އުތުރު ތިލަ ފަޅު

ޔޫޓީއެފް އެއްބަސްވުން މަޖިލީހަށް ފޮނުވާކަށް ނުޖެހޭ: ނަޝީދު

އުތުރު ތިލަފަޅު (ޔޫޓީއެފް) ގުޅޭ އެގްރީމެންޓް މަޖިލީހަށް ފޮނުވަން ނުޖެހޭކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން މިދިޔަ މަހު ސޮއި ކުރިއިރު އެއްބަސްވުމުގެ ތަފުސީލް މިހާތަނަށް ވެސް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ އެއްބަސްވުމެއްގެ ޑްރާފްޓްގެ ކޮޕީއެއް ކަމަށް ބުނާ ލިޔުންތަކެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ލީކް ކޮށްލައްވަފަ އެވެ. އެއާ ގުޅުވައި ސަރުކާރުން ބުނަނީ އެއީ "ފޭކް ޑޮކިއުމަންޓެއް" ކަމަށެވެ.

ޔޫޓީއެފާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތައް ފަތުރާ ކަމަށް ބުނެ ސަރުކާރުން މެންބަރަކު މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ވެއްދި އެވެ. އެ މައްސަލައިގެ ބަހުސްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ އެ އެގްރީމަންޓް މަޖިލީހަށް ހުށަހެޅުމަށް އެދި ވަޑައިގެންފަ އެވެ.

ޝިޔާމްއަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ޔޫޓީއެފް އެގްރީމަންޓަކީ މަޖިލީހަށް ފޮނުވަން ޖެހޭ އެގްރީމަންޓެއް ނަމަ އެ އެގްރީމަންޓް ސަރުކާރުން ފޮނުވާނެ ކަމަށެވެ. އަދި އެއީ ސަރުކާރުގެ މަސްއޫލިއްޔަތެއްކަން ވެސް ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

"އެއީ އެ އެގްރީމަންޓެއް މިތަނަށް ނާންނަނީހެއް އަޅުގަނޑު އަބަދުވެސް ދެކޭނީ އެއީ ފޮނުވާން ޖެހޭ އެގްރިމަންޓެއް ނޫން ކަމަށް. އެއީ މިތަނަށް ފޮނުވަން ޖެހޭ އެގްރީމަންޓެއް ނޫންކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެގްރީމަންޓް މަޖިލީހާ ހިއްސާ ކުރަން ނުޖެހޭނެކަމުގެ ހުއްޖަތަކަަށް ރައީސް ނަޝީދު ދެއްކެވީ މިދިޔަ އާދިއްތަ ދުވަހު ލޯންޗްކުރި ފްލޯޓިން ސިޓީގެ މަޝްރޫއާ އެވެ.

"މޯލްޑިވްސް ފްލޯޓިން ސިޓީ" ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއު ހިންގަން ފެށުމުގެ ގޮތުން ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏެއް ދީފަ އެވެ. މި މަޝްރޫއު ހިންގަނީ ސަރުކާރާއި ޑަޗް ޑޮކްލޭންޑް ކުންފުނި ގުޅިގެންނެވެ.

ފްލޯޓިން ސިޓީގެ މަޝްރޫއުގެ ތަފްސީލް މަޖިލީހާ ހިއްސާ ނުކުރާއިރު އުތުރު ތިލަފަޅުގެ އެއްބަސްވުން މަޖިލީހާ ހިއްސާ ކުރަން ނުޖެހޭނެކަށް ރައީސް ނަޝީދު ވިދާޅުވި އެވެ

"ގާނޫނު އަސާސީ ވަރަށް ސާފުކޮށް ބަޔާންކޮށްދޭ މިތަނަށް ފޮނުވަން ޖެހޭނީ ކޮންކަހަލަ އެގްރީމަންޓެއް ކަމާއި އެކަން އަދި ބަންޑާރަނައިބަކު ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާއަށް އެބަ ލަފާ އަރުވާ. އަޅުގަނޑަށް ޔަގީން ކަށަވަރު އަރުޝީފުގެ ގަވައިދު ބުނާނަމަ ގާުނޫގައި ބުނާގޮތުން ކޮންމެ އެއްޗެއްވެސް އާންމުވެގެންދޭ ވަކި މުއްދަތެއްގެ ފަހުން. މިތަނަށް ލިބުނީމަ އަޅުގަނޑުމެނަަނަށް އެއީ އެބާވަތުގެ އެގްރީމަންޓެއް ކަަމަށް ދެކެވޭނީ." ނަޝީދު ވިދާޅުވި އެވެ.

އެހެން ގައުމެއްގެ މިލިޓަރީން ފަރާތްކަކަށް އެފަދަ ބޭނުމަކަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުގެ މެޖޯރިޓީ ރުހުމަކާއެކު އެވެ. ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ އަކުރު (ނ) ގައި ބުނާ ގޮތުން އެފަދަ މައްސަލަތަކުގައި މަޖިލީހުގެ މެޖޯރިޓީ ވޯޓްގެ ރުހުމެއް ބޭނުންވާނެ އެވެ.