ލައިފްސްޓައިލް

ދަރިއަކު ޖެހުމުން ވެއްޓި މަންމަ މަރުވެއްޖެ

އިންޑިޔާގެ ދިއްލީގެ ބިންދާޕޫރުގައި 76 އަހަރު ވެފައިވާ މަންމަގެ ގައިގައި އޭނާގެ ފިރިހެން ދަރިފުޅު ޖެހުމުން އެ ވެއްޓުނު ގޮތަށް އަންހެންމީހާ މަރުވެއްޖެ އެވެ. އިއްޔެ ހިނގި މި ހާދިސާގެ މަންޒަރު އެ ހިސާބުގަނޑުގައި ހުރި ސީސީޓީވީ ކެމެރާތަކަށް އަރާފައި ވެއެވެ. އަދި މިއަދު ސޯޝަލް މީޑިއާގައި އެންމެ ބާރަށް ދައުރުވާ އެއް ވީޑީއޯއަކީ މި މަންޒަރު ފެންނަ ވީޑިއޯ އެވެ.

މަރުވި އަންހެންމީހާ އަވްތާރު ކޯރު އާއި އޭނާގެ ދަރިފުޅު ރަންބީރު އަދި ރަންބީރުގެ އަންހެނުން މަގުމަތީގައި ތިބެގެން އަރާރުން ވަމުންދިޔަ މަންޒަރު ވެސް މި ވީޑިއޯގައި ފެނެ އެވެ.

މި ތިން މީހުން ޒުވާބު ކުރަމުން ދިޔައީ އެ މީހުންގެ ގެޔާ ކައިރީގައި ހަދަމުންދިޔަ އިމާރާތެއްގެ ބޭރުގައި ޕާކްކޮށްފައި ހުރި ވެހިކަލް ތަކެއްގެ މައްސަލައިގަ އެވެ. ޒުވާބު ކުރަމުން ގޮސް ކުއްލިއަކަށް ފިރިހެންމީހާ އޭނާގެ މަންމަގެ މޫނުމަތީގައި ޖަހަނީ އެވެ. އޭނާ ޖެހިލެއް ބާރުކަމުން ވަގުތުން އަންހެންމީހާ ބިންމައްޗަށް ވެއްޓި އެއްވެސް ހަރަކާތެއް ނެތި އޮއްވާ ފެނެ އެވެ.

އަދި ފިރިހެންމީހާގެ އަންހެނުން އޭނާގެ މައިދައިތަ ނެގޭތޯ މަސައްކަތް ކުރަމުން ދިޔައިރުވެސް ފިރިހެންމީހާ އަޅާ ވެސް ނުލާ ބަލަން ހުރެ އެވެ.

އާއިލާގެ މީހުންނަށް މި ޚަބަރު ލިބިގެން އައިސް ވެއްޓިފައި އޮތް މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެފައި ވެއެވެ.

އެ ހިސާބުގަނޑުގެ ފުލުހުން އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި މަރުވި އަންހެންމީހާ ފުރަތަމަ އެކަމާ ޒުވާބުކުރީ އޭނާގެ އަވަށްޓެރި އަންހެނަކާ އެވެ. މި ދެ މީހުންގެ ޒުވާބު ހޫނުވެގެން އަވަށްޓެރިއަކު ފުލުހުންނަށް ގުޅައިގެން އެތަނަށް ފުލުހުން ދިއުމުން ދެ މީހުން ޒުވާބު ހުއްޓާލި ކަމަށް ވެއެވެ.

ފަހުން އަނެއްކާ މަރުވި އަންހެންމީހާގެ ދަރިފުޅާއި އަނބިމީހާ އައިސް ހަމަ އެ މައްސަލައިގައި ޒުވާބުކުރަން ފަށައި ފިރިހެންމީހާ ރުޅިއައިސްގެން ޖެހީ އެވެ.

މިހާރު އިންޑިޔާ ފުލުހުން ވަނީ އެ ފިރިހެންމީހާ ހައްޔަރުކޮށްފަ އެވެ.