ބޮލީވުޑް

ސަލްމާނާއެކު "ޓައިގާ 3" ކުޅެން ލިބުމުން އިމްރާން އުފާވެއްޖެ

"ޓައިގާ" ފްރެންޗައިސްގެ ތިން ވަނަ ފިލްމުގައި ސަލްމާނާ ޚާން އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އިމްރާން ހާޝިމީ އަށް ލިބިއްޖެ އެވެ. އެކްޝަން ސްޕައި ފްރެންޗައިސްގެ މި ފިލްމުގައި އިމްރާން ކުޅޭނީ ނުބައި ބައެވެ.

މިއީ ސަލްމާނާއެކު އިމްރާން ކުޅޭ ފުރަތަމަ ފިލްމެވެ. އޭނާ ބުނި ގޮތުގައި މި ފިލްމު ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަށް ވުން ކަމަށެވެ. ސަލްމާނާ އެކު ފިލްމެއް ކުޅެލުމުގެ ހުވަފެން ދެކޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށް އިމްރާން ބުންޏެވެ.

މި ފިލްމުގެ ބަތަލާ އަކީ ކެޓުރީނާ ކައިފް އެވެ. ކެޓުރީނާ ކުޅޭނީ މި ފްރެންޗައިސްގެ ކުރީ ދެ ފިލްމުގައި ވެސް އޭނާ ކުޅުނު ޖާސޫސު ޒޯޔާގެ ރޯލެވެ.

ފިލްމުގެ ޕްރޮޑިއުސަރު ޔާޝް ރާޖް ފިލްމްސްގެ ފަރާތުން ވާހަކަ ދެއްކި މީހަކު މީގެ ދުވަސްކޮޅެއް ކުރިން އިންޑިޔާ ނޫހަކަށް ދިން އިންޓަވިއުއެއްގައި އިމްރާން، 41، ފިލްމުގެ މުހިއްމު ބައެއް ކުޅެން ސޮއިކޮށްފައިވާކަން ޔަގީން ކޮށްދީފައި ވެއެވެ.

އިމްރާން ބުނީ ފިލްމު ލިބިފައިވިޔަސް އަދި ކޮންޓްރެކްޓްގައި ސޮއި ނުކުރާ ކަމަށެވެ. އަދި ޓައިގާ ކަހަލަ ބްލޮކްބަސްޓާ ފްރެންޗައިސް އެއްގެ ރޯލެއް ލިބުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ފްރެންޗައިސްގައި އަހަރެން ވަރަށް މަސައްކަތްކުރާ ހިތްވޭ. އަދި ސަލްމާނާއެކު މަސައްކަތްކުރުމަކީ ހުވަފެނެއް. މިފަހަރު އެ ހުވަފެން ހަގީގަތަކަށް ވާނެކަމަށް އުންމީދުކުރަން،" އިމްރާން ބުންޏެވެ.

އިމްރާން މީގެ ކުރިން ސަލްމާނާއެކު ވެސް އަދި ކެޓުރީނާ އާއެކު ވެސް މަސައްކަތެއް ނުކުރެ އެވެ. އަދި މިއީ ޔާޝް ރާޖް ފިލްމްސްގެ އުފެއްދުމުގައި ވެސް އޭނާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ޓައިގާ ފްރެންޗައިސްގެ ފުރަތަމަ ފިލްމަކީ 2012ގައި ރިލިޒްކުރި "އޭކް ތާ ޓައިގާ" އެވެ. ފުރަތަމަ ފިލްމުގެ ޑައިރެކްޓަރަކީ ކަބީރް ޚާން އެވެ. ދެ ވަނަ ފިލްމަކީ "ޓައިގާ ޒިންދާ ހޭ" އެވެ. އަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރި މި ފިލްމު ރިލީޒްކުރީ 2017 ގައެވެ. މިހާރު ތިން ވަނަ ފިލްމެއްގެ މަސައްކަތް ފަށާފައިވާއިރު މިފަހަރުގެ ފިލްމު ޑައިރެކްޓްކުރަނީ މަނީޝް ޝަރުމާ އެވެ.

އިމްރާން ކުޅެމުންދާ ފިލްމުތަކުގެ ތެރެއިން އަމީތާބު ބައްޗަން އާއެކު ކުޅޭ "ޗެހެރޭ" ރިލީޒްކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ފިލްމުގެ ޓީޒާ އަކާއި ބައެއް ޕޯސްޓަރުތައް މިހާރު ވަނީ ރިލިޒްކޮށްފަ އެވެ. އަދި އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ސިނަމާތަކުގައި މި ފިލްމު އަޅުވަން ވަނީ ޝެޑިއުލް ކޮށްފަ އެވެ.