ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓްގައި 8 އަހަރުވީ މައްސަލައެއް

ވަކި އަދަދަކަށް މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރުމަށް މީގެ އަށް އަހަރު ކުރިން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަށް ގޮތް ނިންމަން އަޑުއެހުމެއް ތާވަލު ކޮށްފި އެވެ. މި މައްސަލައަކީ މާޗް 13، 2013 ގައި ހުށައެޅި މައްސަލައެކެވެ.

ގާނޫނީ ވަކީލް އިމާދު ސޯލިހް ހުށައެޅުއްވި މި މައްސަލާގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި 2005 ވަނަ އަހަރު އަމަލު ކުރަން ފެށީ ސިޔާސީ ޕާޓީގެ ގަވައިދު ގެ ދަށުން ގިނަ އަދަދަކަށް ސިޔާސީ ޕާޓީ އުފައްދައި ރަޖިސްޓްރީ ކޮށްފައިވާއިރު، އެ ޕާޓީތަކަށް ލިބިފައިވާ ގާނޫނީ ހައިސިއްޔަތުގެ ތެރެއިން އެކިއެކި މާލީ މުއާމަލާތްތައް ހިންގައި ފައިސާ އާއި މުދާ މިލްކުކޮށް އަދި ޕާޓީގެ އޮފީސް ހިންގުމާއި، ޕާޓީއަށް ބޭނުންވާ ހިދުމަތްތަކާއި ތަކެތި ހޯދުމުގެ ގޮތުން މުއާމަލާތު ކޮށްފައިވާއިރު، އެކަންކަން ހަމަޖައްސައްނޭ ވަކިގޮތެއް ކަނޑައެޅުމެއްނެތި ވަކި އަދަދަކަށް މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވި އެޕާޓީތަކުގެ ބެންކު އެކައުންޓުތަށް ފްރީޒްވުމުގެ ސަބަބުން ފަރުދުންގެ ހައްގުތައް ގެއްލިދިއުމުގެ ބިރު އޮތް ކަމަށެވެ.

އަދި މިއީ ދިވެހިރާއްޖެ ބައިވެރިވެފައިވާ ޔުނިވަސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް ގެ މާއްދާ 22، 25، 26 އާއި އިންޓަރނޭޝަނަލް ކޮވިނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް ގެ މާއްދާ 2، 19، 21 މާއްދާއާ ކަނޑައެޅިގެން ހިލާފު މާއްދާ ތަކެއް ކަމަށްވެސް އިމާދު ހުށައެޅުއްވި މައްސަލާގައިވެއެވެ.

މީގެ 8 އަހަރު ކުރިން ހުށައެޅި މި މައްސަލާގައި ވަގުތީ އަމުރަކަށްވެސް ވަނީ އެދިފައެވެ. އެއީ ގާނޫނަށް މި އިސްލާހު ގެނައިރު ވުޖޫދުގައި ހުރި އެއްވެސް ޕާޓީއެއް ނުއުވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް މިދިޔަ 8 އަހަރު މި މައްސަލާާގައި ގޮތް ނިންމަން އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މުޅިން ބަދަލުވެފައިވާއިރު ކޯޓުން މިހާރު ވަނީ މި މައްސަލާގައި ގޮތް ނިންމަން އަޑުއެހުންތައް ފަށަން ނިންމާފައެވެ. ފުރަތަމަ އަޑުއެހުން މާދަމާ ނުވައެއް ޖަހާއިރަށް ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލަ ބައްލަވަނަީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.