އަންނަ ޑިސެމްބަރު މަހު އިންޑިޔާގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ނޭޕާލުން ދެ ގައުމެއްގައި ކޭމްޕް ކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.
ނޭޕާލްގެ ގައުމީ ޓީމުގެ ޑެޕިއުޓީ ކޯޑިނޭޓަރު ރަމޭޝް ބުނީ ކޭމްޕް ކުރާނެ ވަކި ދެ ގައުމެއް އަދި މުޅިން ހަމަނުޖެހޭ ކަމަށެވެ.
އޭނާ ބުނީ އިންޑިޔާގެ ޓްރިވެންޑްރަމުގައި އޮންނަ މުބާރާތަށް ނޭޕާލް ޓީމު އެ ގައުމަށް ދާނީ ދެ ގައުމެއްގައި ކޭމްޕް ކުރުމަށްފަހު އެނބުރި ގައުމަށް އައުމަށް ފަހު ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕަށް ނޭޕާލް ޕްރެކްޓިސް ފަށާފައިވާއިރު އެ ގައުމު ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާން އަދި ސްރީލަންކާއާއެކު ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ރާއްޖެ އާއި ޗެމްޕިއަން އަފްގާނިސްތާނާއި ބޫޓާން އަދި ބަނގްލަދޭޝް އެވެ.