ވާހަކަ

ޝިކާރަ

(ނުވަވަނަ ބައި)

އަލޫކު ވާހަކަ ފެށިއެވެ. މާޒީގެ ސަފުހާތަކުގެ ތެރެއަށް ފީނަމުން އެ ހަނދާންތައް އައު ކުރަމުން ފަހަރަކު ޞަފްހާއެއް ކިޔަމުން ދިޔައެވެ. ހައިލަމް ވެސް އެ ވާހަކަތަކުގެ ތެރެއަށް ގެނބެމުން ދިޔައެވެ. އަލޫކު ކިޔައި ދެމުން ދިޔަ ވާހަކަތައް އޭނާގެ ސިކުނޑިއަށް ކުލަ މަންޒަރުތަކެއްގެ ގޮތުގައި ސިފަވަމުން ދިޔައެވެ.

***
އެއީ ދުނިޔެ އިނދަޖައްސާލައި އިންސާނުން އެންމެ ނިކަމެތި ކޮށްލި އެއް ހާދިސާ ކަމަށްވާ ކޮވިޑް ނަވާރައިގެ ދުވަސްވަރެވެ. ކޮވިޑްގެ ރާޅުތަކު ދަށުވެ ގައުމުތައް އިނދަޖެހި މީސްތަކުން ހަފުސްވަމުން ދިޔަ ދުވަސްވަރެވެ. އެކަކު އަނެއްކެއްގެ އެހީއަށް އަތްދިއްކުރަމުން ދިޔަ ހިތްދަތި ދުވަސްވަރެވެ. ވަޒީފާތައް ގެއްލި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔަ ޒަމާނެވެ. ވިހިވިއްސަށް ކުރެހި ތަސައްވަރުތަކާ ކުރެވުނު ޚިޔާލުތަކާ މެދު ލަދުވެތިވެ ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިވި ރޯން އޮތް ދުވަސްވަރެވެ.

ހަމޫދަކީ އަމިއްލަ ވިޔަފާރީގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އަމިއްލަ ހިތްވަރުން ކޮޅަށް ތެދުވެ ހިންދެމިލާ ފުރިހަމަ ނޭވާއެއް ބޭރުކޮށްލާން މަސައްކަތްކުރަމުން ދިޔަ ހީވާގި މީހެކެވެ. އޭނާގެ ރިސޯޓަކީ ރާއްޖޭގެ އެއް ނަންބަރު ރިސޯޓެވެ. ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަން މަޝްހޫރު ބްރޭންޑަކަށް ވެފައި އޮތީ "ހަމޫ އެންޑް ހަނީ" ބްރޭންޑެވެ. ބޮޑެތި އިންވެސްޓްމަންޓް ތަކާއެކު ހަމޫދު ފެށި އެ މަސައްކަތުން ނަފާވާން ފެށީ މަސައްކަތް ފެށިތާ ދެތިން އަހަރު ފަހުންނެވެ.

ހަމޫދު ގަބޫލުކުރަމުން ދިޔައީ އޭނާގެ ވިޔަފާރީގެ ކުރިއެރުމާއި ލިބެމުންދިޔަ މަގުބޫލު ކަމުގެ ސިއްރަކީ މުވައްޒަފުން ގެންގުޅެން އެނގުން ކަމުގައެވެ. މުވައްޒަފުންގެ ކުރިއެރުމާއި މުވައްޒަފުންގެ އިހުސާސްތަކަށް ކަންފަތެއް ދީގެން އެމީހުންނަށް ހޭހަންކޮށްދޭނެ އަތެއް އުފައްދައިގެން ކުރި މަސައްކަތް ކަމުގައެވެ. އެހުރިހާ ކަމެއްގެ މުގުލުގައި ހުރީ އޭނާގެ އަންހެނުންކަމެވެ. ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ހުރިހާ މުވައްޒަފުން ވެސް އޭނާއާ މެދު ޚާއްޞަ ގޮތެއް އޮވެއެވެ. ޚާއްޞަ ނަޒަރަކުން ބަލައެވެ. އެ އާއިލާ ރިސޯޓަށް ދާ ދުވަސްތަކަކީ މުވައްޒަފުންނަށް ޢީދެއް އަންނަ ފަދަ ދުވަސްތަކެކެވެ. ހަމޫދުގެ ދީލަތިކަން އިންތިހާއަށް އުފުލޭ ދުވަހެއް ކަމަށްވާތީއެވެ.

"ހަމޫދޫ، ކޮބައިތަ ވިޔަފާރީގައި ކޮޅަށް ތެދުވެ ހިންދެމިލާ ރޮކެޓެއްހެން ކުރިއަރާ ދިޔުމުގެ ސިއްރަކީ؟" ވާސިފު ފުން ނޭވާއެއް ދޫކޮށްލަމުން ހަމޫދަށް ބަލައިލިއެވެ.

ވާސިފަކީ ވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ. ހަމޫދާއި ވާސިފަކީ އެއް ކުލާހެއްގައި ކިޔެވި ދެމީހުންކަމުން ދެމީހުންނަކީ ދެކެ ފަރިތަ މީހުންނެވެ. ދޭތެރެދޭތެރެއިން ބައްދަލުވެ އެކި ދިމަދިމާއިން ފެނިދެނިވެ އުޅެވޭތީ ހިސާބަކަށް ގުޅުން އޮވެއެވެ. ބައެއް ހާލަތްތަކުގައި ކޮފީ މޭޒުތަކުން ބައްދަލުވެއެވެ. މިއީ އެކަހަލަ ދުވަހެކެވެ.

"ކިހިނެއް އަހަރެންގެ ބޯކިބަލުގެ ރެސިޕީ ދޭނީ؟" ހަމޫދު ހިނިތުންވެލިއެވެ.

"ސީކްރެޓް ރެސިޕީތައް ވަރަށް މަދުވާނެ، އެކަމަކު ބުނަންތަ ވާހަކައެއް؟ ލޯ ކުރިމައްޗަށް ފެންނަ މަންޒަރެއް ފޮރުވޭނެ ގޮތެއް ނޯވޭ. އޭގެ ރެސިޕީއެއް ހީލަތްތެރިންނަކަށް މަކަރު ވެރިންނަކަށް އޮޅުވައެއް ނުލެވޭނެ." ވާސިފު ފާޑަކަށް ބަލައިލަމުން ކޮފީތަށީގައި ތުން ޖަހައިލިއެވެ.

"މާނައަކީ ތިޔައީ އެކަހަލަ މީހެކޭތަ؟" ހަމޫދު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

"ވެދާނެދޯ! ކިހިނެއް މީހެއްގެ ގޮތެއް އެނގޭނީ؟ އަހަންނަކީ ވެސް ވިޔަފާރީގައި ކުރިފަސް ހޯދޭތޯ އުޅޭ މީހެއް." ވާސިފު ލޮލަށް ގޮތެއް ހަދައިލަމުން ފުން ނަޒަރަކުން ބަލައިލިއެވެ.

"އާނ! މީހުންގެ ގޮތެއް ނޭނގޭނެ. މީހުންނާއި ނުމީހުން ވަކި ކުރުމަކީ ވެސް ހުނަރެއް. އެކަމަކު އަހަރެންގެ ސިކުނޑިއަށް ކޮންމެ ވެސް ވަރަކަށް އެކަން ނަގައިގަނެވޭނެ." ހަމޫދު ބުމަ ތިރިކޮށްލަމުން ތުންފަތަށް ލުއި ހަރަކާތެއް ވެރިކޮށްލިއެވެ.

"ކީކޭ ބުނަން ތިއުޅުނީ؟" ވާސިފު އިތުރަށް ސަމާލުކަން ދިނެވެ.

ހަމޫދު ވާހަކަދެއްކުން ހުއްޓައިލިއެވެ. އޭނާ ބޭނުންވީ އެ މަޢުޟޫގައި އިތުރަށް ވާހަކަ ނުދައްކާށެވެ. ހިސާބަކަށް ވާސިފުގެ މިޒާޖާއި އޭނާގެ ގޮތް ވެސް އެނގޭތީއެވެ.

"ކޮބާ ކިހިނެއްތަ ދިރިއުޅުން؟ ހަމޫދު ދެން މީ މާ ދުރުދުރުން އުޅޭ މީހެއްވިއްޔާ." ވާސިފު ބުނެލިއެވެ.
"ދުރުދުރުންތަ؟"

"އާނ! މީހަކާ އިނދެލިއިރު ބުނެވެސް ނުލައި. އަންގައި ވެސް ނުލާ ވިއްޔަ. ތަނަކުން ވަގަށް ރާނީއެއް އަތުލީތަ؟" ވާސިފު ދިމާކޮށްލުމުގެ ރާގުގައި ބުނެލިއެވެ. "އަހަންނަށް އެނގިފަ އޮތީ ހަމޫދުގެ ރިސޯޓަށް މި ކިޔާ ނަމަކީ އަންހެންނުންގެ ނަމާ ގުޅުވައިގެން ކިޔާ ނަމެއްކަން."

"ރަނގަޅަށް ތިބުނީ. އަހަންނުންނަށް ކިޔަނީ ހަނީފާ، އެހެންވީމަ ހަމޫ އެންޑް ހަނީ މި ކިޔަނީ." ހަމޫދު ހިނިތުންވެލިއެވެ.

"މާނައަކީ މި ދެމީހުންގެ ހިއްސާއޮންނަ ތަނެކޭތަ؟" ވާސިފު ބޭނުންވީ އިތުރަށް ކޮންނާށެވެ.

"އަހަރެން އަބަދުވެސް ގަބޫލުކުރާ ހަގީގަތަކީ ދިރިއުޅުމެއްގައި އެންމެ މުހިއްމު އަސާސަކީ އަންހެނުންނޭ. އަނބިމީހާއޭ. އަނބިމީހާގެ ހިތްހަމަ ޖެހުމަށް އޭނާގެ އުފަލަށް މަސައްކަތް ކުރުމަކީ ފިރިންގެ ޒިންމާއެކޭ، ވާޖިބެކޭ. އަހަރުމެން ފިރިހެނުން ރެޔާއި ދުވާލު މި ކުރާ ހުރިހާ މަސައްކަތެއް މި ކުރަނީ އަނބިން ހިތްހަމަ ޖައްސައިދޭން. އެމީހުންނަށް ފަސޭހަ ތަނަވަސް ދިރިއުޅުމެއް ހޯދައިދޭން." ހަމޫދު ނުސީދާކޮށް ޖަވާބުދިނެވެ.

"މާނައަކީ؟" ވާސިފު ލޮލަށް ގޮތެއް ހަދައިލަމުން އަހައިލިއެވެ.

"ކުރި ސުވާލުގެ ޖަވާބަކީ އާއެކޭ." ހަމޫދު ފެންތަށި ނަގައި ތުނބުގައި ޖައްސައިލިއެވެ.

ހަމަ އެވަގުތު ހަމޫދުގެ ފޯނު ވައިބުރޭޓްވާން ފެށިއެވެ. ވާސިފަށް ބަލައިލެވުނީ ހަމޫދުގެ ފޯނަށެވެ. ވާސިފު ދެ ލޯ ބޮޑުވިއެވެ. ފޯނުގެ ސްކުރީނުން ފެނުނު އަންހެން ކުއްޖާގެ ފޮޓޯއަށް ކަޅި ޖަހައި ނުލައި ބަލަން އިނދެވުނެވެ.
"ވައިފް." ވާސިފަށް މަޑުމަޑުން ކިޔައިލެވުނީ ފޯނުގެ ސްކުރީނުގައި ލިޔެފައިވާ ނަމެވެ.

އޭނާގެ ސިކުނޑީގައި އެނބުރިގަތީ ކުލަ ނުވެހުރި މާޒީގެ މަންޒަރުތަކެކެވެ. ހީވީ މޫނުމަތިން ރަތް ކުލައިގެ ދޯޕައްޓާއެއް ކެހިގެން ދިޔަހެންނެވެ. އޭނާއަށް ކުރެވުނީ އެކަހަލަ އިހުސާސެކެވެ. އެ ދޯޕައްޓާގެ ހިތްގައިމު މީރުވަހުން އޭނާގެ އެތެރެހަށި ފުރިގެން ދިޔަ ކަހަލައެވެ. ނޭވާ އަވަސްވެ މީހާ ތުރުތުރު އަޅައިގަތް ކަހަލައެވެ.

ދެވަނަ ސިކުންތުގައި ވާސިފުގެ ގައިން ހީބިހި ނަގައި ގަތެވެ. އަތްފައި ފިނިވެ އޭނާގެ ހިއްސުތަކުން ނޭނގޭ މެސެޖުތަކެއް ދޫކުރާން ފެށިއެވެ. އަރުތެރެ ބެދި ހިންދިރުވާލަން އުނދަގޫވާ ކަހަލަ އިހުސާސްތަކެއް ކުރެވެން ފެށިއެވެ.

ވާސިފަށް ބަލައިލެވުނީ ކުރިމަތީގައި އިން ހަމޫދަށެވެ. އޭނާ އިނީ ކަންފަތުގައި ފޯނު ޖައްސާލައިގެންނެވެ. ހިނިތުންވުމާއެކުގައެވެ. ލުއި ލަފުޒުތަކެއް ވާސިފުގެ ކަންފަތަށް ތިލަވަމުން ދިޔައެވެ. އަޑުއަހައިލަން ފަސޭހަ ލަފުޒުތަކެއް ނަމަވެސް އެ ލަފުޒުތަކުގެ ފަހަތުން ތޮރުފެމުން ދިޔައީ ވާސިފުގެ މާޒީގެ ހިތި ހަނދާންތަކުގެ ބޯފާރުތަކެވެ.

ވާސިފުގެ އަޑުގެ ލެނބުންތަކާއެކު ހަމޫދުގެ ހިތުގައި ރުޅިވެރިކަމުގެ ރާޅުތަކުގެ ބާނި ބޮޑުވަމުން ދިޔައެވެ. އެ ބިޔަ ބާނިތަކުގެ ކުރިން ރާޅުތައް އުފެދި ހުޅިލަމުން ދިޔައެވެ. ކޮންމެ ރާޅެއް ވެސް ވަލު ޖަނަވާރެއް ފަދައިން ސީދާ ވާސިފުގެ ހިތަށް ހަމަލާދެމުން ދިޔައެވެ. ބޮޑު ބިޔަރާޅެއް އޭނާގެ މޫނުމަތިން ސިފަވިއެވެ. އެއީ އޭނާގެ ހަޔާތަށް މުގުރައިލި އެންމެ ސުންޕާ ރާޅެވެ. ނަމަވެސް އެ ރާޅު މުގުރައިލަން ޖެހުނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ނުވިސްނެއެވެ. އެ ސުވާލު ބޮލަށް ލައިގެން އުޅޭތާ އެތައް ދުވަހެއް ފާއިތުވެ ދިޔައީއެވެ.

"ކިހިނެއް އަތުލި ރާނީއެއް؟" ހަމޫދު ފޯނު ބޭއްވި އިރަށް ވާސިފު އަހައިލިއެވެ.

"ސަމުސަލަށް އެރީ." ހަމޫދު ހިނިތުންވެލިއެވެ.

"ސަމުސަލަށް އަރާހާ އެއްޗެއް ކަމުދާން ވެސް ފެށީތަ؟" ވާސިފު ލާނެތް ރާގެއްގައި ބުނެލިއެވެ.

"އެއީ ވާސިގެ ސްޓައިލެއްނު، އަހަރެންގެ ފަލްސަފާއެއް ނޫނެއްނު،" ހަމޫދު ހިނިތުންވެލިއެވެ. "ވާސިފެއްނު ބުނަނީ ސަމުސަލަށް އަރާނީ ރަހަބަލަން ޖެހޭ އެއްޗެއްސޭ. ސަމުސާ ކައިރީ އެނބުރޭނީ ސަމުސަލަށް އަރުވަން ޖެހޭ އެއްޗެއްސޭ. ބޭނުންވިޔަސް ނުވިޔަސް ސަމުސަލަށް އަރައިފިނަމަ ޖެހޭނީ ރަހަ ބަލާށޭ."

ވާސިފު ބަލައިލީ ސީދާ ހަމޫދުގެ މޫނަށެވެ.

"އަހަރެން އޭރު ދެއްކި ވާހަކަތަކުގެ ހަގީގަތް އަދި ކިރިޔާ ހަމޫއަށް ތި ވިސްނުނީދޯ، މަ ދެއްކި ވާހަކައަކީ ކިހާ ބުރަދަނެއް ހުރި ވާހަކައެއްކަން ހަމޫއަށް މިހާރު ޔަގީންވާނެ." ވާސިފު ފަޚުރުވެރިވެލިއެވެ.

"ކޮބައިތަ ހަމޫގެ ނަސީބު ނަންބަރަކީ؟" ވާސިފު އަހައިލިއެވެ. "ސުރުޚީ އެޅުނު ދުވަހު ފޮޅުވަތް ފުރެންދެން ލިޔަންވާނެއްނު."

"ވާޖީ، ފަސް އަހަރުގެ ސޮރެއް ވެސް ހުންނާނެ. ދެން ހަނީމެންހާ ރީތި ނޫނަސް މަށަށް ފުއްދައިލެވޭ. އަހަންނަށް މުހިއްމީ ރީތިކަމަށްވުރެ ފައިސާ." ފޯނުގެ ސްކުރީނުން ފޮޓޯއެއް ދައްކައިލަމުން ވާސިފު ބުނެލިއެވެ.

"ފުރިހަމަ ގުޅޭ. ވާސިފުގެ ޓޭސްޓު." ހަމޫދު ތަޢުރީފުކޮށްލީ ފޮޓޯއިން ފެނުނު ވާސިފުގެ އަންހެނުން ވާޖީދާ އަށެވެ.

"ޓޭސްޓަކީ ބަދަލުވާ އެއްޗެއް. އެކަމަކު ބުނަންތަ ފުރަތަމަ ރަހަބެލޭ ކޮފީ ކޮންމެ މީހަކަށް ވެސް މީރުވާނެ. އެ ކޮފީގެ ރަހަބަލަން ބޭނުންވާނެ. އުމުރު ދުވަހަށް އެކަހަލަ ރަހައަކަށް އިންތިޒާރު ވެސް ކުރެވޭނެ. އަނެއްކާ އެ ރަހައިގެ އިހުސާސް އަރުތެރޭގައި އަބަދުމެ ހުންނާނެ. އަސްލު އެއަށް މި ކިޔަނީ ލޯތްބޭ. އަލަތު ލޯތްބޭ." ވާސިފު ދެ މާނަ އެކުލެވޭ ރާގުގައި ބުނެލިއެވެ.

"އަހަންނަކަށް ތިހާ ފަށުވި ރީތި ބަސްމަގުން ވާހަކަ ބުނާކަށް ނޭނގޭނެ. އަހަންނަށް އެނގޭހާ ވެސް ކަމަކީ ފައިސާއަކީ އަދި ހުރިހާ އެއްޗެއް ނޫންކަން،" ހަމޫދު ފޯނަށް ބަލައިލަމުން ބުނެލިއެވެ. "އެބަޖެހޭ ކުޑަކަމެއްގެ ވަކިވެލަން."

"އޯކޭ. ތޭންކްސް. އަދި ދިމާވެލަންވާނެ. އަހަންނަށް ތިގެއަށް ދައުވަތެއް ވެސް ނުދޭނަންތަ؟" ވާސިފު އަހައިލިއެވެ.
"ގެއަށް؟"

"އާނ! ހިނގައިބަލަ ދެމީހުންގެ ފެމެލީ ދިމާކޮށްލަން. އަހަރެން އޮގަނައިޒްކޮށްލަންތަ؟ ސަފާރީ ވެސް މި ދުވަސްކޮޅު އޮތީ ހުޅުމާލޭގަ. ކޮވިޑަށް ގުރައުންޑް ކުރިގޮތަށް. ހިނގައިބަލަ ވީކެންޑަކަށް ސަފާރީއަށް ދާން. ހުރިހާ ޚަރަދެއް އަހަރެންދޭނަން." ވާސިފު ހިތުގައި ކުރެހެމުންދިޔަ ހީލަތްތެރިކަމުގެ މޭވާގައި ކުލަޖައްސަމުން ދިޔައީ އޯގާތެރިކަމުގެ ފިހިންނެވެ.

"ތި ރަނގަޅު ކަމެއް. އެކަމަކު؟" ހަމޫދު ޚިޔާލު ބަދަލުވާން އުޅޭ ކަހަލައެވެ.

ވާސިފު ދެ ބުމަ ކައިރިކޮށްލިއެވެ. އޭނާ ސުވާލެއް ނުކުރި ނަމަވެސް މޫނުމަތިން ސުވާލެއް ކުރަހައިލިއެވެ.
"ކޮވިޑްގެ ދުވަސްވަރެއްނު. އެހާ ސޭފެއް ނޫނެއްނު." ހަމޫދު ޖަވާބުދިނީ ހަމޫދުގެ މޫނުމަތީގައި ކުރެހެމުން ދިޔަ ސުވާލަށެވެ.

"ސަފާރީއޭ. އެއްވެސް އިތުރު ބަޔަކު ނޫޅޭނެ. ތިބޭނީ ބަލަހައްޓާ ދެތިން މީހުން. ދެން ތިބޭނީ އަހަރުމެންނެއްނު. އަހަރެން ހަމޫ އެންޑް ހަނީ ބްރޭންޑަށް ސަފާރީގެ އެންމެ މަތީބައި، ދެން އަހަރެންގެ ފެމެލީއަށް މެދު. އެވަރު އޯކޭއެއްނު. ޕްރައިވަސީ އޮންނާނެ. ބޭނުން ގޮތަކަށް އުޅެންވީ."

ހަމޫދު ކޮޅަށް ތެދުވިއެވެ. އޭނާ ލުއި ގޮތަކަށް ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ.

"މާނައަކީ އޯކޭއޭތަ؟" ވާސިފު އަހައިލިއެވެ.

"ވައިފާ ވާހަކަދައްކައިލާނަން. އޭނާގެ ޚިޔާލަށް ބަލައިފަ ގޮތެއް ނިންމައިފަ އަންގައިލާނަން." ހަމޫދު މާސްކު އަޅައިލަމުން ބޭރަށް ނުކުންނަށް ހިނގައިގަތެވެ.

ވާސިފު އިނީ އެ މަންޒަރު ބަލާށެވެ. އޭނާގެ ހިތުގައިވާ ރުޅިވެރިކަމުގެ ދިލަކަނިތައް ބޮޑުވެ އޭގައި ހުޅުހިފަމުންދިޔައެވެ. ބަދަލު ހިފުމުގެ ރޫހުގައި ސަފާރީ ދަތުރުގެ ހަރަކާތްތަކުގެ ތާވަލު ފުރަމުން ދިޔައެވެ.

(ނުނިމޭ)