ލިވަޕޫލް އަތުން 3-1އިން ބަލިވި މެޗަކީ ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ އަށް އެތައްގޮތަކުން ފިއްތުންތައް ކުރިމަތިވި ނަތީޖާއެކެވެ. އެ މެޗު ނިމެން ކައިރިވިއިރު ލިވަޕޫލްގެ ސަޕޯޓަރުން ކިޔަމުންދިޔަ ލަވައަކީ މާދަމާ ހެނދުނު މޮރީނިއޯ ހުންނާނީ ވަޒީފާއިން ވަކިކޮށްފައި ކަމަށެވެ. ނަމަވެސް މެޗަށް ފަހު ނޫސްވެރިން އެސުވާލުކުރުމުން ޕޯޗުގަލްގެ ކޯޗު ބުނީ މަގާމާމެދު ހާސްވުމެއްނެތް ކަމަށާއި އޭނާއާ ބެހޭ ގޮތުން ދައްކަނީ ހުސްވާހަކަތަކެއް ކަމަށެވެ.
އެކަމަކު ރަޝިޔާގެ މަހުޖަނު ރޯމަން އަބްރޮވިޗްގެ އަގުބޮޑު ޗެލްސީ އޮތީ ޓޭބަލުގެ 15ވަނާގަ އެވެ. މި ސީޒަނުގައި މިހާތަނަށް ލީގުގައި 11 މެޗު ކުޅުނުއިރު ހަ މެޗުން ބަލިވެއްޖެ އެވެ. މިހެންވެ ނަތީޖާތައް ރަނގަޅު ކުރަން މޮރީނިއޯ އަށް ވަނީ މަޖުބޫރުވެފަ އެވެ. އެހެންނޫނީ އޭނާގެ މަގާމުގައި ނުބަހައްޓާނެ ކަމަށް ޗެލްސީގެ އެންމެ އެތެރޭގެ ބައެއް ފަރާތްތަކުން ވަނީ ނޫސްވެރިންގާތުގައި ވެސް ބުނަން ފަށާފަ އެވެ.
ކުޅުންތެރިންނާ އޮތް ގުޅުން ރަނގަޅުތަ؟
މޮރީނިއޯ އަކީ އާއްމުކޮށް ކުޅުންތެރިންނާ ގުޅުން ވަރަށް ރަނގަޅު ކޯޗެކެވެ. ޗެލްސީ އާއި އިންޓަމިލާން އަދި ޕޯޓޯގައި އޭނާގެ ކުޅުންތެރިން މޮރީނިއޯ ސިފަކޮށްފައިވަނީ ހިތްހެޔޮ ބައެއްޕައެއްގެ ގޮތުގަ އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ޗެލްސީއާ މީގެ ތިން އަހަރު ކުރިން ހަވާލުކުރުމުގެ ކުރިން އޭނާ ކޯޗުކޮށްދިން ރެއާލް މެޑްރިޑުގެ ކުޅުންތެރިންނާ މޮރީނިއޯއާ ދެމެދު ގިނަ މައްސަލަތަކެއް ކުރިމަތިވި އެވެ. އަދި މިހާރު ޗެލްސީގައި ވެސް އޭނާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއީ ކަމަށް ބުނެވެ އެވެ.
އެންމެ ބޮޑަށް މައްސަލަޖެހިފައިވާ ކުޅުންތެރިއަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެޑެން ހަޒާޑް ކަމަށްވެ އެވެ. ހަޒާޑަކީ މޮރީނިއޯ އަށް އިތުރު ޕްރެޝަރެއް ކުރިމަތިވުމުގައި މެދުވެރިއަކަށްވި ކުޅުންތެރިޔާވެސްމެ އެވެ. ޓީމުގެ އެއްވަނަ ޑޮކްޓަރު އިވާ ކަރްނެއިރޯ އާއި މޮރީނިއޯއާ ދެމެދު ސީޒަން ފެށުނު މެޗުގައި މައްސަލަ ޖެހުނީ ރެފްރީގެ އިޝާރާތެއްނެތި އީވާ ހަޒާޑަށް ފަރުވާދޭން ދަނޑަށް އެރި މައްސަލާގަ އެވެ. މޮރީނިއޯ ވަނީ މިކަމާ ހިތްހަމަނުޖެހިން އިވާ ފުރަތަމަ ޓީމުން ވަކިކޮށްފަ އެވެ. އެންމެ ފަހުން އޭނާ ކުލަބުން ވެސް ވަކިވެގެންދިޔައީ އެވެ. އެއަށްފަހު ކުލަބާ ދެކޮޅަށް ގާނޫނޫގޮތުން މައްސަލަ ހުށަހަޅަން ތައްޔާރުވީ އެވެ.
މިއީ މޮރީނިއޯއަށް ހައްލުނުކުރެވުނު ބޮޑު މައްސަލައެކެވެ. މީގެ އިތުރުން ކެޕްޓަން ޖޯން ޓެރީއާ ދެމެދު މީގެ ކުރިން ކިތަންމެ ގާތް ގުޅުމެއް އޮތަސް މިހާރު އެގުޅުމުގައި ވަނީ ރެނދުއަޅާފަ އެވެ. ހާއްސަކޮށް ޓެރީ ބެންޗުގައި ބޭންދުމަކީ ކޯޗާއި ކެޕްޓަނާ ދެމެދު ނުތަވަސްކަން ބޮޑުވި ސަބަބެކެވެ. އެންމެ ކުރިއަށް ކުޅޭ ފޯވަޑް ޑިއެގޯ ކޯސްޓާގެ ފަރާތުން ފެނިގެންދާ އަހުލާގީ މައްސަތަކަކީ ވެސް މޮރީނިއޯ އަށް ހައްލުނުކުރެވިފައި އޮތް މައްސަލައެކެވެ.
އަދިވެސް ބައިވަރު މައްސަލަތައް އެބަހުއްޓެވެ. އޮސްކާ އާއި ހަޒާޑް އަދި ވިލިއަން ފަދަ ކުޅުންތެރިން ކޯޗާ ހިތްހަމަނުޖެހޭ އަނެއް ސަބަބަކީ ކުޅުންތެރިން ދަނޑުމަތީގައި ބޭނުންވާ ފްރީޑަމްއަށްވުރެ ބޮޑަށް ވަކިވަކި ޒިންމާތައް އަދާކުރަން މޮރީނިއޯ ބުނާ މައްސަލަ އެވެ.
ޗެލްސީގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އިނގިރޭސި ނޫސްތަކުގައިވަނީ މޮރީނިއޯ އަށްޓަކައި މޮޅުވުމަށްވުރެ ރަނގަޅީ ބަލިވުން ކަމަށް ޗެލްސީގެ ބައެއް ކުޅުންތެރިން ބުނާ ކަމަށެވެ. މިހެންބުނިކަމަށް އެންމެ ބޮޑަށް ޝައްކުކުރެވީ ވެސް ހަޒާޑަށެވެ. އެއީ އޭނާ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށް ވެސް ވާހަކަދެކެވޭތީ އެވެ. ނަމަވެސް ޗެލްސީގެ ކުޅުންތެރިން މީޑިޔާގައި މިވާހަކަތައް ދޮގުކުރެ އެވެ. އެމީހުން ބުނަނީ ތިމަންނަމެން ތިބީ ކޯޗާއެކުގައި ކަމަށެވެ.
ލިވަޕޫލް މެޗުގައި ވީ ކިހިނެތް؟
ޗެލްސީ ކޮޅަށް ފަހަތުން އަރައި ލިވަޕޫލް ދެ ވަނަ ގޯލު ޖެހުމާއެކު އަމިއްލަ ދަނޑުގެ ޑިރެކްޓަރުންގެ ބޮކްސްގައި މެޗު ބަލަން އިން ކުލަބުގެ ޗެއާމަން ބުރީކް ބަކް އޭނާގެ ފޯނުނަގައި މެސެޖްކުރަން ފެށި އެވެ. އިނގިރޭސި ނޫސްވެރިން ލަފާކުރަނީ ބަކް މެސެޖް ކުރީ އަބްރޮމޮވިޗަށް ކަމަށެވެ. އަދި ފަހަރުގައި އޭނާގެ މޮރީނިއޯ އަށް ވެސް މެސެޖްތަކެއްކޮށްފައިވެދާނެ ކަމަށް ޝައްކު ކުރެވެ އެވެ.
މެޗަށް ފަހު މޮރީނިއޯ އޭނާގެ ކޯޗިން ސްޓާފުން ދަނޑުގެ މެދަށް ގެންދިޔަ އެވެ. ކުޅުންތެރިން ވާމްޑައުން ކުރަމުންދިޔައިރު އޭނާ ވަނީ ކޯޗިން ސްޓާފުންނާއެކު މަޝްވަރާތަކެއްކޮށްފަ އެވެ. މީގެ ތަފްސީލެއްނެތެވެ.
މޮރީނިއޯ ވަކިކުރުން. ފަސޭހަކަމެއްނޫން
ޗެލްސީގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމަކީ ފަސޭހަކަމެއްނޫން ކަމަށް ހުދު އޭނާ ވެސް ބުނެ އެވެ. ސަބަބަކީ ޓީމުގެ އެންމެ ކާމިޔާބު ކޯޗަށް އޭނާ ވެފައިވާތީ އެވެ. ދެ ފަހަރެއްގެ މަތީން ޗެލްސީއާ ހަވާލުވެ އޭނާ ހޯދި ކާމިޔާބީ އެހެން ކޯޗަކަށް ހޯދިފައެއްނުވެ އެވެ. އަނެއްކޮޅުން ކުލަބުގެ ވެރިޔާ އަބްރޮމޮވިޗް 2007 ވަނަ އަހަރު އެއްވެސް ފަސްޖެހުމެއްނެތި މޮރީނިއޯ މަގާމުން ވަކިކުރި ނަމަވެސް މިހާރު އެފަދަ ނިންމުމެއް ނިންމުމަކީ ވެސް އުނދަގޫކަމަށްވަނީ ވެފަ އެވެ. ފުރަތަމަ ކަމަކީ މީގެ ހަ މަސްކުރިން ޗެލްސީ އަށް މޮރީނިއޯ ޕްރެމިއާ ލީގު ކާމިޔާބުކޮށްދީފައި އޮތުމެވެ. ދެ ވަނަ ކަމަކީ އޭނާ މަގާމުން ވަކިކޮށްފިނަމަ އަނެއްކާ ވެސް އަބްރޮމިވިޗްގެ ޖީބަށް ބާރު ބޮޑުވާތީއެވެ.
ދެ ވަނަ ފަހަރަށް މޮރީނިއޯ ޗެލްސީން ވަކިކޮށްފިނަމަ މިހާތަނަށް ޗެލްސީން ވަކިކުރި ކޯޗުންނަށް އަންރޮމޮވިޗްގެ އެކައުންޓުން ހޭދަކުރި ފައިސާގެ އަދަދު 74 މިލިއަން ޕައުންޑަށް އަރާނެ އެވެ. މޮރީނިއޯ މަގާމުން ވަކިކުރި ފުރަތަމަ ފަހަރު ވެސް އޭނާ އަށް ބަދަލެއްގެ ގޮތުން 18 މިލިއަން ޕައުންޑްދޭން ޖެހުނެވެ.
ތިން ވަނަ ސަބަބަކީ އަބްރޮމޮވިޗްގެ ދައުރުގައި ދެން ޗެލްސީ އަށް މޮރީނިއޯ އައުމުގެ ފުރުސަތު ކުޑަވުމެވެ. އަދި ހަމަމިއާއެކު މިއީ ދުނިޔޭގެ މަޝްހޫރު ކޯޗުން ވެސް ޗެލްސީ އަށް އައުމަށް ފަސްޖެހޭނެ ސަބަބަކަށްވާނެތީ އެވެ. އަނެއްކޮޅުން އޮސްކާ އާއި ރަމިރޭޒް އަދި ޓެރީ ފަދަ ކުޅުންތެރިން މީޑިޔާގައި އަދިވެސް ބުނަމުންދަނީ އެމީހުން ތިބީ ކޯޗާއެކުގައި ކަމަށެވެ.