ކުޅިވަރު

ވީއޭއެމްގެ އިންތިހާބު އަންނަ މަހު އެކެއްގައި

ހިންގުން ހުއްޓިފައިވާ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ގެ އިންތިހާބު އަންނަ މަހު އެކެއްގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވީއޭއެމްގެ ހިންގުން މަޑުޖެހުނީ، އެސޯސިއޭޝަންގެ ކުރީގެ ރައީސް މުހައްމަދު ލަތީފްގެ ބާރު ކަނޑުވާލައި އެސޯސިއޭޝަން ނޯމަލައިޒޭޝަން ކޮމިޓީ އަކާ ހަވާލު ކުރުމަށް ސްޕޯޓްސް ކޮމިޝަނާ ހީނާ އަހްމަދު ސަލީމް ނިންމެވުމުންނެވެ. އަބްދުﷲ އާމީރު (އައްލޯ) ޗެއާމަންޝިޕްގެ ދަށުން ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ފެށިނަމަވެސް ކުރިއަކަށް ނުދެވުނެވެ. އިންތިހާބު އިއުލާން ކުރުމަށް ފަހުވެސް ޖެހުނީ ފަސް ކުރާށެވެ.

މައްސަލައިގެ ތެރެއަށް ދުނިޔޭގެ ވޮލީބޯލް ފެޑްރޭޝަން (އެފްއައިވީބީ) ވަދެ ވީއޭއެމްގެ މައްސަލަ ހައްލު ކުރުމަށްޓަކައި ހަތަރު ޕާޓީ ތަމްސީލު ވާނެ ގޮތަށް "މޯލްޑިވްސް އެޑްހޮކް ކޮމިޝަން" ގެ ނަމުގައި ކޮމިޝަނެއް އެކުލަވާލައިގެން މަސައްކަތް ފެށި އެވެ. މި ކޮމިޝަންގައި ތަމްސީލު ކުރާ ހަތަރު ޕާޓީ އަކީ، އެފްއައިވީބީ، އޭވީސީ، ވީއޭއެމް އަދި އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އެވެ.

އެޑްހޮކް ކޮމިޝަނުން ވަނީ، ވީއޭއެމްގެ ޖެނަރަލް އެސެމްބްލީ މި މަހު 24 ގައި ބާއްވަން ނިންމައި، އަދި އަންނަ މަހު އެކެއްގައި އިންތިހާބު ބާއްވަން ނިންމާފަ އެވެ. އެޑްހޮކް ކޮމިޝަންގެ ނިންމުމާ ގުޅިގެން އެފްއައިވީބީން ވަނީ ކޮމިޝަނުން ނިންމި ނިންމުތަކަށް އަމަލު ކުރުމަށް ވީއޭއެމްއަށް އަންގާފަ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު އަވަސް އަށް ވިދާޅުވީ ސިޔާސީ ނުފޫޒު ވީއޭއެމްއަށް ވަނަ ނުދިނުމަށް އޭނާ އަބަދުވެސް މަސައްކަތް ކުރެއްވި ކަމަށެވެ. އޭނާ އޭރުވެސް ގަބޫލު ކުރީ މިހާރު އޮތް ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގައި ބަސް ބުނުމުގެ ބާރު އޮންނަން ޖެހޭނީ އެފްއައިވީބީއަށް ކަމަށެވެ.

"އެފްއައިވީބީން އެދިފައިވާ ގޮތަށް ފުރީ އެންޑް ފެއާ ޑިމޮކްރެޓިކް އިލެކްޝަނަށް މަގުފަހި ކުރަން ވީއޭއެމުން މަސައްކަތް ކުރާނެ."

އަންނަ ބުދަ ދުވަހު ވީއޭއެމްގެ ޖެނަރަލް އެސެމްބްލީގައި ވޯޓް ދިނުމުގެ ހައްގު ލިބިފައި ވަނީ، ވީއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް މެންބާޝިޕް މަރުހަލާތައް ފުރިހަމަ ކުރި ނުވަ ކުލަބަށެވެ. އެ ކުލަބު ތަކަކީ، އައްޑޫ ސްޕޯޓްސް ކުލަބު، ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ)، ޕޮލިސް ކުލަބު، މޯލްޑިވިއަން، ގުޑީސް، ސްޕޯޓްސް ކުލަބު ސިޓީ، ޔޫތު ނިއު ޖެނަރޭޝަން ހާފު ލައިން ލިންކޭޖު އަދި ހޯކްސް އެވެ.

ޖެނަރަލް އެސެމްބްލީއށް މަންދޫބު ފޮނުވައި ދިނުމަށް، ސްޕޯޓްްސް ކޮމިޝަނާގެ ކިބައިން ލަތީފު ވަނީ އެދިވަޑައިގެންފަ އެވެ.