ބޮލީވުޑް

އައިޝްވާރިޔާއާއެކު މަސައްކަތްކުރުމަކީ ލިބޭ އުފަލެއް: ކަރަން ޖޯހަރު

Nov 2, 2015

ކުރީގެ ރީތީގެ ރާނީ އަދި ބަތަލާ އައިޝްވާރިޔާ ރާއީ ހިމަނައިގެން ފިލްމެއް އުފެއްދުމަކީ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ދެކެމުން އައި ހުވަފެނެކެވެ.

އެންމެފަހުން ކަރަން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެފައިވާއިރު، އައިޝްވާރިޔާ މިހާރު އަންނަނީ ކަރަން ޑައިރެކްޓްކުރާ "އެއި ދިލްހޭ މުޝްކިލް"ގެ މަންޒަރުތައް ނަގަމުންނެވެ.

އައިޝްވާރިޔާ ހިމަނައިގެން ކަރަން ފިލްމެއް އުފައްދަން މަސައްކަތްކުރާތާ އެތަކެއް އަހަރު ފަހުން އެފަދަ ފުރުސަތެއް ލިބުމުން ވަނީ އައިޝްވާރިޔާ އާއެކު މަސައްކަތްކުރަން ފުރުސަތެއް ލިބުމަކީ އުފަލެއް ކަމަށް ބުނެފަ އެވެ.

ކަރަން މިހެން ބުނެފައިވަނީ އިއްޔެ 42 ވަނަ އުފަންދުވަސް ފާހަގަކުރި އައިޝްވާރިޔާ އަށް އޭނާގެ އުފަންދުވަހުގެ ތަހުނިޔާ ކިޔަމުން ކުރި ޓްވީޓެއްގަ އެވެ.

މިވަގުތު މިފިލްމުގެ މަންޒަރުތައް ލަންޑަންގައި ނަގަމުން އަންނައިރު، އައިޝްވާރިޔާގެ އުފަންދުވަސް ފާހަގަކުރުމަށް ފިރިމިހާ އަބީޝެކް ބައްޗަން ވަނީ ލަންޑަނަށް ގޮސްފަ އެވެ. ފިރިމީހާއާއި ދަރިފުޅާއެކު އުފަންދުވަސް ފާހަގަކުރަން އައިޝްވާރިޔާ ބޭނުންވެގެން ވަނީ ފިލްމުގެ ޝޫޓިން އިން އެއް ދުވަސް ޗުއްޓީއެއްގެ ގޮތުގައި ނަގާފަ އެވެ.

އައިޝްވާރިޔާގެ ހަތަރު އަހަރުގެ ދަރިފުޅު އަރާދިޔަ ބައްޗަން އައިޝްވާރިޔާގެ އުފަންދުވަހުގައި އަމިއްލައަށް ހަދާފައިވާ ކާޑެއް ދީފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ދަރިފުޅަށް ބަލިވެއިން ފަހުން ފިލްމު ކުޅުމާއި ދުރުގައި ހުރުމަށްފަހު، ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އައިޝްވާރިޔާ ކުޅެފައިވާ ފިލްމު "ޖަޒްބާ" ރިލީޒްވެފައިވަނީ މިދިޔަ މަހު އެވެ.

"އެއި ދިލްހޭ މުޝްކިލް"ގައި އައިޝްވާރިޔާ އާއެކު މުހިންމު ރޯލުން ފެނިގެންދާނީ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާ އެވެ. އަދި އެހެނިހެން ރޯލުތަކުން ޕާކިސްތާން އެކްޓަރުން ކަމަށްވާ ފަވަދް ޚާން އާއި އިމްރާން އައްބާސް ނަގްވީގެ އިތުރުން ލީސާ ހޭޑަން ވެސް ފެނިގެންދާނެ އެވެ.