ސްރީލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް ނަޝީދުގެ އޮފީހުން ބުނީ އެމަނިކުފާނު ކޮލަމްބޯއަށް މިއަދު ވަޑައިގެން ބޮޑުވަޒީރު ވިކްރަމަސިންހަ އާއި އެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެދަތުރުފުޅު އެގޮތަށް ހަމަޖެހުމާ އެކު ލަންކާގެ އާ ސަރުކާރު އައި ފަހުން ރާއްޖެއިން އެންމެ ފުރަތަމަ ލަންކާއަށް ވަޑައިގެންނެވި ބޭފުޅާއަށް ނަޝީދު ވެގެންދާނެ އެވެ.
މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގައި ރައީސް ރާޖަޕަކްސައާ ވާދަކޮށް ސިރިސޭނާ ވަނީ އިންތިޚާބު ކާމިޔާބު ކުރައްވައިފަ އެވެ. ސިރިސޭނާގެ ސަރުކާރުގެ ބޮޑުވަޒީރަކަށް އައްޔަންކޮށްފައިވަނީ ވިކްރަމަސިންހަ އެވެ.