ރަޝިއާއިން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު އެނަޓޮލީ އެންޓޮނޯފް މޮސްކޯއަށް ވަޑައިގަތުމަށް ދަންނަވައިފި އެވެ. ސަބަބެއް ކަމަށް ޚަބަރުތައް ބުނަނީ އެމެރިކާއާ އެކު ދެން ގުޅުން ދަމަހައްޓާނެ ގޮތަކާ މެދު މަޝްވަރާކުރެއްވުމަށް ކަމަށެވެ.
އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑަށް ހަވާލުވެ ވަޑައިގަތް ފަހުން ފެންނަނީ އެމެރިކާއާ ރަޝިއާގެ ގުޅުން ހީނަރުވަމުން އަންނަ ތަނެވެ. ބައިޑަން ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިއާގެ ރައިސް ޕޫޓިންގެ ކިބައިގައި އޯގާތެރިކަމެއް ނެތެވެ.
އެމެރިކާއާ ރަޝިއާއާ ދެމެދު ފުށުއަރާ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. އެމެރިކާގެ ޖާސޫސީ އޮފިޝަލުން ބުނާ ގޮތުން އެމެރިކާގައި 2020 ގައި އޮތް ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުވަން ރަޝިއާއިން މަސައްކަތްކުރި އެވެ. އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިއާ ޖެއްސުންކުރާ ވާހަކަ، ކޮންމެ ފަހަރެއްގެ އިންތިހާބާ ގުޅުވައިގެން ވެސް ދެކެވެ އެވެ.
ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ޒަހަރުދިނުމަކީ އެމެރިކާ ދެކޭ ގޮތުގައި ރަޝިއާާއަށް ދަތިކުރަންޖެހޭ މައްސަލައެކެވެ. ނަވަލްނީ ޖަލުގައި ހައްޔަރުކުރުމަކި ޕޫޓިންގެ ރަހުމެއް ނެތްކަމެވެ.
ރަޝިއާއިން ޔުކްރޭނަށް އަރައި ކްރައިމިއާއިން ތަންގަނޑެއް ވެރިކުރުމަކީ ވެސް އެމެރިކާއަށް ކެތްކުރެވެން ނެތް ކަމެވެ. މިއިން ކޮންމެ ކަމަކާ ގުޅުވައިގެން ވެސް އެމެރިކާއަށް ކުރެވެން އޮންނަ އެންމެ ބޮޑުވަރަކި ދަތިކުރުމެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކާ ގުޅިގެން ޖަރުމަނަށް ގޭސް ޕައިޕްލައިނެއް އަޅަން ރަޝިއާއިން ކުރާ މަސައްކަތްތަކާ ހެދި ވެސް އެމެރިކާ އޮތީ ރުޅިގަދަވެފަ އެވެ. އެއީ ރަޝިއާއަށް އިގުތިސޯދީ ގޮތުން ތަނަވަސް ފުރުސަތަކަށް ވާނެތީ އަދި އެމެރިކާއިން ދަތިކުރަންކުރާ މަސައްކަތްތަކުން ރަޝިއާއަށް އަސަރެއްނުކުރާނެ ކަމަށް ބެލެވުމަކީ ވެސް އުދާސްބޮޑު ހީވުމެކެވެ.
އެމެރިކާގައި ހުންނަވާ ރަޝިއާގެ ސަފީރު މޮސްކޯއަށް ވަޑައިގަތުމަށް ދެންނެވުމަކީ ރަސްމީކޮށް އިއުލާންނުކުރި ނަމަވެސް ގުޅުން ވަރަށް ގޯސްވެއްޖެ ކަމުގެ އަލާމާތެކެވެ. ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވިދާޅުވީ ދެގައުމުގެ ގުޅުން ހީނަރުވާން ރަޝިއާ އެހީތެރިނުވާނެ ކަމަށެވެ. ސަފީރު އަނބުރާ ގެންނަވަނީ އެމެރިކާގެ ބަސްމަގު ހުރި ގޮތުން ފުށުއެރުމުން ސަލާމަތްވުމަށް ކަމަށެވެ.
މަޝްރަހު އޮތް ގޮތުން ރަޝިއާގައި ހުންނަވާ އެމެރިކާ ސަފީރު ވަޑައިގަތުމަށް ދަންނަވާނަންތޯ ކުރި ސުވާލަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ޖެލީނާ ޕޯޓާ ޖަވާބެއް ނުދެއްވި އެވެ. އެކަމުގައި ބައިޑަންގެ ސިޔާސަތު ހުރި ގޮތް ވިދާޅެއްނުވި އެވެ.
އެމެރިކާގެ ބަސްމަގު ހުރީ ރަޝިއާއަށް ވަރުގަދަ އަދަބެއްދޭ ގޮތަށެވެ. އަދި ވަކި ގޮތެއް ނިންމާފައި ނުވި ނަމަވެސް ބައިޑަން ވިދާޅުވީ ރަޝިއާއަށް ގޮތެއްވާން ޖެހޭ ކަމަށެވެ.
މާރިއާ ޒަޚަރޯފާ ވިދާޅުވީ އެމެރިކާގެ ވިސްނުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް މޮސްކޯގެ ވިސްނުމަކީ ގުޅުން ހަރުދަކުރަން ކުރެވެން ހުރި ކަންތައްތަކާ މެދު މަޝްވަރަކޮށްގެން ހައްލުހޯދުން ކަމަށެވެ.