ލައިފްސްޓައިލް

މެގަން މާކަލް އެމެރިކާގެ ރައީސްކަމަށް ޝައުގުވެރި ވަނީތަ؟

އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މެގަން މާކަލް ދާދި ފަހުން އޯޕްރާ ވިންފްރީއަށް ދެއްވި އިންޓަވިއު އަކީ އެމެރިކާގައި މެގަން ސިޔާސީ ކެރިއަރެއް ލޯންޗު ކުރުމަށް ދެއްވި އިންޓަވިއުއެއް ކަމަށް އިނގިރޭސި ބައެއް ނޫސްތަކުން ބުނަން ފަށައިފި އެވެ.

މެގަންގެ ކަޅި މިހާރު ހުއްޓިފައި ހުރީ ވައިޓް ހައުސްއަށް ކަމަށް ވެސް ނޫސްތަކުން ބުނެފައި ވެއެވެ.

ވެސްޓްމިނިސްޓާގެ ވަށައިގެން މިހާރު އެނބުރޯ ތޯތޯ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ވާނަމަ މެގަން 2024 ގައި އެމެރިކާގެ ރައީސް ކަމަށް ވާދަ ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ވޮޝިންޓަން އާ ވަރުގަދަ ގުޅުންތަކެއް ހުރި، އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ އެޑްމިނިސްޓްރޭޝަންގައި މަސައްކަތް ކޮށްފައިވާ އަދި އިނގިރޭސި ލޭބާ ޕާޓީގެ ސީނިއާ އޮފިޝަލަކު އިނގިރޭސި ނޫހަކަށް އާދިއްތަ ދުވަހު ދީފައިވާ އިންޓަވިއު އެއްގައި ވިދާޅުވި ގޮތުގައި މެގަން، 39، ގެ ވިސްނުން ހުރީ އެމެރިކާގެ ރައީސް ކަމުގެ ގޮނޑިއަށެވެ. އޭނާ މިހާރު ގެންދަނީ ސީނިއާ ޑިމޮކްރެޓުންނަށް ނެޓްވާކް އަޅައިގެން ކެމްޕެއިންއެއް އުފަންކޮށް އެކަމަށް ފަންޑް ހޯދާނެ ޓީމެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

މެގަންގެ ގާތް މީހަކު ވަނީ މިކަމާ ގުޅޭ ގޮތުން ކޮމެންޓެއް ކުރަން ދެކޮޅު ހަދާފަ އެވެ. ނަމަވެސް މެގަން އާއި ހެރީގެ ސިޔާސީ ވިސްނުން ހުރި ގޮތް ސިއްރު ކޮށްގެން އުޅުނަސް އެންމެންނަށް ވެސް މިހާރު ފިކުރު ހުރި ގޮތް ވިސްނެ އެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެ އިންތިޚާބުގައި ވާދަ ކުރައްވައި ބަލިވެ ވަޑައިގެން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ސީދާ ހަމަލަ ނުދީ "ހޭޓް ސްޕީޗް ރިޖެކްޓް" ކުރުމަށް މެގަން އެދިފައި ވެއެވެ. ފަހުން ހެރީ އާއި މެގަންގެ ތަރުޖަމާނު ވަނީ އެ ވާހަކަ ދިފާއު ކުރަން މަސައްކަތް ކޮށްފަ އެވެ.

މެގަންގެ ކޮމެންޓާ ގުޅިގެން ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އެމަނިކުފާނަކީ މެގަންގެ ފޭނެއް ނޫން ކަމަށެވެ.

ބްލެއާގެ ސަޕޯޓަރުންނާއި އިންޓަނޭޝަނަލް ފަރާތްތަކުން އަދި ޑިމޮކްރެޓިކް ޕާޓީ ނެޓްވޯކްސްގައި މިހާރު ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ މެގަން ސިޔާސީ މައިދާނަށް ނުކުންނަން ވިސްނަވާ ވާހަކަ އެވެ. އަދި އެކަމުގައި އޭނާއަށް އެހީތެރިވެދޭ ފަރާތްތަކުގެ ވާހަކަ އެވެ.

ވެނިޓީ ފެއާ މެގަޒިންއަށް މިދިޔަ އަހަރު މެގަންގެ އެކުވެރިޔަކު ދިން އިންޓަވިއުއެއްގައި ބުނީ އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސްއަކާ ކައިވެނި ކުރެއްވުމަށްފަހު އެމެރިކާގެ ރައްޔިތެއްކަން މެގަން ދޫކޮށް ނުލާ ހުރި އެއް ސަބަބަކީ އެމެރިކާގެ ސިޔާސީ މައިދާނަށް ވަނުމުގެ ވިސްނުން ގެންގުއްވާތީ ކަމަށެވެ.

އެމެރިކާގެ ގާނޫނީ ތަޖުރިބާކާރުން ބުނާ ގޮތުގައި އެ ގައުމުގެ ސިޔާސީ މައިދާނަށް ވަންނަން ބޭނުންނަމަ އިނގިރޭސި ޝާހީ އާއިލާއިން ދީފައިވާ ޓައިޓްލްތައް އަނބުރާ ރައްދު ކުރަން މެގަންއަށް ޖެހި ވަޑައިގަންނަވާނެ އެވެ.

އެމެރިކާގެ އިންތިޚާބާ ގުޅޭ ގޮތުން މެގަން އާއި ހެރީ މިދިޔަ އަހަރު ކުރި ކޮމެންޓަށް ބަކިންހަމް ޕެލަސް އިން ބަޔާނެއް ނެރެފައި ވެއެވެ. އެ ބަޔާނުގައި ބުނެފައިވަނީ ހެރީ އަކީ މިހާރު ޝާހީ އާއިލާގެ މަސައްކަތްތަކުގައި ޝާމިލުވާ ބޭފުޅެއް ނޫން ކަމަށާއި ހެރީ ކުރެއްވި ކޮމެންޓަކީ އޭނާގެ އަމިއްލަ ޚިޔާލު ކަމަށެވެ.

އެމެރިކާގެ ސިޔާސީ މީހުން މިހާރު ލަފާ ކުރަނީ 2024 ގައި އެމެރިކާގެ ރައީސާއަށް ވާން މެގަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ މިހާރުގެ ރައީސް ޖޯ ބައިޑެން އަށް އޭރު ހުންނާނީ 82 އަހަރު ފުރިފައި ކަމުން ދެ ވަނަ ޓާމަކަށް ރައީސް ކަމަށް ވާދަ ނުކުރައްވަން ބައިޑެން ނިންމަވާފާނެ ކަމަށް ބެލެވޭތީ އެވެ.

އެމެރިކާގެ ރައީސްކަމުގެ ގޮނޑި މެގަން އަށް ކާމިޔާބު ކުރެވިއްޖެނަމަ އެކަމަނާ ވާނީ އެމެރިކާގެ ފުރަތަމަ އަންހެން ރައީސާ އަށެވެ. އެއީ މީގެ ހަތަރު އަހަރު ކުރިން ހިލަރީ ކްލިންޓަން ވަނީ އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލައްވައި ވަރަށް ހަނިގޮތަކަށް ނާކާމިޔާބުވެ ވަޑައިގެންފަ އެވެ.