ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު އެއެއްވެސް ސަރުކާރަކަށް ލިބިގެން ނުވާ ކަމަށާއި އެފަދަ ކަމެއް ހިނގާއިރު ރައްޔިތުންގެ މަޖިލިސް ކޮބައިތޯ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ސުވާލު ކުރައްވައިފި އެވެ.
ރައީސް ވަހީދު މި މޭރުމުން ސުވާލު ކުރެއްވެވީ އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކަމަށް ބުނާ ޑޮކިއުމެންޓެއް ލީކްވެ ދައުރުވަމުން ދަނިކޮށެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުންތައް އުފެދިފައިވި ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެއީ ސައްހަ ޑޮކިއުމެންޓެއް ނޫން ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއާ ރާއްޖެއާ ދެމެދު ސޮއި ކޮށްފައިވާ އެގްރިމެންޓެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔެކިޔުމަކީ ޑޮކިއުމެންޓެއް ނޫން ކަމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ދައުރުވަމުންދާ ޑޮކިއުމެންޓަކީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އެއްބަސްވުމުގެ ފުރަތަމަ ޑްރާފްޓް ކަމަށް ވެސް އަޑުތައް ފެތުރިފައި ވެއެވެ.
އޭގައި ބުނާ ގޮތުން އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ހަދާ އިރު، އެ ތާނގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބޭނެ އެވެ. އަދި ހަތިޔާރު ގެންގުޅެ ބޭނުން ވެސް ކުރެވޭނެ އެވެ. މީގެ އިތުރުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުން ރާއްޖެ އަށް މަޖުބޫރުކޮށްފައިވާއިރު މުއްދަތު ހަމަވުމުން އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭނެ ގޮތް ހަދަން މަގު ފަހިކޮށްފައި ވެއެވެ.