ބޮލީވުޑް

ކޮއްކޮ އިސަބެލްއަށް ކެޓުރީނާ ދިން ނަސޭހަތް

ކެޓުރީނާ ކައިފްގެ ކޮއްކޮ އިސަބެލް ކައިފްގެ ފުރަތަމަ ފިލްމު މި ހިނގާ މާޗް މަހުގެ 12 ވަނަ ދުވަހު ނެޓްފްލިކްސްގައި ވަނީ ރިލިޒްކޮށްފަ އެވެ. ސޫރަޖް ޕަންޗޯލީ އާއެކު އިސަބެލް ކުޅެފައިވާ "ޓައިމް ޓު ޑާންސް ރިލީޒްކުރުމާ ދިމާކޮށް އިސަބެލް އަށް އޭނާގެ ދައްތަ ވަނީ ވަރަށް ރަނގަޅު ނަސޭހަތް ތަކެއް ދީފަ އެވެ.

ކެޓުރީނާ އަކީ ބޮލީވުޑްގައި އެތައް އަހަރަކު މަސައްކަތްކޮށް ގިނަ ތަޖުރިބާ ތަކެއް ކުރެވިފައިވާ ބަތަލާ އަކަށް ވާތީ ކޮއްކޮ އަލަށް ހިންދީ ފިލްމު އިންޑަސްޓްރީއަށް ނުކުންނައިރު ދައްތައެއްގެ ނަސޭހަތް ވަރަށް މުހިއްމު ވާނެ ކަމަށް ބެލެވިގެން ދިން ނަސޭހަތް ތަކެކެވެ.

އިސަބެލް ބުނީ ދައްތަ ދިން އެއް ނަސޭހަތަކީ ބޮލީވުޑްގެ "ބޮޑު ދުނިޔެ"އަށް ނުކުންނައިރު ކޮންމެހެން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ބައެއް ކަންތައްތައް ކަމަށެވެ.

"ޓައިމް ޓު ޑާންސް" ޓްރެއިލާ

"ދައްތަ (ކެޓުރީނާ) އަހަރެންގެ ފުރަތަމަ ފިލްމުގެ ޓްރެއިލާ އާއި ލަވަތަކުގެ ތެރެއިން މިހާތަނަށް ރިލީޒްކޮށްފައިވާ ބައިތައް ބެލުމަށްފަހު ވަރަށް ދިގު މެސެޖެއް އަހަންނަށް ފޮނުވި. އަހަރެން މި ވަގުތު މި އުޅެނީ އާގްރާގައި އެހެން ފިލްމެއްގެ ޝޫޓިންގްގައި. އެހެންވެ ދައްތަ އާ އަހަރެން މި ދުވަސްކޮޅު އުޅެންޖެހިފައިވަނީ ވަރަށް ދުރުގައި. އެހެންވެ ދައްތަ ކުރި މެސެޖުގައި ބުނީ ފިލްމު ކުޅެވޭނީ ހީކުރާ ވަރަށް ވުރެ ބުރަކޮށް މަސައްކަތް ކޮށްގެންނޭ. އެހެން އެއްވެސް ކަމަކާ ހެދި ފިލްމެއް އޮތް ސަމާލުކަން ކުޑަ ނުކުރައްޗޭ،" އިސަބެލް ބުންޏެވެ.

ހުރިހާ އެންމެން ހިތްހަމަޖެހޭ ގަޔާވާ މީހަކަށް ނުވެވޭނެ ކަމަށާއި އެކަމުގެ ސަބަބުން މާޔޫސް ނުވުމަށް ވެސް ދައްތަ ނަސޭހަތް ދިން ކަމަށް އިސަބެލް ބުންޏެވެ.

"ފާޑުކިޔާ މީހުންގެ ފާޑުކިޔުންތައް އިވުނީމަ ދެރަވިޔަސް އެކަން ހިތުގައި ނުބޭއްވުމަށް ވެސް ދައްތަގެ މެސެޖުގައި އެދިފައިވޭ. އަދި ނަށާ މަންޒަރުތަކުގައި އަހަރެން ފެންނަނީ ވަރަށް ރީތިކޮށޭ ދައްތަ ބުނެފައިވާތީ އަހަރެން ވަރަށް އުފާވެއްޖެ،" އިސަބެލް ބުންޏެވެ.

"ޓައިމް ޓު ޑާންސް"ގައި އިސަބެލް ކުޅެފައިވަނީ އަމިއްލަ ޑާންސް އެކަޑަމީ ސަލާމަތްކުރަން ނެށުމުގެ މުބާރާތެއްގައި ބައިވެރިވާ ނެށުންތެރިއެއްގެ ބައެވެ. ނަމަވެސް ރިހާސަލްގައި އަންހެންކުއްޖާގެ ފަޔަށް ގެއްލުންވެ ދިރިއުޅުން އެ ފުށް މިފުށަށް ޖެހި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ތަން މި ފިލްމުން ފެނެ އެވެ.

އިސަބެލް ބުނީ ފުރަތަމަ ފިލްމު ރިލީޒްކުރުމާ ދިމާކޮށް ހިތް ނުތަނަވަސް ވާނެކަމަށް ކުރިން ހީކުރެވުނު ނަމަވެސް އެ ކަހަލަ އެއްވެސް ކަމެއް ނުވި ކަމަށެވެ.

ފިލްމުގެ ޓްރެއިލާއަށް ބެލުންތެރިން ރަނގަޅު ތަރުހީބެއް ދީފައި ވާތީ އިސަބެލް ހުރީ ކުރިއްސުރެ ވަރަށް ހިތްހަމަޖެހިފަ އެވެ. އަދި މިހާރު މުޅިން އާ ފިލްމެއްގެ މަސައްކަތުގައި އާގްރާގައި ވަރަށް ބިޒީކޮށް އުޅޭތީ ހާސްވެ ކަންބޮޑުވާނެ ވަގުތު ނުވާ ކަމަށް އިސަބެލް ބުންޏެވެ.

ސްޓޭންލީ ޑިކޯސްޓާ ޑައިރެކްޓްކޮށްފައިވާ "ޓައިމް ޑު ޑާންސް"ގައި އިސަބެލް އާއި ސޫރަޖްގެ އިތުރުން ވަލުސްޗާ ޑި ސޫސާ، ސާގިބް ސަލީމް އަދި ރާޖްޕާލް ޔާދަވް ބައިވެރިވެ އެވެ.