ހޮލީވުޑް

މިފަހަރު އޮސްކާ އެވޯޑަށް އެންމެ ވާދަކުރާނެ ފަރާތްތައް

ކޮވިޑް-19 ވަބާގެ ސަބަބުން އެމެރިކާގެ ގިނަ ސިނަމާތައް ފާއިތުވީ އަހަރެއްހާ ދުވަހު ހުރީ ބަންދު ކޮށްފަ އެވެ. އެހެންވެ އެކަޑަމީ އެވޯޑު ހަފުލާ ވެސް މީން ޒަމާނަކު ވެސް ލަސް ނުވާ ވަރަށް މިފަހަރު ވަނީ ލަސްވެފަ އެވެ. ބްލޮކްބަސްޓާ ފިލްމުތައް އުފައްދާ ފަރާތްތަކުން އެ ފަރާތްތަކުން އުފެއްދި ފިލްމުތައް ރިލީޒް ނުކޮށް ފަސް ކޮށްފައިވާއިރު މީގެ ފައިދާ އެންމެ ބޮޑަށް މިފަހަރު ނަގާފައި ވަނީ އޯޓީޓީ ޕްލެޓްފޯމް ނެޓްފްލިކްސް އިންނެވެ.

އޯޓީޓީ ޕްލެޓްފޯމްގައި ސްޓްރީމްކުރި ފިލްމަކަށް މިހާތަނަށް އޮސްކާގެ "ބެސްޓް ޕިކްޗާ" ލިބިފައެއް ނެތެވެ. ނަމަވެސް މިފަހަރު އެވޯޑު ގެންދާނީ ނެޓްފްލިކްސް އިން ސްޓްރީމް ކުރި ފިލްމެއް ކަމަށް ގިނަ ބަޔަކު ލަފާ ކުރެ އެވެ. އެއީ އާރޯން ސޯކިންގެ އެންޓި-ވިއެޓްނާމް ވޯ ޕްރޮޓެސްޓް ޑްރާމާ "ދަ ޓްރަޔަލް އޮފް ދަ ޝިކާގޯ 7" އެވެ.

އަންނަ އެޕްރީލް މަހުގެ 25 ވަނަ ދުވަހު ބާއްވާ އޮސްކާ އެވޯޑަށް ނޮމިނޭޓްވީ ފަރާތްތައް ހޯމަ ދުވަހު އިއުލާން ކުރީ ބޮލީވުޑް އަދި ހޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އޭނާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އެވެ.

އެއްވަނަ ހޯދުމުގެ ހަނގުރާމައިގެ ކުރީގައި އުޅެނީ ސްޓްރީމް ކުރި ފިލްމުތައް ކަމަށްވާ "މެންކް" އަދި "ދަ ޓްރަޔަލް އޮފް ދަ ޝިކާގޯ 7" އަދި "ނޯމަޑްލޭންޑް" އެވެ.

ޑޭވިޑް ފިންޗާގެ "މެންކް" އާއި މާ ރެއިނީޒް ބްލެކް ބޮޓަމް އަކީ ޓެކްނިކަލް އެވޯޑުތަކަށް އެންމެ ވާދަކުރާނެ ފިލްމުތަކެވެ.

އެމެޒޯން ޕްރައިމް އިން ސްޓްރީމް ކުރި "ވަން ނައިޓް އިން މަޔާމީ" އާއި "ސައުންޑް އޮފް މެޓަލް" ވެސް އޮސްކާގެ އެކި ކެޓަގަރީތަކަށް ނޮމިނޭޓް ވެފައި ވެއެވެ.

ހޮލީވުޑްގެ ޕްރައިވެޓް ސްކްރީނިން ރޫމްތަކާއި ފިލްމު ކެމްޕެއިން އިވެންޓުތައް ވެސް މުޅިން ބަންދުވެފައިވާއިރު އޮސްކާ އަށް ވޯޓު ދޭ ފަރާތްތަކަށް ވެސް މިފަހަރު ޖެހިފައިވަނީ އެކި ކެޓަގަރީތަކުން ވާދަކުރާ 366 ފިލްމެއް އެ އެކަޑަމީގެ އަމިއްލަ އޮންލައިން ސްޓްރީމިން ޕްލެޓްފޯމަކުން ބަލާށެވެ.

އޮސްކާ ލިބޭ ފިލްމުތައް ބަލައި މާސްކް ދިނުމަށް ބޮޑު ސްކްރީނުގެ ތަޖުރިބާ ގިނަ އަހަރުތަކެއްގައި ކޮށްފައިވާ ގިނަ ބަޔަކު ބުނީ އޮންލައިން ސްޓްރީމިންގެ ތަޖުރިބާ އަށް މިހާރު ފަރިތަ ވެއްޖެ ކަމަށެވެ.

"އަހަރެއްހާ ދުވަހުގެ ތެރޭގައި މި އައި ބޮޑު ބަދަލަކީ މީހަކަށް ގަބޫލުކުރަން ވެސް ދަތި ބަދަލެއް. އަހަރެމެން މީހަކު މޫވީ ތިއޭޓަރަކަށް ނުދާތާ އަހަރެއްވީ،" އޮސްކާއަށް ވޯޓުދޭ މީހަކު ބުނެފައި ވެއެވެ.

ސްޓްރީމްކުރި ފިލްމުތަކުގެ ތެރެއިން އޮސްކާއަށް އެންމެ ބޮޑަށް ވާދަކުރާ ފިލްމުތަކަށް "ނޯމަޑްލޭންޑް" އާ ކުރިމަތިލާ އެ ފިލްމު ބަލި ކުރަން ޖެހޭނެ އެވެ. "ނޯމަޑްލޭންޑް" އަކީ ވަރަށް ގަދަރުވެރި އެވޯޑުތައް ކަމަށްވާ ވެނީސް އާއި ޓޮރޮންޓޯ ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ގެންގޮސްފައިވާ ފިލްމެވެ. މިފިލްމަށް ގޯލްޑަން ގްލޯބްސް އާއި ކްރިޓިކްސް ޗޮއިސް އެވޯޑްސް ވެސް ލިބިފައި ވެއެވެ.

އޮސްކާ ނޮމިނޭޝަންސްގެ ތެރެއިން "ބެސްޓް ޕިކްޗާ" އަށް ވާދަކުރާ ފިލްމު ތަކަކީ 'ދަ ފާދާ"، "ޖޫޑާސް އެންޑް ދަ ބްލެކް މަސާޔާ"، "މެންކް"، "މިނާރީ"، ނޯމޭޑްލޭންޑް"، "ޕްރޮމިސިން ޔަންގް ވުމަން"، "ސައުންޑް އޮފް މެޓަލް"، އަދި "ދަ ޓްރަޔަލް އޮފް ޝިކާގޯ 7" އެވެ.

އެންމެ މޮޅު ޑައިރެކްޓަރުގެ ކެޓަގްރީން އޮސްކާއަށް ވާދަކުރަނީ ތޯމަސް ވިންޓަބާގް (އަނަދަ ރައުންޑް)، ޑޭވިޑް ފިންޗާ (މެންކް)، ލީ އައިޒާކް ޗަންގް (މިނާރީ)، ކްލޯ ޒޯ (ނޯމެޑްލެންޑް)، އެމެރަލްޑް ފެނެލް (ދަ ޕްރޮމިސިން ޔަންގް ވުމަން) އެވެ.

އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީން ނޮމިނޭޓް ވެފައިވަނީ ރިޒް އަހުމަދު (ސައުންޑް އޮފް މެޓަލް)، ޗަޑްވިކް ބޯސްމަން (މާ ރެއިނީޒް ބްލެކް ބޮޓަމް)، އެންތަނީ ހޮޕްކިންގްސް (ދަ ފާދާ)، ގެރީ އޯލްޑްމަން (މެންކް)، ސްޓީވަން ޔަން (މިނާރީ) އެވެ.

ވައޯލާ ޑޭވިސް (މާ ރެއިނީޒް ބްލެކް ބޮޓަމް)، އެންޑްރާ ޑޭ (ދަ ޔުނައިޓެޑް ސްޓޭޓްސް ވާސަސް ބިލީ ހޮލިޑޭ)، ވެނޭސާ ކާބީ (ޕީސަސް އޮފް އަ ވުމަން)، ފްރާންސަސް މެކްޑޯމަންޑް (ނޯމޭޑްލެންޑް)، ކެރީ މުލިންގަން (ދަ ޕްރޮމިސިން ޔަންގް ވުމަން) އެވެ.