ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

ސޮވްރިން ފަންޑަށް 58 މިލިއަން ރުފިޔާ ޖަމާކޮށްފި

Mar 18, 2021
1

ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދައްކަން އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް މި އަހަރުގެ މިހާތަނަށް 58 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

ފިނޭންސުގެ ހަފުތާ މާލީ ރިޕޯޓް ދައްކާ ގޮތުގައި މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފް ފަންޑަށް 58 މިލިއަން ޖަމާކުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފަންޑަށް ޖަމާކޮށްފައިވަނީ 157.6 މިލިއަން ރުފިޔާ އެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުގައި ސޮވްރިން ފަންޑުގެ ބޭންކް ބެލެންޖުގައި މިހާރު ހުރީ 631.1 މިލިއަން ރުފިޔާ އެވެ. އަދި މި ފަންޑުގެ ޖުމްލަ އަދަދު ވަނީ 3.2 މިލިއަން ރުފިޔާއަށް އިތުރު ވެފަ އެވެ.

އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފައިސާ ޖަމާ ކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.

ނަމަވެސް، އެސްޑީއެފް ފަންޑަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ޖަމާ ނުކުރުމުގެ ޝަކުވާ ތަކެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ފާޅުކުރައްވާފަ އެވެ. ރައްޔިތުން މަޖިލީހުގައި މި އަހަރުގެ ބަޖެޓަށް މަރުކަޒީ ބޭންކުގެ ލަފާ ދެއްވަމުން ގަވަރުނަރު އަލީ ވިދާޅުވެފައިވާ ގޮތުގައި އެ ފަންޑު ގާއިމް ކޮށްފައިވާ މަގުސަދަކީ ބޭރުގެ ފަރާތް ތަކުން ނަގާފައިވާ ސުކޫކް އާއި ބޮންޑު ފަދަ ތަކެތި އެ ފަންޑަށް ޖަމާކުރާ ފައިސާ އިން އަނބުރާ ދައްކަން ކަމަށެވެ.