މުހައްމަދު ނާޒިމް

ސަންޑަލް މޮރިސަސްގެ ބޮޑު ޕްރޮޖެކްޓެއް އާރުސީސީއަށް

ސަންޑަލް މޮރިސަސް ކުންފުނިން ރާއްޖޭގަައި އެޅުމަށް ހަމަޖެހިފައިވާ އެޕާޓްމަންޓް ބިލްޑިންގުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފި އެވެ.

އިންޑިއާގެ ސަންޑަލް މޮރިސަސް ކުންފުނިން ހުޅުމާލޭގައި އެޅުމަށް ހަމަޖައްސާފައިވަނީ 120 ހައުސިން ޔުނިޓެވެ. އެ މަަސައްކަތް ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުނި އާރުސީސީއާ ހަވާލުކޮށްފައިވަނީ 203 މިލިއަން ރުފިޔާއަށެވެ.

ވަން ސެންޓްރަލް ޕާކް އެއްބަސްވުމުގައި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އާރުސީސީން ވަނީ އެ ކުންފުންޏަށް އިތުބާރުކޮށް މިފަދަ ބޮޑު ޕްރޮޖެކްޓެއް ހަވާލުކޮށްފައިވާތީ އެކަން ފާހަގަކޮށްފައެވެ. އަދި ކަނޑައަޅާފައިވާ ތާރީހަށް އެޕާޓްމަންޓް ބިލްޑިންގެ މަސައްކަތް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.

އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ފެށި ކުޑަ ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ. އެ މަސައްކަތް ބޮޑު ކުންފުންޏަކަށް ބަދަލުވެ މިއަދު ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ކޮންސްޓްރަކްޝަން ކުންފުންޏަކީ އެއީއެވެ. މަސައްކަތުގެ ފެންވަރު ރަނގަޅު ވުމާއި ކަނޑައަޅާ ތާރީހަށް މަަސައްކަތްތައް ނިންމަމުން ގެންދިއުމުގެ ސަބަބުން ޑިވެލޮޕަރުންގެ ބޮޑު އިތުބާރެއް އާރުސީސީއަށް އޮވެއެވެ.