ލައިފްސްޓައިލް

އެއް އާއިލާއެއްގެ 11 މީހަކަށް ކޯލަން ކެންސަރު ޖެހިފައި

އޯމާނުގެ އެއް އާއިލާއެއްގެ 11 މީހެއްގެ ބޮޑު ގޮހޮރަށް (ކޯލަން އަށް) ކެންސަރު ޖެހިއްޖެ އެވެ. އެ ގައުމުގެ މީޑިއާ ތަކުން ބުނެފައިވާ ގޮތުގައި މިއީ އާއިލީ ގޮތުން ވާރުތަވާ މައްސަލަތަކެއް ހުރުމުން ދިމާވި ކަމެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ.

އޯމާންގެ ރޯޔަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ކޯލަން އެންޑް ރެކްޓަލް ސާޖަން ޑރ. ރާޝިދު ބިން މުހައްމަދު އަލް އަލާވީ ވިދާޅުވެފައިވާ ގޮތުގައި އެއް އާއިލާގެ 11 މީހަކަށް ކޯލަން ކެންސަރު ވަނީ ޖެހިފަ އެވެ. އަދި މިކަމުގައި އާއިލީގޮތުން ވާރުގަދަވާ ފެކްޓާއެއް ވާކަން ވަރަށް ބޮޑަށް ޔަގީންކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މި މީހުންގެ ތަފްސީލު އޭނާ ނުދެއްވަ އެވެ.

ފަހަކަށް އައިސް އޯމާނު މީހުންނަށް ކޯލަން ކެންސަރު ޖެހޭ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް ޑރ. ރާޝިދު ވިދާޅުވި އެވެ.

އެ ގައުމުގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 21،002 މީހަކަށް ކޯލަން ކެންސަރު ޖެހިފައި ވެއެވެ. މީގެ ތެރެއިން 10،723 މީހުންނަކީ ފިރިހެނުންނެވެ. ބާކީ ތިބީ އަންހެނުންނެވެ.

އެ ގައުމުގެ މީހުންނަށް އާންމުކޮށް ޖެހޭ ފަސް ބާވަތުގެ ކެންސަރުގެ ތެރޭގައި ހިމެނެނީ އުރަމަތީ ކެންސަރާއި، ނޮން-ހޮޖްކިން ލިމްފޯމާ، ލޭގެ ކެންސަރު، ކޮލޮރެކްޓަލް ކެންސަރާއި ތައިރޮއިޑް ކެންސަރެވެ.

ފިރިހެނުންގެ މެދުގައި އެންމެ އާންމު ކެންސަރަކީ ޕްރޮސްޓޭޓް ގްލޭންޑް ކެންސަރެވެ. އަންހެނުންގެ މެދުގައި އެންމެ އާންމީ ބްރެސްޓް ކެންސާ އެވެ.