ދުނިޔެ

ޗައިނާ އެމްބަސީން އިޒްރޭލަށް ޖާސޫސްކުރާ މަގުތަކެއް

އިޒްރޭލުގައި ހުންނަ ޗައިނާ އެމްބަސީން އިޒްރޭލުގެ ބައެއް މިނިސްޓަރުންނަށް ހަދިޔާއެއް ގޮތުުގައި ފޮނުވި ހޫނު ހިފަހައްޓައިދޭ ތަރުމޯޒާއި މަގުތަކެއްގެ މައްސަލަ އިޒްރޭލުގެ ޖާސޫސީ އިދާރާ ޝާބާކްގެ ސަމާލު ކަމަށް އަތުވެއްޖެ އެވެ.

ޖާސޫސީ އިދާރާގެ އޭޖެންޓުން ބުނާ ގޮތުން ދޭތެރެ ދޭތެރެއިން ކުރާ ސެކިޔުރިޓީ ޗެކެއްގައި މަގުތަކުން އެލާމް އަޅާތީ ކަންބޮޑުވެގެން ބަލަމުން ގެންދާ ކަމަށެވެ.

އިޒްރޭލުގެ ނޫސްތަކުން ބުނާ ގޮތުން ބެލެވެނީ އެއީ ޖާސޫސީ މަގުތަކެއް ކަމަށެވެ. އަދި މަގުތައް ރޫޅައިގެން ބެލުމުން ޖާސޫސް ކުރަން ބޭނުންކުރާ ކަހަލަ ކުދިކުދި އާލާތްތަކެއް ފެނިވައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޗައިނާ އެމްބަސީން މަގުތައް ފޮނުވި މިނިސްޓަރުންގެ ތެރޭގައި ސައިންސް އެންޑް ސްޕޭސް މިނިސްޓަރާއި ކަލްޗާ އެންޑް ސްޕޯޓްސް މިނިސްޓަރު ހިމެނޭ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޖާސޫސީ އިދާރާއަށް ލިބުނު މައުލޫމާތަށް ބުރަވެ ސަރުކާރުގެ އެހެން މިނިސްޓްރީތައް ވެސް ވަނީ ޗެކްކޮށްފަ އެވެ. އެހެން ނަމަވެސް އެނޫން މިނިސްޓްރީރަކަށް ޗައިނާ އެމްބަސީން މަގުތައް ފޮނުވާފައި ނުވާ ކަމަށް ވެއެވެ.

މިކަމާ ބެހޭ ގޮތުން ޗައިނާ އެމްބަސީ އަދި އެކައްޗެއް ވެސް ނުބުނެ އެވެ. އެހެން ނަމަވެސް ޖާސޫސީ އިދާރާ ޝާބާކްގެ އޭޖެންޓުން ބުނާ ގޮތުން ޖާސޫސް ކުރުން ނުވަތަ އެފަދައި ހީކުރުވުމަށް މަގުތަކުން ހެކި ލިބެ އެވެ.

ޝާބާކް ބުނާ ގޮތުން ޗައިނާ އެމްބަަސީން އަދި އިތުރު މަގެއް ސަރުކާރެގެ އެއްވެސް އިދާރާއަކަށް ފޮނުވާފައި ވޭތޯ އަދި ވެސް ޗެކްކުރާނެ އެވެ. އަދި އެ ހަދިޔާތަކާ މެދު ސީރިއަސްކޮށް ބަލާނެ އެވެ.

ޗައިނާ އާއި އިޒްރޭލަކީ ގުޅުން ގާތް ދެ ގައުމެވެ. ދެގައުމު ގުޅިގެން ދުނިޔެ ތަރައްގީ ކުރުމަށް އިގުތިސޯދީ ބިޔަ ޕްރޮޖެކްޓްތައް އެބަ ހިންގަ އެވެ. އަދި އިތުރު ޕްރޮޖެކްޓްތައް ރާވައި ތަންފީޒު ކުރެވެން ހުރި ގޮތްތައް ބަލަމުން ގެންދާ ކަމަށް ވެއެވެ.

އެހެންކަމުން، ޗައިނާއިން ޖާސޫސް ކުރުމުގެ ނިޔަތުގައި މިފަދަ އާދައިގެ ކަމެއް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އެހެން ނަމަވެސ މިކަމާ ބެހޭ ގޮތުން ދެ ގައުމުން މަޝްވަރާ ކުރާނެ އެވެ.