ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ނައިބު ރައީސް އިސްތިއުނާފުގެ ހުކުމް އިއްވުން މިއަދު

Nov 2, 2015

ނައިބު ރައީސް އަހުމަދު އަދީބުގެ ބަންދުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލްކޮށްފި އެވެ.

ނައިބު ރައީސް އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ދެންމެ ވިދާޅުވީ މިއަދު 2:00 ޖަހާއިރު ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތުގެ މަޖިލީހެއް ބާއްވަން ތާވާލުކޮށްފައިވާ ކަމަށާއި މިއަދު އޮންނަނީ އިސްތިއުނާފު މައްސަލައިގެ ހުުކުމް އިއްވުން ކަމަށެވެ.

"މިއަދު އޮތީ މައްސަލަ ނިންމުން. އަޅުގަނޑަށް އަންގާފައި އޮތީ 2:00 ޖަހާއިރު މަޖިލިސް އޮންނާނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ރިޔާސީ ލޯންޗް ކޮޅު، "ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތު އަދީބަށްޖެހި މައްސަލައިގެ އިސްތިއުނާފުގެ މަޖިލީހުގެ އަޑުއެހުން ހައިކޯޓުން ނިންމާލީ އިއްޔެ އެވެ.

ހައިކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އާއި ފަނޑިޔާރު ޢަލީ ސަމީރެވެ.

އަދީބް 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިމަހުގެ 25 ވަނަ ދުވަހު އެވެ. ބަންދު ކުރަން ނެރުނު އަމުރު ހައި ކޯޓުގައި، އަދީބުގެ ވަކީލް ހުސެން ޝަމީމް އިސްތިއުނާފުކުރެއްވީ އޮކްޓޯބަރު 26 ގަ އެވެ.

މިދިއަ މަހު 24 ގައި ސިންގަޕޫރުން ރާއްޖެ ވަޑައިގަތުމާ އެކު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް ނައިބު ރައީސް ގެންދެވީ ސީދާ ދޫނިދު އަށެވެ. އަދި އޭގެ އަނެއް ދުވަހު އެމަނިކުފާނުގެ ބަންދަށް 15 ދުވަސް، ކްރިމިނަލް ކޯޓުން ޖަހައިދިނެވެ. އެކަމަކު ކޯޓަށް ގެނައުމުގެ ބަދަލުގައި ބަންދުގެ މަޖިލިސް ބޭއްވީ ދޫނިދޫގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.