އިގްތިސޯދަށް ކޮށްފާނެ އަސަރު ކުޑަ ކުރުމުގެ ގޮތުން، ބޭރު ފައިސާގެ މައްސަލަ ހައްލު ކުރަން ފިޔަވަޅު އަޅާނީ ލަސް ލަހުން ކަމަށް މަރުކަޒީ ބޭންކް އިން ބުނެފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފަރާތުން މާލިއްޔަތު ކޮމެޓީގައި މިއަދު މައުލޫމާތު ދެއްވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ބޭރު ފައިސާގެ މައްސަލަ ހައްލު ކުރަން ފިޔަވަޅުތައް އަޅަމުންދާނީ ލަސްލަހުން ކަމަށާ، މީގެ ބޭރުމަކީ މި ބަދަލުތަކުގެ ސަބަބުން އިގްތިސޯދަށް ކޮށްފާނެ އަސަރު ދެކެގަނެ އެކަންތައް ހައްލު ކުރުމަށް ކަމަށެވެ.
"ބޭރު ފައިސާ އިތުރު ކުރުމަށްޓަކައި މިހާރު އޮތް ގާނޫނު [އެމްއެމްއޭ] ގެ ދަށުން އާ ރެގިއުލޭޝަން ތަކެއް ހަދާނަން. އެގޮތަށް ބޭރު ފައިސާގެ ބާޒާރުގައި ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލު ގެންނާނަން. އަނެއް ކަމަކަށް ކުރާނީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ އެކްސްޗޭންޖު ރޭޓަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން. އޭގެ މާނައަކީ ލައިސަންސިން ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން،" އަލީ ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އަލީ ވިދާޅުވީ ގެންނަ ހުރިހާ ކަމެއްގައި ވެސް ބަލާނީ އެކްސްޗޭންޖު ރޭޓް ހިފަހެއްޓުމަށް ކަމަށެވެ.
"ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރި ތަކުން މުއާމަލާތް ކުރަން ޖެހޭނީ ރުފިޔާ އަށް ކަމަށް ކަނޑައެޅުން. އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފާ ކުރެވޭނީ ހަމައެކަނި ރުފިޔާ އިން ކަމަށް ކަނޑަ އަޅާނީ. ހަމައެކަނި އެކްސްޗޭންޖަކަށް ބޭނުން ކުރަން ޖެހޭނީ ރުފިޔާ ކަމަށް،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ކާޑު ޓްރާންސެކްޝަންތައް ކުރާއިރު ވެސް ރުފިޔާ އިން ބޭނުން ކުރަންވާނެ ކަމަށެވެ.
"ޕޭމަންޓް ސިސްޓަމް އަންނައިރު މި ހުރިހާ އެއްޗެއް ޕޭމަންޓް ސިސްޓަމާ ގުޅޭނެ އޭރުން މޮނީޓަރިން ސިސްޓަމް ވެސް ވަރުގަދަ ވާނެ،" އަލީ ވިދާޅުވި އެވެ.
"އެމްއެމްއޭ އެކަނި މި ހުރިހާ ކަމެއް ހައްލު ކުރަން ދަތިވާނެ. އެހެންވެ ފިނޭންސް މިނިސްޓްރީ އާއި ޓޫރިޒަމް ސެކްޓާ ހިމެނޭ ގޮތަށް ހުރިހާ ސްޓޭކް ހޯލްޑާސްއާއެކު އެންގޭޖު ވެގެން މަސައްކަތް ކުރާނީ."