ވަނީ ބުނެފަ އެވެ.

އިތުރަށް މިއިވެންޓްގައި ވާހަކަދައްކަމުން ސޯނަމް ވަނީ އޭނާއަކީ ފެމިނިސްޓެއް ކަމަށާއި އަދި އެކަމާ އޭނާ އެއްވެސް ލަދެއް ނުގަންނަ ކަމަށް ބުނެފަ އެވެ.

ސޯނަމް ވަނީ އޭނާ ދެކޭ ގޮތުގައި ފެމިނިސްޓަށް ވުމަކީ ކޮންމެހެން އަންހެންކުދިން ނުވަތަ ފިރިހެންކުދިންގެ ކަންތައްތައް ހަމައެކަނި އެނގުން ނޫންކަމަށާއި އެއީ ކޮންމެ މީހަކުވެސް އެމީހެއްގެ ގޮތުގައި، އެއްވެސް ކަމަކަށް ޖެހިލުންނުވެ ހުރުމާއި ތިމާ ގަބޫލުކުރާ ކަންތައްތަކާއި ދެކޮޅަށް އަޑުއުފުލުންކަމަށް ބުނެފަ އެވެ.

މީގެއިތުރުން ސޯނަމް ވަނީ އޭނާ އަކީ ވަރަށް ގާބިލު މީހެއްގެ ގޮތުގައި ދެކެނީ އޭނާގެ ބައްޕަ، އަނިލް ކަޕޫރު ކަމަށާއި އެގޮތުން އޭނާ އާއި ކޮއްކޮ ރީއާ ކަޕޫރަށް ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއްވެސް ދެނީ ބައްޕަ ކަމަށެވެ. އެގޮތުން އޭނާ ދެކޭ ގޮތުގައި ބައްޕައަކީ ވެސް ފެމިނިސްޓެއް ކަމަށާއި ސަބަބަކީ އޭނާއާއި ރީއާ އަށް އެހެންމީހުންނަށް ނުކުރެވޭވެނެ އެތައް ކަމެއް ކުރުމުގެ ގާބިލުކަން ހުރިކަންވެސް އެނގޭތީ ކަމަށެވެ.

ސޯނަމް ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ "ޕްރޭމް ރަތަން ދަން ޕާޔޯ" އިން ސަލްމާން ޚާނާއެކު އެވެ.