ބައްޝާރުލް އަސަދު

ރައީސް ބައްޝާރު އަލްއަސަދުގެ އަނބިކަނބަލުންނަށް ދައުވާކުރަނީ

ސީރިއާގެ ރައީސް ބައްޝާރު އަލްއަސަދުގެ އަނބިކަނބަލުން، އަސްމާ އަލްއަސަދާ ދެކޮޅަށް އިނގިރޭސި ކޯޓަކަށް މައްސަލައެއް ހުށަހަޅައިފި އެވެ. މިއީ ސީރިއާގައި ދިގު ލާފައިވާ ހަނގުރާމައިގައި އެކަމަނާގެ ދައުރެއް އޮތް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެކެވެ.

އަސްމާ 45، އާ ދެކޮޅަށް ހުރި ހެކިތަކުގެ ތެރޭގައި ސީރިއާގައި އާންމު ރައްޔިތުން މަރައި ޖަރީމާތައް ހިންގަމުން އަންނަ ހަނގުރާމައިގެ ސިފައިންނަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދެއްކެވުން ހިމެނެ އެވެ.

ސީރިއާގައި އަސަދަށް ވާގިވެރިވާ ސިފައިން ވަނީ އާންމުނާ ދެކޮޅަށް ބެރަލް ބޮން އަދި ކެމިކަލް ހަތިޔާރު ބޭނުން ކޮށްފަ އެވެ. ވައިގެ ހަމަލާތަކުގެ އިތުރުން ކަނޑިއާ ބަޑިން ވެސް ވަނީ ހަތިޔާރުއެޅި ސިފައިން ހަމަލާދީފައި ވެއެވެ. އަސްމާއާ ދެކޮޅަށް ހުރި މައްސަލަތަކުގެ ތެރޭގައި ސަރުކާރު ސިފައިންނަށް ހަރަދު ކުރެއްވުން ވެސް ހިމެެނެ އެވެ.

އަސްމާއަކީ ސީރިއާ އަދި އިނގިރޭސި ޕާސްޕޯޓް ގެންގުޅުއްވާ ކަނބަލެކެވެ. އޭނާގެ މައްޗަށް ކުރެވިފައި ހުރި ތުހުމަތުތައް ސާބިތު ކުރެވިއްޖެ ނަމަ އިނގިރޭސި ޕާސްޕޯޓް ގެއްލިވަޑައިގަތުމަކީ ވެސް އެކަށިގެންވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ކޯޓެއްގައި މައްސަލަތައް ބަލައި ކަނގުރާމައިގެ ކުށްވެރިއަކަށް ވުމަކީ ވެސް އެކަށިގެންވާ ކަމަށެވެ. އެކަމަނާއާ މެދު މިހާރު ވެސް ގައުމުތަކުން، ޚާއްސަކޮށް އިނގިރޭސިވިލާތާއި ޔޫރަޕުން ދެކެނީ މިފަދައިންނެވެ.

އަސްމާ ސީރިއާއަށް ބަދަލުވެ ވަޑައިގަތީ 2000 ވަނަ އަހަރު އެވެ. އެއީ ބައްޝާރު އަލްއަސަދާ ކައިވެނި ބައްލަވައިގަތުމަށް ފަހު އެވެ. އެއަށް ފަހު ފިރިކަލުންނަށް ހިތްވަރު ދެއްވައި އެއްހަމައަކުން ވަނީ ބާރުވެރިވެ ވަޑައިގެންފަ އެވެ. އެކަމާ ދައްކަވާފައި ހުރި ވާހަކަތަކުން ގިނަ ފަހަރު ދޭހަވަނީ ހަނގުރާމަމަތީ ފައުޖުގެ ވެރިއަކީ އެކަމަނާ ކަމަށެވެ.

އަސްމާއާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށްޓަކައި ކަށަވަރު ހެކި ހޯދާފައި ހުރި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. މިއިން މައްސަލައެއް ސާބިތުވެއްޖެ ނަމަ މިހާރަށް ވުރެ ގޮޑަށް ދަތިކުރުމުގެ ފިޔަވަޅުއަޅާނެ އެވެ. އަދި ނުކަޝިޔާރު ގޮތަކަށް ގައުމުން ބޭރުވެވަޑައިގެންފި ނަމަ ހައްޔަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.