ޑރ. މުހައްމަދު މުއިއްޒު

އުމަރު ޒާހިރުގެ ތާއީދުގެ މުއިއްޒުއަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރައްވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ތާއީދު ކުރައްވާ ކަމަށް ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ހާމަކުރައްވައިފި އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން ދަނީ ކުރިއަށެވެ. އިންތިހާބުގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ ސިޓީ ކައުންސިލްތަކަށެވެ. މާލެ ސިޓީގެ މޭޔަރު ކަމަށް ތިން ކެންޑިޑޭޓަކު ވާދަ ކުރެއެވެ. އެއީ ޕީޕީއެމްގެ ފަރާތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އަމިއްލަ ގޮތުން ފޭދު ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އެ ބޭފުޅަކަށްޓަކާ އަބަދުވެސް ފަހުރުވެރިވާ މިނިސްޓަރު އުމަރު ޒާހިރު، ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ތާއީދު ކުރައްވަނީ އޭނާއަށްކަމަށް އިއުލާނު ކުރެއްވުން އެންމެ ރަނގަޅު ކަމަށް އޭނާގެ ގާތުގައި ވިދާޅުވެފައިވާ ކަމަށެވެ.

"އެކަމަށްޓަކައި މިނިސްޓަރު އުމަރު ޒާހިރު އަށް ހިތުގެ އިހުލާސްތެރި ޝުކުރު ދަންނަވަން،"

ސިޔާސީ ވަރަށް ގިނަ ބޭފުޅުންނާއި މާލެ ރައްޔިތުން ދަނީ މުއިއްޒުއަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ.

މުއިއްޒު ގެންދަނީ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންފިނަމަ މާލެއަށް ގެންނަވާނެ ބަދަލުތަކާއި އެމަނިކުފާނުގެ ތަސައްވުރު ހާމަކުރައްވަމުންނެވެ.