ހޮލީވުޑް

ރިޒް އަހުމަދު: އޮސްކާއަށް ނޮމިނޭޓްވީ ފުރަތަމަ މުސްލިމް އެކްޓަރު

އެންމެ މޮޅު އެކްޓަރުންގެ ކެޓަގަރީން އޮސްކާ އެވޯޑަށް ނޮމިނޭޓްވުމަކީ ވަރަށް މަދުން ނޫނީ އެކްޓަރަކަށް ހުވަފެނުން ވެސް ފެންނާނެ ކަމެއް ނޫނެވެ. ރިޒް އަހުމަދަށް ވަނީ މި އުފާ ހާސިލުވެފަ އެވެ. އޭނާއަކީ މިހާތަނަށް އޮސްކާއަކަށް ނޮމިނޭޓްވީ މުސްލިމް ހަމައެކަނި އެކްޓަރު ވެސް މެއެވެ.

އޮސްކާ ނޮމިނޭޝަންސް އިއުލާން ކުރިއްސުރެ ސޯޝަލް މީޑިއާގައި ރިޒްގެ ޓްރެންޑްގެ އޮއިވަރު ވަނީ ގަދަވެފަ އެވެ. ރިޒް ނޮމިނޭޓްވީ "ސައުންޑް އޮފް މެޓަލް"ގައި އޭނާ ކުޅެފައިވާ ބައިންނެވެ.

ބެސްޓް ސަޕޯޓިން އެކްޓަރުގެ އޮސްކާ އެވޯޑް މީގެ ކުރިން މުސްލިމް އެކްޓަރަކަށް ލިބިފައި ވެއެވެ. އެއީ 2017ގައި ރިލީޒްކުރި "މޫންލައިޓް"ގައި ދެއްކި ޕާފޯމަންސަށް މެހެރްޝާލާ އަލީ އަށެވެ. މިހާރު ރިޒް މިވަނީ ބެސްޓް އެކްޓަރު ކެޓަގަރީން ނޮމިނޭޓް ވެފަ އެވެ.

ރިޒް އަކީ ޕާކިސްތާން ބްރިޓިޝް އެކްޓަރެކެވެ. އޮސްކާގެ ފިނާލޭ އާ ހަމައަށް ދެވުމަކީ ވެސް ރިޒް އަށް ވަރަށް ބޮޑު ކާމިޔާބެކެވެ. މިހާރު އޭނާ ނޭވާ ހިފަހައްޓާލައިގެން ހުރީ ބެސްޓް އެކްޓަރުގެ އެވޯޑު ލިބިދާނެކަމުގެ އުންމީދުގަ އެވެ.

ލޮސް އެންޖަލިސް ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ރިޒް ބުނީ މި ވަގުތު އޭނާއަށް ކުރެވެނީ މިފަދަ އެވޯޑަކަށް ނޮމިނޭޓްވީމަ އެހެން އެކްޓަރުންނަށް ވުރެ ކުރެވޭ ކަހަލަ އިހްސާސް ތަކެކެވެ. އެއީ ވަރަށް ހިތްގައިމު އިހްސާސް ތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ބައެއް މީހުން ބުނާނެ ފުރަތަމަ މުސްލިމް އެކްޓަރޭ. އަނެއް ބަޔަކު ބުނާނެ ޕާކިސްތާނާއި އިނގިރޭސި ވިލާތަށް ނިސްބަތްވާ ފުރަތަމަ އެކްޓަރޭ. އަނެއް ބަޔަކު ބުނާނެ ލަންޑަންގެ ވެމްބްލީގައި ދިރިއުޅޭ ފުރަތަމަ އެކްޓަރޭ. އެކަންކަމަށް ވުރެ އަހަރެންނަށް މުހިއްމީ އަހަރެންގެ މަސައްކަތް ދުނިޔެއަށް ފާހަގަ ކުރެވުނުކަން،" ރިޒް ބުންޏެވެ.

ރިޒް އަކީ ލީޑް އެކްޓިން އެމީ ލިބުނު ފުރަތަމަ މުސްލިމް އެކްޓަރު އަދި ފުރަތަމަ އޭޝިއާ އެކްޓަރު ވެސް މެއެވެ. އެ އެވޯޑު އޭނާ އަށް ލިބުނީ 2017 ގައި ރިލީޒްކުރި "ދަ ނައިޓް އޮފް" ކުޅެގެންނެވެ.