ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)، ޕެޑް ޖެހުމާ ގުޅުވާލައި ރައްޔިތުންގެ މަޖިލީހުގައި ފުރައްސާރައަކަށް ވާގޮތަށް ދެއްކެވި ވާހަކަތައް ހޫނުވެ ރައްޔިތުންގެ ތެރެއިން އޭނާއަށް ފާޑުކިޔުންތައް އަމާޒު ކުރުމުން މާފަށް އެދިވަޑައިގެން އެފަދަ ކަންކަމުގައި ދެން ސަމާލުވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
ޕެޑާ ގުޅުވައިލައި އަނދުން ހުސައިން މަޖިލީހުގައި ވާހަކަފުޅު ދެއްކެވީ އެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ފުރައްސާރައިގެ ޖެއްސުމެއް ކުރެއްވުމުގެ ގޮތުން ނެވެެ. އެގޮތުން އާދަމް ޝަރީމް މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށާއި އަދި ލޭ ފެންނާން ހުންނަ ކަމަށް ވިދާޅުވެ ހުސެއިން ވަނީ އާދަމް ޝަރީފަށް ފުރައްސާރައަށްވާ ގޮތަށް ޖޯކް ޖައްސަވައިފަ އެވެ.
ހުސައިންގެ މި ވާހަކައަށް ފާޑު ކިޔުންތައް އާއިރު ބައެއް އެހެން މެންބަރުން ވެސް ލައިވްކޮށް ޓީވީން ދައްކާ މަޖިލީހުގެ ބަހުސްތަކުގައި އެއް މެންބަރަކު އަނެއް މެންބަރަކަށް ދިމާކޮށް ފުރައްސާރައަށް ވާގޮތަށް ޖެއްސުމުގެ ވާހަކަތައް ވިދާޅުވަމުން ގެންދަވަ އެވެ.
އާދަމް ޝަރީފަށް އަމާޒް ކުރައްވާ ހުސައިން ބޭ އަދަބީ ވާހަކަތައް ދެއްކެވި ނަމަވެސް ގިނަ ބަޔަކު އެކަން ނެގީ އެއީ ހުސައިން އަންހެނުންނަށް ކުރެއްވި މަލާމާތެއްގެ ގޮތުގަ އެވެ. އަދި އެކަމަށް މާފަށް އެދިވަޑައިގަތުމަށް ވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވާލާފައި ވެއެވެ. ހުސައިނަށް އޮތް ފާޑުކިޔުންތައް ބޮޑުވުމުން އޭނާ ވަނީ އެކަން ހިނގައިދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
އަދި ހުސައިން ވަނީ އެކަމާ ގުޅިގެން ޓުވީޓެއް ކުރައްވާ މާފަށް އެދި ވަޑައިގަތުމާއެކު ބޭނުން ކުރެއްވޭ އެފަދަ ބަސްތަކާއި މެދު ދެން ސަމާލުވެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. މަޖިލީހުގައި ހުސައިނަކީ ވަރަށް ގިނައިން ތަފާތު ރީތި ބަސްތައް ވެސް ބޭނުން ކުރައްވާ މެންބަރެކެވެ.
"ކަނބަލުންނަށް ނިސްބަތްވާ ފަދަ ގޮތަކަަށް ދެކެވުނު ވާހަކަ އަށް މާފަށް އެދެން. ބަލައި ނުގަނެވޭނެ ފަދަ ވާހަކައެއް ކަަން ގަބޫލް ކުރަން. އަޅުގަނޑު މިފަދަ ބަސްތަކަށް ސަމާލު އިތުރަށް ވާނަން" ހުސެއިން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.