ދުނިޔެ

ލުބްނާންގެ ރައީސް ކެބިނެޓް އެކުލަވާލައްވަން ހަރީރީއަށް ދަންނަވައިފި

ލުބްނާންގެ ރައީސް މިޝޭލް އައޫން އަނެއްކާ ވެސް ސައުދު އަލްހަރީރީއަށް ފުރުސަތު ދެއްވައިފިއެވެ. ވިދާޅުވީ ލަސްނުކުރަައްވައި ކެބިނެޓް އެކުލަވާލެއްވުމަށް ނުވަތަ އެކަންކުރެވޭ ވަރުގެ އެހެން މީހަކަށް ފުރުސަތުދެއްވުމަށެވެ.

މިޝޭލް އައޫން ރިޔާސީ ގަނޑުވަރުގައި ހަރީރީއަށް ދައުވަތުދެއްވައި ވިދާޅުވީ މަޝްވަރާކުރެވިފައިވާ ގޮތަށް ލަސްނުކުރައްވައި ސަރުކާރު އެކުލަވާލެއްވުމަށެވެ. ސައުދު އަލްހަރީރީ މިވަގު ހުންނެވީ ރައިސް އެދިވަޑައިގަތުމުގެ މަތިން ވަގުތީ ބޮޑުވަޒީރުކަމުގަ އެވެ.

"ހަރީރީއަށް ސަރުކާރު އެކުލަވާލައްވަން ދަތިފުޅު ނަމަ އަދި އެކަމުގައި ތަކުލީފުތަކެއް ހުރި ނަމަ، މަޝްވަރާކުރެވުނު ގޮތަށް އެހެން ބޭފުޅަކަށް ފުރުސަތުދެއްވަން ދަންނަވަން" ރައިސް އައޫން ވިދާޅުވި އެވެ.

ސައުދު އަލްހަރީރީއަށް ސަރުކާރެއް އެކުލަވާލެއްވުމަށް ފުރުސަތުދެއްވީ އޮކްޓޯބަރު 22، 2020 ގައި އެވެ. އެއީ ކުރިން ބޮޑުވަޒީރުކަމުގައި ހުންނެވި މުސްތަފާ އަދީބްއަށް ސަރުކާރެއް އެކުލަވާލައްވަން ދެއްވި ފުރުސަތުގައި ޕްރެޝަރު ބޮޑުވެ ވަޑައިގެން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އޭގެ ދެމަހެއްހާ ދުވަސް ފަހުން ހަރީރީ 18 މެމްބަރުންގެ މައްޗަށް އެކުލެވޭ ކެބިނެޓެއް ރައީސަށް ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް، ކެބިނެޓަށް އިޚްތިޔާރުކުރެއްވި މެމްބަރުނާ ބެހޭ ގޮތުން މައުލޫމާތު ނުދެއްވާ ކަމަށް ވިދާޅުވެ ރައިސް ގަބޫލުފުޅެއް ނުކުރެއްވި އެވެ.

ރައިސް ދެއްވި ދައުވަަތަށް ހަރީރީ އަދި ވަކި ޖަވާބެއް ނުދެއްވަ އެވެ.

ލުބްނާން މިހާރު ތަޖުރިބާކުރަމުން އަންނަނީ ވަަރަށް ހަލަބޮލި ދުވަސްތަކެކެވެ. ސަރުކާރު ހިންގާނެ ހަރުދަނާ ނިޒާމެއް ނެތުމުން އިގްތިސޯދު ހަމައަކަށް ނޭޅި މުޅި ގައުމު ވަނީ ރޫޅިފަ އެވެ. މަގުތަކަށް އާންމުން ނިކުމެ ހަމަނުޖެހުން ހިންގަމުން އަންނައިރު ފައިސާ އަގުވެއްޓި އަރައިނުގަނެވޭ ވަރު ވަނީ ވެފަ އެވެ.