ލައިފްސްޓައިލް

މަތިންދާބޯޓެއްގެ ހަމައެކަނި ފަސިންޖަރުގެ ގޮތުގައި އަށް ގަޑިއިރު

މަތިންދާބޯޓެއްގައި އެކަނި މާއެކަނި ދިގު ދަތުރެއް ކުރަން އެއްވެސް މީހަކު ބޭނުން ވާނެ ހެއްޔެވެ؟ ހަމަ ގައިމުވެސް މިއީ މާ ގިނަ މީހުން ކުރަން ބޭނުންވާނެ ތަޖުރިބާއެއް ނޫނެވެ. މަތިންދާބޯޓެއްގައި މިފަދަ ދަތުރެއް ކުރަން ބޭނުންވާ މީހުންނަށް ވެސް މިކަން ކުރެވޭނީ އެމީހަކީ އާދަޔާޚިލާފަށް ބޮޑު މުއްސަންޖަކަށް ވެގެނެވެ. ނުވަތަ ވަރަށް ނަސީބުގަދަކޮށް ކަމެއް ދިމާވެގެންނެވެ.

ނަމަވެސް މިމީހާއަށް މި ތަޖުރިބާ އަކީ ދުވަހަކުވެސް އިތުރަށް ކުރަން ބޭނުން ވަރަށް ވުރެ ފޫހި އަދި އެހާމެ ހިތްހަމަނުޖެހުނު ތަޖުރިބާ އެކެވެ. ކައި ފޯސީތު ނަމަކަށް ކިޔާ މި މީހާ ވަނީ އިނގިރޭސިވިލާތުން އެމެރިކާއަށް ދިއުމަށް އަށް ގަޑިއިރުގެ ދިގު ދަތުރެއްގައި ބޯޓުގެ ހަމައެކަނި ފަސިންޖަރުގެ ގޮތުގައި ކޮށްފަ އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމުން އަދިވެސް ދުނިޔެއަށް އަރައިނުގަނެވުމުގެ ނަތީޖާއެއްގެ ގޮތުން އިންޓަނޭޝަނަލް ފްލައިޓްތަކުގެ ތެރެއިން ބައެއް ފްލައިޓްތައް އަދިވެސް އުދުހެނީ އެކަށީގެންވާ ވަރަށް ފަސިންޖަރުން ނުލަ އެވެ. ކައި ފޯސީތު މަތިންދާބޯޓަށް އެރިއިރު އޭގައި އޭނާ ނޫން އެހެން އެއްވެސް ދަތުރުވެރިއަކު ނީނދެ ހިނގައިދާނެ ކަމަކަށް އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ. އަދި އަށް ގަޑިއިރުގެ ދިގު ދަތުރަކަށް ބޯޓަށް އެރުމާއެކު އޭގައި އެހެން ފަސިންޖަރަކު ނެތްކަން އެނގުމުން އޭނާއަށް ލިބުނީ ބޮޑު ޝޮކެކެވެ.

އޭނާގެ މި އާދަޔާޚިލާފު ދަތުރުގެ ވާހަކަ މީހުންނަށް ކިޔައިދޭން ލިބޭ މިއީ ރަނުގެ ފުރުސަތެއްކަން ފޯސީތު އަށް ގަބޫލު ކުރެވި މި ފުރުސަތު ބޭނުން ކުރަން އޭނާ ނިންމި އެވެ. އަދި އޭނާގެ މި ޔުނީކް ތަޖުރިބާ ވީޑިއޯ ކުރަން ފެށި އެވެ.

"ކެބިން ކުރޫ ބުނި އަހަރެން އެކަންޏޭ މި ފްލައިޓުން ދަތުރުކުރަނީ،" ބޯޓުގެ ހުސް ކެބިންތައް ވީޑިއޯކުރަމުން ފޯސީތު ލިޔެފައި ވެއެވެ.
ވީހާވެސް އަރާމުކޮށް ދަތުރުކޮށްލުމުގެ ބޭނުމުގައި ދެން އޭނާ ކުރި ކަމަކީ އެއް ބަރީގައި ހުރި ހުރިހާ ގޮނޑިއެއް ތިރިކޮށް އެނދެއް ހެން ހަދާލައި ރަނގަޅަށް ހަމަޖެހިލީ އެވެ.

ފޯސީތު ބުނި ގޮތުގައި ކެބީން ކުރޫން ވަރަށް އުފަލުން އޭނާއަށް ކާނާ އާއި ސްނެކްސް ބޭނުން ވަރަކަށް ގެނެސްދިނެވެ.
ފޯސީތުގެ މި ދަތުރުގެ ވީޑީއޯ ބެލި ބައެއް މީހުން އޭނާ އާ ކުރި ސުވާލަކީ ބޯޓު ހުހަށް އޮތްއިރު ފަސްޓް ކްލާސް ގޮނޑިތަކަށް ނުދިޔައީ ކީއްވެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބުގައި ފޯސީތު ބުނީ ކެބިން ކުރޫން ތިބި ފަސްޓް ކްލާސް ގޮނޑިތަކުގައި ނިދާފައި ކަމަށެވެ. އޭނާ އެތަނަށް ނުދިޔައީ އެހެންވެ ކަމަށެވެ.

ފޯސީތުގެ މި ތަޖުރިބާ އަކީ މަތިންދާބޯޓުގެ ހަނި ގޮނޑިތަކުގައި ފިތިގެން ތިބެ ދަތުރުކުރަން ބޭނުން ނުވާ ބައެއް މީހުން ކުރަން ބޭނުންވެދާނެ ތަޖުރިބާ އެކެވެ. ނަމަވެސް މަތިންދާބޯޓެއް ތެރޭ އަށް ގަޑިއިރު ހޭދަކުރާއިރު ގިނަ މީހުން ފޫހިވެގެން ހަލާކުވާވަރު ވާނެ އެވެ.