ލައިފްސްޓައިލް

"ކުޑަ މީހާ" އަށް ސަލްމާނުގެ ދައުވަތެއް

އަޒީމް މަންސޫރީ ކިޔާ "ކުޑަ މީހާ" ގެ ވާހަކަ ދާދި ފަހުން ސޯޝަލް މީޑިއާގައި ވައިރަލްވީ އޭނާއަށް ކައިވެނި ކުރާނެ އަންހެނަކު ނުލިބިގެން އެ ކަމުގައި ފުލުހުންގެ އެހީތެރި ކަމަށް އެދުނީމަ އެވެ. އަޒީމްގެ ވާހަކަ ނޫސްތަކުގައި ލިޔެވުނު ހިސާބުން އިންޑިޔާގެ ފިލްމީ ތަރިންގެ ސަމާލު ކަމަށް ވެސް މި ވާހަކަ އައެވެ.

އަދި މިހާރު އެކްޓަރު ސަލްމާން ޚާން ވަނީ އޭނާއާ ބައްދަލުކޮށްލަން މުމްބައި އަށް އަންނަން އަޒީމް އަށް ދައުވަތު ދީފަ އެވެ. ސަލްމާންގެ މި ދައުވަތާ އެކު އަޒީމް ވަނީ އުފަލުން ފޮޅިފަ އެވެ.

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ޝާމްލީގައި ދިރިއުޅޭ އަޒީމް އަކީ ޑުވޯފް މީހެކެވެ. އޭނާގެ އިސްކޮޅުގައި ހުންނަނީ ދެ ފޫޓު ތިން އިންޗި އެވެ.

އަޒީމް ބުނި ގޮތުގައި ޕްރޮޕޯޒަލް ހިފައިގެން ވަރަށް ގިނަ މީހުން އޭނާގެ ގެޔަށް އާދެ އެވެ. ނަމަވެސް އޭނާ ފެނުމާއެކު ކޮންމެ މީހަކުވެސް ދުވެ ފިލަނީ އެވެ. އޭނާ ހުންނަލެއް "ކުޑަކުޑަ" ކަމުންނެވެ.

ޝާމްލީގައި ކޮސްމެޓިކް ފިހާރައެއް ހިންގާ އަޒީމް ފުލުހުން ކައިރީ ބުނެފައި ވަނީ އޭނާ ކައިވެނި ކުރަން ކޮންމެ ކަހަލަ އަންހެން ކުއްޖެއް ހޯދައި ދިނަސް މައްސަލަ އެއް ނެތެވެ. އޭނާގެ އޮތް ހަމައެކަނި ޝަރުތަކީ އެ އަންހެންކުއްޖާއަކީ ރަނގަޅަށް ތައުލީމު ހާސިލު ކޮށްގެން ހުރި ކުއްޖަކަށް ވުމެވެ.

އުމުރުން ދުވަސްވާ ވަރަކަށް ހަޔާތުގެ ބައިވެރިޔެއްގެ މުހިއްމުކަން އިތުރުވަމުންދާ ކަމަށާއި އެއްވެސް މީހަކު އޭނާއާ ކައިވެނި ކުރަން އެއްބަސް ނުވާތީ މާ ބޮޑަށް ސްޓްރެސް ވެގެން މިހާރު ރޭގަނޑު ނުވެސް ނިދޭ ކަމަށް އަޒީމް ބުންޏެވެ.