އައިޖީއެމްއެޗް

"22 ހަފުތާ ކުރިން ވިހައިފިނަމަ ވިންދު ދަންދެން ބާއްވަނީ"

ބަނޑަށް 22 ހަފުތާވުމުގެ ކުރިން ވިހާ ކުދިންގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށާ އެ ހާލަތުގައި އެ ކުއްޖާގެ ވިންދު އެއްކޮށް ދަންދެން ބާއްވަނީ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން މިހެން ބުނެފައިވަނީ އެ ހޮސްޕިޓަލްގައި މި ހަފުތާގައި ވިހެއި ކުއްޖަކު މަރުވަންދެން އަޅާ ނުލާ ބޭއްވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

މިރޭ އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެނަމަ ނުވަތަ ވަކި އުމުރެއްގެ ކުރިން ވިހައިފިނަމަ އެކަން ބަލަނީ ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ބައިގެން ދިއުމަކަށެވެ. އެގޮތަށް ބެލުމުގައި އެކި ގައުމުތަކުން ތަފާތު އުމުރުތައް ކަނޑައަޅާފައިވާއިރު ސްޕޮންޓޭނިއަސް އެބޯޝަން ނުވަތަ ބައިގެން ދިއުން ކަމަށް އައިޖީއެމްއެޗުން ކަނޑައަޅާފައިވަނީ 22 ހަފުތާ ވުމުގެ ކުރިން ކަމަށެވެ.

"... ކޮންމެ ފުރާނައަކީވެސް އަގުހުރި ހުރުމަތްތެރިވެގެންވާ ފުރާނައެއް. ސިއްހީ ފަރުވާއަކީ އިލާހީ ގާނޫނުތަކުގެ އިތުރުން ސައިންޓިފިކް އަދި ސިއްހީ ގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި އަދި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ އިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމަށް ވީހިނދު މިކަންކަމަށް ރިއާޔަތްކޮށް ފުރާނައެއް ސަލާމަތް ކުރަން ދޭންޖެހޭ އެއްވެސް ފަރުވާއެއް އޮތްނަމަ އެ ފަރުވާއެއް މި ހޮސްޕިޓަލުން ދެމުން ގެންދޭ،" ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބަނޑަށް 22 ހަފުތާވުމުގެ ކުރިން 12 ވަނަ ހަފްތާއިން ފެށިގެން ކުއްޖާގެ ވިންދު ހުންނާނެ ކަމަށާ ކުއްޖާގެ ވިންދު ހުރިނަމަަވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައްވެސް އެ އުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީ ވެފައިނުވާނެ ކަމަށާ މި އުމުރުގައިވާ ވިހާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުން ކުރާ ކަމެއް ނޫން ކަމަށެވެ.

"ސިއްހީ ބަހުން ދަންނަވާނަމަ މިއީ 'ވަޔަބަލް ޕީޓަސް' އެއް ނޫން. މިފަދަ ހާލަތްތަކުގައި އަމަލުކުރާ ގޮތަކީ ވިހާއިރު ކުއްޖާގެ ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ކުއްޖާ ބޭއްވުން. މި މަންޒަރަކީ އާއިލާއާ އެހެނިހެން ފަރާތްތަކަށްވެސް ތަހަންމަލު ކުރަން ދަތި މަންޒަރެއްކަން ގަބޫލުކުރަން،" އައިޖީއެމްއެޗްގެ ބަޔާނުގައި ވެއެވެ.