ވާހަކަ

ހީނލާގޮތުން

(14 މާރިޗު 2021 އާ ގުޅޭ)

"ދަނީތަ؟" ހުޅުވުނު ދޮރާއެކު ނޯޔާގެ އަޑު އިވުނެވެ.

"މުހިންމު ވާހަކައެއްތަ؟" އެނބުރި ނޯޔާއަށް ބަލާލަމުން އަސްލަން އަހާލި އެވެ.

އަސްލަންގެ މޫނުން ފާޅުވާން ހުރި އަސަރުތަކުން އޭނާ މަޑުކުރަން ބޭނުން ނުވާކަން ނޯޔާ ދެނެގަތެވެ. ދަރީންނާ ގުޅިފައިވި ކޮންމެ ވާހަކައެއް އަސްލަންއަށް މުހިންމުވާނޭ ނޯޔާ ހީކުރި ނަމަވެސް އޭނާ މިވަގުތު އެހުރީ ނޯޔާއާ ކުރިމަތިލާން ބޭނުން ނުވެފަ އެވެ. އެއީ ކީއްވެކަން ނޯޔާއަށް އެނގެއެވެ. ދެމެދުގައި ގާތްކަމެއް ނެތްއިރު ވެސް ކުރިމަތީ ހުރީ ފިރިމީހާކަން ބުނެ ދިނީ ޚުދު އަސްލަން އެވެ. އޭނާގެ ހަށިގަނޑު އަސްލަންގެ ކުރިމަތީ ކަޝްފުވުމުން ލަދުން ގޮސް މަރުވާވަރުވި އެވެ. އެހެން ވިޔަސް އެ ނަފްސަށް ނޯޔާ ވިސްނައި ދިނީ އަސްލަންގެ ދުލުން ބޭރުކުރި ބަސްތަކެވެ. ފިރިމީހާއަށް ފޮރުވަން ޖެހޭ އެއްޗެއް ކަމުގައި އަނބިމީހާގެ ހަށިގަނޑު ނުވެއެވެ. އެކަމަކު މިހާރު ކުރިމަތިން ފެންނަން އެ ހުރީ އޭރު ނޯޔާގެ ގާތުގައި ހުރި ފިރިމީހާއެއް ނޫނެވެ. ދުރުގައި ބަލަން ނުބަލަން އެ ހުރީ އަސްލަން އެވެ. ހަމައެކަނި އަސްލަންއެވެ. ތިން ކުދީންގެ ބައްޕައެވެ. އޭނާ ނޯޔާއާ ގާތްވާން ޖެހިލުން ވެއެވެ. މިހާރު މިވަގުތު ވެސް އޭނާ އެ މަސައްކަތް ކުރަނީ އެކަހެރިވާށެވެ. މަޑުމަޑުން ނޯޔާ ދެފަރާތަށް ބޯ ހޫރާލިއެވެ. އަސްލަން ކުރި ސުވާލަށް އޭނާ ޖަވާބު ދިނީ އެފަދައިންނެވެ.

"ގުޑްނައިޓް." އަސްލަންއާ ނަޒަރު ސީދާ ކޮށްލުމެއް ނެތި މަޑުމަޑުން ނޯޔާ ބުނެލި އެވެ. އެތެރެއަށް ޖެހިލައި، ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއިރު ވެސް އަސްލަން ދުރުގައި ހުރިތަން ނޯޔާ ދުށްޓެވެ.

"ގުޑް... ނައިޓް..." ދޮރު ލެއްޕުނު ފަހުން އަސްލަންގެ އަނގައިން ބަސްތައް ބޭރުވެލީ ސިއްރުންނެވެ.

* * *

"ރީން..." ކަންފަތް ދޮށުން އިވުނީ ފަވާދުގެ އަޑެވެ. ތުން ފިއްތާލުމާއެކު އަރީން ރަޖާގެ ތެރޭ ބޮޑަށް ފޮރުވެލިއެވެ. ފަވާދު ގާތްވެލުމާއެކު އަނެއްކާ ވެސް ގޮވާލިއެވެ.

"އުނދަގޫނުކޮށްބަލަ!" ފަހަތަށް ފަވާދު ކޮށްޕާލަމުން އަރީން ބުންޏެވެ.

"ނުވައެއް ޖަހަނީ... ތެދުވެބަލަ، ރޭގަ ނިދަން އައީ ކޮންއިރަކު؟" ކުރުއަތް މައްޗަށް އޮވެ ފަވާދު ވާހަކަދެއްކިއެވެ.

އަރީން ވާހަކަ ނުދެއްކުމުން ފަވާދު އެނދުން ތެދުވީއެވެ. އޭނާ ކޮޓަރިން ނުކުމެގެން ސިޓިންރޫމަށް އާދެވުނުއިރު އައިޕެޑް ހިފައިގެން ބެލްކަނީގައި ފަލަކް އުޅޭތަން ފެނުނެވެ. ފޮޓޯ ނެގުމުގައެވެ. ކާމޭޒުދޮށުގައި ސީރިއަލް ތަށި ކައިރިކޮށްލައިގެން ރީވާ އިނެވެ. އެކުއްޖާގެ ސަމާލުކަން ވެސް މޭޒުމަތީ ބަހައްޓާލެވިފައި ހުރި އައިޕެޑަށް ހުއްޓިފައި ވިއެވެ. ބައްޕަ އައިކަން ދެބެންނަށް އެނގުނު ކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ. ފަވާދު އައިސް މޭޒު ދޮށުގައި އިށީނދެ ރީވާއަށް ގޮވާލިއެވެ. ދަރިފުޅާ ވާހަކަދައްކާލަން ގަސްދުކޮށެވެ. ނަމަވެސް ދެތިން ވާހަކައެއް ދައްކާލެވެނުއިރު ރީވާގެ ފުށުން ފޫހިކަން ފާޅުވާން ފެށިއެވެ. ފަވާދުގެ ހިތަށް އުނދަގޫވި އެވެ. ދަރީންނާ ގާތް ގުޅުމެއް ނެތީ ކީއްވެބާއޭ އޭނާގެ ހިތަށް އަރައެވެ. ގައިމު އޭނާއަކީ ގޯސް ބައްޕައެއް ނޫނެވެ. ދަރީންނަށް ވަގުތު ހުސްކުރެ އެވެ. އެކަމަކު އެ ދަރީން ބައްޕައާއެކު ވަގުތު ހޭދަކުރާން ބޭނުން ނުވަނީ އެވެ. ރަނގަޅު މަގުގައި ބޮޑެތިވާ ކުދިބަޔަކަށް އެކުދީންވާން ފަވާދު އެދެއެވެ. އެކަމަކު ދެވޭ ނަސޭހަތުގައި އެކުދީންނެއް ނުހިފައެވެ. ދީނީ ކަންކަމަށް ލޯތްބެއް ނެތެވެ. ފަރުވާތެރިއެއް ނުވެއެވެ. ނަމާދު ކުރަނީ ވެސް ފަވާދު އަޅާފާނޭ ފިޔަވަޅަކަށް ބިރުން ކަހަލައެވެ. ގޭތެރެއިން ޤުރުއާން ކިޔަވާ އަޑެއް އޭނާއަށް ނީވެއެވެ. އަބަދު ދަނޑިބުރި ހިފައިގެން ހުރެ ހަރުކަށި ކަމާއެކު ކަންކަން ކުރުވާ މީހަކަށް ވާން ފަވާދު ނޭދެއެވެ. ދަރީންނަށް އަދަބުދޭން އޭނާ ފަސްޖެހެނީއެވެ. މިހާރު އޮތް ގާތްކަން ވެސް ނެތިގެން ހިނގައިދާނެތީއެވެ. އެކުދީންނަށް ބައްޕައަށްވުރެ މަންމަ ކަމުދެއެވެ.

* * *

"ސާރާ ޓިއުޝަނަކަށް ފޮނުވުން ކިހިނެއްވާނެ؟ އަންނަ އަހަރު ގްރޭޑު އެކަކަށް ދާނެ." އަނުމް ފެންވަރުވާފައި ދޮރު ކައިރީ ހުރި އަސްލަންގެ އަތަށް ދިއްކޮށްލަމުން ނޯޔާ ބުންޏެވެ.

"ޓިއުޝަނަކަށް ފޮނުވާވަރެއް އަދި ނުވެއެއްނު. މާބޮޑު ކިޔެވުންތަކެއް އެ އުމުރުގަ ކިޔަވާކަށް ނޯންނާނެ." އަސްލަން ބުންޏެވެ. އޭނާ ތުވާލި ކޮޅުން އަނުމްގެ ގައި ހިއްކާލުމާއެކު ގެނެސް އެނދުމަތީ އަޅާފައި އޮތް ރަބަރުމަތީ ބައްވާލި އެވެ. އެކުއްޖާ ރީތި ކުރާ އެއްޗެހި ހިފައިގެން އައިސް ނޯޔާ ކައިރިވެލި އެވެ.

"ކިޔެވުން ގޯހެއް ނޫން، ސާރާ މާ މަޑުމަޑުން ހުންނާތީވެ، ޓިއުޝަންތަކުގައި އެކި މިޒާޖުގެ ކުދީންނާ ބައްދަލުވާނެ، ކުދީންނާ ގުޅިގެން އުޅޭން ދަސްވާނެ... ވާހަކަ ދައްކާ އުޅެން ހިތްވަރު ލިބޭނެ، އާންޓީ ވެސް ދެ ފަހަރަކު އެ ވާހަކަ ދައްކާފަ އޮތީމަ... މާ މަޑުން ހުންނަނީއޭ ބުނީ، އާންޓީ ސުވާލެއް ކުރީމަ ވެސް ފޫޅަށް އަޑު އިވޭ ވަރަށް އެކުއްޖާގެ އަޑު ނުކުންނަނީ، ސްކޫލުން އަންނަ ގޮތަށް ދެން އޮތް ހުރިހާ ވަގުތެއް ހޭދަވެގެން މިދަނީ ގޭގަ، އަހަންނާ ވެސް އިސްވެ ވާހަކައެއް ނުދައްކާ..." ނޯޔާ ދެއްކި ވާހަކަތަކާ މެދު އަސްލަން ވިސްނަން އިނީ އެވެ. އަނގައިން ނުބުނެ އެވެ. ދެން ވެސް ވާހަކަ ދެއްކީ ނޯޔާ އެވެ.

"ޤުރުއާން ޓީޗަރެއް ވެސް ހޯދަން އަހަރެން ބޭނުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭ މަސައްކަތް ކޮށްލަނިކޮށް ސާރާއަށް ހަތިމުން ފެށޭނެ، އަހަރެން ކިޔަވައި ދިނުމަށްވުރެ އެ ދެބެން ފަރުވާ ބަހައްޓައިގެން ސަމާލުކަން ދޭނެ ޓީޗަރެއް އަންނަން ފަށައިފިއްޔާ، އޭރުން ފިލާވަޅުތައް ނަގައިދިނީމަ ދަސް ނުކޮށް ހުންނާކަށް ނުކެރޭނެ، މަލްކޮގެ ކޮންސެންޓްރޭޝަން ގެއްލޭނެ ވަރަށް އަވަހަށް، އަހަރެންނަށް އަދަބު ދޭން ނުކެރުނަސް އެނގޭނެ ޓީޗަރު އެކަހަލަ ކަންކަން ދޫކޮށް ނުލާނެކަން، ކޮންމެ ހެން ކުރަން ޖެހޭ ކަމެއް މީ، ޤުރުއާން ވެސް ކިޔަވަން ވާނީ ރަނގަޅަށް އެނގިގެން."

ނޯޔާ ވާހަކައިގަ ހުރެ އަނުމް ތައްޔާރުކޮށް ނިންމާލި އެވެ. އެ ހުރިހާއިރު އަސްލަންގެ ނަޒަރު ނޯޔާއަށް ހުއްޓިފައި ހުރިކަން އެނގުނީ ނޯޔާ ހިންދެމިލުމުންނެވެ. އެއާއެކު ނިކަން އަވަހަށް އަސްލަން ނަޒަރު ބަދަލު ކޮށްލި އެވެ. ރީތިކޮށް ނިމިފައި އޮތް ކުޑަދަރިފުޅު ނަގައިގެން އަސްލަން ތެދުވީ އެވެ.

"ކީކޭ ބުނަނީ؟" އަސްލަން އަނގައިން ނުބުނެ ދާން އުޅުމުން ނޯޔާ އަހާލި އެވެ.

"އެންމެ ރަނގަޅު، އަހަރެން ކޮށްދޭންވީ ކޮންކަމެއް؟" އަސްލަން ހުއްޓި ނޯޔާއަށް ބަލާލި އެވެ.

"އަހަރެން ހަމައްޖައްސާފަ ބުނާނަން." ނޯޔާ ބުނެލި އެވެ. އަސްލަން ހޫންއަކާއެކު ބޯ ޖަހާލާފައި ކޮޓަރިން ނުކުތީ އެވެ.

މަޑުމަޑުން ނޯޔާ އެނދުގައި އިށީނެވެ. ރޭގައި ކަންތައްވީ ގޮތް ނޯޔާ ހަނދާނެއް ނުނެތެވެ. އެހެންވިޔަސް އަސްލަން ގަޔާނުވާ ކަމަކާ ގުޅޭ ގޮތުން ވާހަކަ ނުދައްކަން ނޯޔާ ނިންމީ އެވެ. އަސްލަން ގާތްކުރި ވަރަކަށް އެ ފުރުސަތު ނޯޔާ ދޭން ބޭނުމެވެ. އަސްލަންގެ ހިތާ ހަމައަށް ވާސިލުވުމުގައި އަވަސް އަރުވާލާ އަންހެނަކަށްވާން ނޯޔާ ބޭނުމެއް ނޫނެވެ. އަސްލަންއެކޭ އެއްފަދައިން ދެމެދުގައި އޮތް ސުލްހަވެރި ކަމަށް ނޯޔާ ވެސް އިސްކަން ދެއެވެ. އެކަކުއަނެކަކަށް ދަސްވެ ފަރިތަވާން ވަގުތު ނަގާނޭކަން ނޯޔާގެ ޟަމީރު އެއްބަސްވެއެވެ. އެހާތަނުން އަސްލަންއަށް ނޯޔާގެ މައްޗަށް ފުރިހަމަ އިތުބާރު ކުރެވޭނެކަމުގައި އޭނާ ޤަބޫލުކުރެއެވެ. މި ދިރިއުޅުން ނޯޔާ ބަލައިގެންފިކަމެވެ. ފިރިއަކާއެކު ތިން ދަރީންނަކީ ނޯޔާގެ ދިރިއުޅުން ކަމެވެ. ތަފާތު ފުރިހަމަކަމެއް އެ ދިރިއުޅުމުގައިވާކަން ޔަގީނެވެ. ކޮންމެ ހިތްނުތަނަވަސްވުމެއްގައި ނޯޔާ ވަކީލު ކުރަނީ ﷲ އަށެވެ. އޭނާއަށް ކުރިމަތިވާ ދަތި އަނދުގޫ ހުރަސްތައް ނެތިކޮށްލެވޭނެ ފަރާތަކީ ހަމައެކަނި އެއީއެވެ. އިމްތިހާނުގެ ވަގުތުގައި ކެތްތެރިވާން އޭނާ ދަނެއެވެ. ޔަގީނުންވެސް އޭނާއަށް ޓަކައި ލިޔުއްވިކަމެއް މެނުވީ ތަނަވަސްވެގެން ނުވެއެވެ. ޝަކުވާ ކުރުމުގެ ނުބައި ސިފަ އިން އޭނާގެ ދޫ ރައްކާތެރިކުރީ ﷲ އޭނާގެ ހާލު މޮޅަށް ދެނެވޮޑިގެންވާކަން އެނގޭތީއެވެ.

ގަބޫލު ކުރަން ދަތިވާފަދަ އަޖައިބު ކަމެއް އަސްލަންގެ ނަފްސަށް ވެރިވެފައި ވިއެވެ. ނޯޔާގެ ސިކުނޑީގައި ހިނގާ ހަރުދަނާ ހިޔާލުތަކުގެ ތަނަވަސްކަން ދެނެގަތުމަށް އަސްލަން ނުކުޅެދެއެވެ. ދަރީންގެ މުސްތަގުބަލާމެދު ވިސްނުން ނޯޔާއަށްވުރެ އަސްލަންއަށް ހައްޤުކަން ބޮޑުކަން އޭނާއަށް ވިސްނެ އެވެ. އެކަމަކު ނޯޔާ ފާޅުކުރީ އޭނާ ހިތަށް ވެސް ނާރާ ވާހަކަތަކެކެވެ. މަންމައަކަށް ނުވާއިރު މަންމައެއްގެ ވިސްނުމާއި އިހްސާސްތައް ނޯޔާގެ ހުރީތީ ހައިރާންވެ އަންތަރީސް ވާހާވެއެވެ. އޭނާއަށް ހީވެފައި އޮތީ މައިވަންތަކަމަކީ އަންހެނުން ދަރިމައިވުމަށްފަހު އެމީހުންގެ އަށަގަންނަ ކުލުންވެރިކަމެއް ކަމަށެވެ. ވީއިރު، މީހަކާ ނީނދެ ހުރި އަންހެންކުއްޖަކަށް ކުއްލިއަކަށް މަންމައަކަށްވާން އެނގޭނީ ކިހިނެއް ހެއްޔެވެ؟. ނޯޔާގެ ގަސްދާ މެދު ބޭއިހްތިޔާރުގައި ވިޔަސް އަސްލަން ސުވާލު އުފެދެއެވެ. މީހަކު އެހާ ރަނގަޅުވެދާނެ ހެއްޔެވެ؟. ނޯޔާގެ ފުށުން ކަމުނުދާ ސިފައެއް ޔަގީނުން ވެސް އަދިއެއް އަސްލަން ނުދެކެއެވެ. އަމިއްލަ އެދުމެއްނެތި ހަޔާތުގެ ބައެއް ގުރުބާންކޮށްފާނެ ހެއްޔެވެ؟. އެހެންވެއްޖެނަމަ ނޯޔާއަކީ އޭނާއާއި ތިން ދަރީންގެ މައްޗަށް ﷲ މެދުވެރި ކުރެއްވި ބޮޑު ނިޢުމަތެކެވެ.

* * *

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. ވިއްސާރަ އައްޔެއް ނުކުރެއެވެ. އެހެން ނަމަވެސް އެވަގުތު ވާރޭއެއް ނުވެހެއެވެ. ސޯފާގައި ކުދީންނާއެކު އަސްލަން އިނެވެ. ކޮޓަރިން ނުކުތް ގޮތަށް ނޯޔާ ވަނީ ބަދިގެއަށެވެ. ބެލް އަޅާލީ އެވަގުތެވެ. ތަކުރާރުކޮށް ރަނގަބީލު އަޅާ އަޑަށް އެޕާޓްމެންޓްގެ ދޮރު ހުޅުވީ އަސްލަން އެވެ. ނޯޔާގެ ރަހުމަތްތެރިޔާ އަންނާނޭ ބުނެފައި އޮތީމަ އެވެ. އޭނާ އައުމުން ހުސެންއާއެކު ކޮފީއަކަށް ދާން ނުކުންނާނޭކަން އަސްލަން އޮތީ ބުނެފައެވެ.

"ލޫނާ..." ހައިރާން ކަމާއެކު އަސްލަން ބުނެލެވުނެވެ.

"ކިހިނެއްތަ؟" ލޫނާ ހިނިތުންވެލި އެވެ.

"މިއުޅެނީ ބޭރަށް ދާން... ގުޅާލިނަމަ." އަސްލަން ބުންޏެވެ. އެ ގަޑީގައި ލޫނާ އައުމުން ނޯޔާއަށް އުނދަގޫވާނޭކަން އަސްލަންއަށް ވިސްނުނީ އެވެ.

"އަންހެނުން ވެސް." ލޫނާ އަހާލި އެވެ. އޭނާ އެތެރެއަށް ވަންނަން ދިމާ ކުރުމުން އަސްލަން އެއްފަރާތަށް ޖެހިލި އެވެ. ކާ މޭޒުދޮށުގައި ސައިހަދަން ހުރި ނޯޔާ ބަލާލީ ޔަޝާ ވަދެގެން އަންނަނީއޭ ހީކޮށެވެ. އެކަމަކު އޭނާއަށް ވެސް ވީ އަސްލަންއަށް ވީވަރެވެ. ލޫނާ އަންނަ ކަމެއް އެނގިފައެއް ނެތެވެ.

"ނޯޔާ..." ލޫނާ ގޮވާލުމުން ނޯޔާ ހިނިތުންވުމެއް ދިނެވެ. ދޮރުލައްޕާލާފައި އަސްލަން ބަލާލީ ނޯޔާއަށެވެ.

"އަސްލަން ބުނި ބޭރަށް ދާށޭ މިއުޅެނީ، ދެން ކާކަށް ތި ސައި ހަދަނީ؟" ކާމޭޒާ ކައިރިވެލި ލޫނާ ބުންޏެވެ.

"އަހަރެން ބޭރަށް ދާން ކަމަށް އުޅުނީ." އަސްލަން ކުރިއަށް އަންނަމުން ބުނެލި އެވެ.

"ތީނަ ދޭބަލަ، މަ އެބަހިފަހައްޓަންތަ؟.... އަހަރެން ނޯޔާއާ އަނގަތަޅާލަން މަޑުކޮށްލަފާނަމޭ... ދޯ ނޯޔާ." ލޫނާ ބުންޏެވެ. ނޯޔާ ހިނިތުންވުމަކާއެކު ބޯ ޖަހާލީ އެވެ.

"ކޮފީއަށް ދާން ހިނގާ." އިރުކޮޅަކު ނޯޔާއާއި ލޫނާއަށް ބަލަން ހުރެފައި އަސްލަން ބުންޏެވެ. ލޫނާގެ ނަޒަރު އަސްލަން އާއި ނޯޔާއަށް ދަތުރުކޮށްލިއެވެ.

"ސައި ހަދަނިކޮށް..." ލޫނާ ބުނެލިއެވެ.

"ދާނަންތަ؟" އަސްލަން އަހާލިއެވެ.

"ތެދެއް ނޯޔާ... ދާންވީތަ..." ސަމާސާގެ ހުނުމަކާއެކު ލޫނާ އަހާލި އެވެ.

ނޯޔާގެ ނަޒަރު އަމާޒުވީ އަސްލަންއަށެވެ. ކޮފީއަށް ދާން ލޫނާއަށް ދައުވަތު ދިނީ އަސްލަން އެވެ. އެކަމުގައި ނޯޔާ ބުނަންވީ ކީކޭ ހެއްޔެވެ. އޭނާއަކަށް ލޫނާގެ ގޮތެއް ނޭނގެއެވެ. ލޫނާއަކީ އަސްލަންގެ ރައްޓެއްސެކެވެ. އެއް އޮފީހެއްގައި މަސައްކަތް ކުރާ ދެ މީހުންނެވެ. ދެމެދުގައި އޮތީ ޒަމާންވީ އެކުވެރި ކަމެކެވެ. އެ ދެމެދުގައި އޮތީ އެކުގައި ކޮފީތަކަށް ދާވަރުގެ ގާތް ކަމެއްކަން ނޯޔާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ. އެކަމަކު އަސްލަން އެ ދިން ދަޢުވަތުން ނޯޔާގެ ހިތަށް އުނދަގޫވި އެވެ. ލޫނާއަށް އިތުބާރުކުރަން ދަތިވީ އެވެ. ހިނިތުންވެ ވާހަކަ ދެއްކިޔަސް ހިތްހެޔޮކަމާއި ގާތްކަން އިހްސާސް ނުކުރެވެނީއެވެ. އަސްލަންއަށް ޖަވާބު ދިނުމުގެ ގޮތުން ނޯޔާގެ ހިޔާލަކަށް ލޫނާ އެހިގޮތް ކަމަކު ނުދިޔައެވެ. ހިނިތުންވާން ނޭނގިފައި ނޯޔާ ހުރިއިރު ދުލުކުރީގައި ބުނާނޭ ބަހެއް ވެސް ނުވެއެވެ. ސީދާ އަސްލަންއާ ނަޒަރު ސީދާ ކޮށްލެވުނު ގޮތަށް ނޯޔާއަށް ހުރެވުނީއެވެ.

"ހުސެން ވެސް އެބައާދޭ." ނޯޔާގެ ނަޒަރު ވަކި ނުވުމުން އަސްލަން ބުންޏެވެ. ޔަޝާއާ ބައްދަލުވާނޭތީ އެކަމަށް ނޯޔާ އުންމީދު ކޮށްގެން ހުރިވަރު އަސްލަންއަށް އެނގެއެވެ. އެ ފުރުސަތު ލޫނާގެ ސަބަބުން ގެއްލެން އަސްލަން ބޭނުން ނުވަނީ އެވެ. ގޭތެރޭގެ އެކި ކަންކަމުގައި ނޯޔާ ބުރަކޮށް އުޅޭއިރު އޭނާ އަމިއްލަ ކަމަކު ތަނަކަށް ވެސް ނުދާކަން އަސްލަންއަށް އެނގެ އެވެ. އެކުވެރިޔާއާ ބައްދަލުވެ ވާހަކަ ދައްކާލުމަކީ ނޯޔާގެ ސިކުނޑިއަށް ލުއިކަ މާއި ހިތްހަމަޖެހުން ލިބޭނޭ ކަމެއްކަން އަސްލަންއަށް ވިސްނެ އެވެ. އެ ފުރުސަތު ނޯޔާއަށް ލިބެން ޖެހޭނެކަމުގައި އަސްލަން އަށް ޤަބޫލު ކުރެވެއެވެ. ލޫނާއާ ދިމާއަށް ނުކުންނާށޭ ބުނާކަށް އަސްލަންއަކަށް ނުކެރޭނެ އެވެ. ރީތި ގޮތުގައި ލޫނާގެ ކިބައިން ނޯޔާ މިނިވަން ކުރަން ސިކުނޑިއަށް އައީ އެ ޚިޔާލެވެ. ހުސެންއާ ދެމީހުންގެ ކޮފީގައި ލޫނާ ބައިވެރި ކުރުމެވެ. ނޯޔާއަށް އެކުވެރިޔާއާއެކު ގޭގައި ހަމަޖެހިލެވޭނީ އޭރުންނެވެ.

ހުސެންގެ ނަން އަސްލަން ހާމަކުރުމުން އެގެއަށް ލުނާ އައި ދުވަހުގެ މަތިން ނޯޔާ ހަނދާންވި އެވެ. އޭނާ މަންމަ ގޭގައި އުޅެފައި ކުދީން ގޮވައިގެން އެނބުރި އައި އިރު އެޕާޓްމެންޓުން ނުކުތްތަން ފެނުނީ ހަމައެކަނި އަސްލަންއާއި ހުސެންނެވެ. އެމީހުން ދެއްކި ވާހަކައާ ބެހޭ ގޮތުން ނޯޔާ ސުވާލެއް ނުކުރެއެވެ. އެ ދުވަހު ލޫނާ ނުފެނުނީ ކީއްވެބާއޭ ނޯޔާ ހިތަށް އެރިއެވެ. އޭނާގެ ނަޒަރު ކައިރީގަ ހުރި ލޫނާއަށް ހުއްޓިލިއެވެ.

"ސައިބޯންވީނު..." ތަނަށްވެރިވި ހިމޭންކަން ކަނޑުވާލުމަށް ނޯޔާ ވާހަކަ ދެއްކި އެވެ.

"މިއަދަކު ނޫން، އެބުނީ ކޮފީއަށް ދާން، އެހެން ދުވަހަކުން އަންނާނަން ނޯޔާ އަތުން ސައި ބޯން." ލޫނާ ފާޅުކުރީ ހިތްހެޔޮ ކަމާއި ގާތްކަމެވެ. ހިތުގެ ހާލު މޮޅަށް ފަރުދާކޮށްގެން ހުރެއެވެ.

އަނެއްކާ ވެސް ދޮރުގެ ރަނގަބީލުގެ އަޑު އިވުނެވެ. މިފަހަރު ވެސް ދޮރު ހުޅުވީ އަސްލަން އެވެ. ޔަޝާ ބަލާލުމުން ވަންނާށޭ އަސްލަން ބުނެލި އެވެ.

"މިއަދު މީނަ އުޅޭ ދުވަހަކީތަ؟" ދޮރުން ވަން ޔަޝާގެ ހިތާ ސުވާލު ކޮށްލެވުނެވެ. ގޭތެރެއިން ލޫނާ ފެނުމުން ޔަޝާ މަޑުޖެހިލި އެވެ. ނޯޔާ އަތުން އަންނާށޭ އިޝާރާތް ކޮށްލުމުން އެ ދިމާއަށް ޔަޝާ އައެވެ.

"ފްރެންޑެއްތަ؟" ލޫނާ އަހާލި އެވެ. ނޯޔާ ހަމައެކަނި ބޯ ޖަހާލީ އެވެ. ޔަޝާ ތައާރަފް ކޮށްދިނުމުގެ ވިސްނުމެއް ނޯޔާގެ ނެތްކަހަލަ އެވެ. ޚުދު އޭނާ ވެސް ލޫނާއާ ގާތްކަމެއް އުފައްދަން ބޭނުންނުވާ ކަހަލައެވެ. ޔަޝާއާއި ލޫނާ އެކަކު އަނެކަކަށް ރަނގަޅަށް ބަލާލި އެވެ. ހިނިތުންވުމެއް ބަދަލުކޮށްލި އެވެ. ނޯޔާއަށް އެތެރެއަށް ސިއްރުން ހީނލެވުނީ ޔަޝާގެ ހިނިތުންވުން ފެނިފައެވެ. އޭނާގެ އެ "ފޭކް" ހިނިތުންވުމަކީ ނޯޔާއަށް ފެނި އާދަވެފައިވާ ހިނިތުންވުމެކެވެ.

ސޯފާގައި ތިބި ކުދީންގެ ކައިރިއަށް ލޫނާ ދިއުމުން އަސްލަން ނުކުތީ ބެލްކަންޏެވެ. އޭނާ ފޯނުކޯލެއް ކުރަނީއެވެ. ޔަޝާ އިށީނީ ކާ މޭޒު ދޮށުން ގޮނޑިއެއްގަ އެވެ.

"ހާދަ މީހުން ގިނަވީ؟ އެއީ ކާކުތަ؟" ކޮޅަށް ހުރި ނޯޔާގެ އަތުގައި ކޮނޑު ޖައްސާލަމުން ޔަޝާ ވާހަކަ ދެއްކީ ސިއްރުންނެވެ.

"ހުސެން އަތުވެއްޖެ." ބެލްކަނީގައި ހުރެފައި ގޭތެރެއަށް ވަދެގެން އައި އަސްލަން ބުނެލި އެވެ. ދެބެންގެ ގައިގާ ބައްދާލާފައި ބޮސް ދެމުން ލޫނާ ތެދުވި އެވެ. ދެން އައިސް އުނދޯލީގައި އޮތް އަނުމްގެ ކޮލުގައި ކޮއްޓާލި އެވެ. އަސްލަންގެ ފަހަތުން އޭނާ ނުކުންނަން ދިޔައީ ދެނެވެ.

"ނޯޔާ... ދަނީ..." ދޮރުފަތުގައި ހިފަހައްޓާލައިގެން ލޫނާ ނުކުންނަން ދެން މަޑުކޮށްގެން ހުރެފައި އަސްލަން ގޮވާލި އެވެ. ނޯޔާ ބަލާލުމުން ދަނީ ކަމުގައި އޭނާ ބުންޏެވެ.

"ކާކު އެއީ؟ ކޮންތާކަށް ކަމަނާގެ ފިރިކަލުން އެ ނައްޓާލީ." ދޮރުލެއްޕުމާއެކު އަނެއްކާ ވެސް ޔަޝާ ސިއްރުން އަހާލިއެވެ.

"ރައްޓެހިންނާއެކު... ކޮފީއަކަށް..." ނޯޔާ ބުނެލިއެވެ.

"އޯ! އަންހެނުން ގޭގައި ބަހައްޓާފައި އެހެން އަންހެނުން ގޮވައިގެން ކޮފީތަކަށް... ސަޅި." ޔަޝާ ނޫން ގޮތަކަށް ބުނެލި އެވެ. އޭނާގެ ކޮނޑުގައި ނޯޔާ ބޮނޑިއެއް އެޅިއެވެ.

"އޭރުވެސް އެނގޭ ތިކަހަލަ އެއްޗެކޭ ޔަޝާ ބުނާނޭކަން." އެކުވެރިޔާ ހާމަކުރި ވާހަކައާ މެދު ނޯޔާ ވިސްނާކަން އަންގަން ބޭނުން ނުވީއެވެ. އޭނާ ސީރިއަސްކޮށް އެވާހަކަ ނަގައިފިނަމަ ޔަޝާ ދެން ފާޅުކުރާ ޚިޔާލުގެ އަސަރު ގަދަވާނެއެވެ. އެ ކައިވެންޏާމެދު، އަސްލަންއާމެދު، ތިންކުދީންގެ މަންމައަކަށް ނޯޔާ ވުމާމެދު ޔަޝާ އެއްގޮތަކަށް ވެސް ގަޔާނުވާކަން އެނގޭތީއެވެ.

"އޭނާ ނޯޔާ ގޮވައިގެން ޑޭޓަކަށް ދިޔަތަ؟ އައި ތިންކް ތި މީހުން މެރީކުރި ފަހުން މިހާރު ތްރީ މަންތްސްވާނެކަން... މަންތްލީ އެނިވާސަރީއެއް ނެތްތަ؟ ކޮންކަމެއް ކުރީ؟." އެއްބުމަ ހިއްލާލައި ނޯޔާއަށް ބަލަން އިނދެ ޔަޝާ އަހާލިއިރު އެ ސުވާލުގެ ޖަވާބު ވެސް އޭނާއަށް ބުނަން އެނގޭ ކަހަލައެވެ. (ނުނިމޭ)