(16 މާރިޗު 2021 އާ ގުޅޭ)
"އޭނާ ނޯޔާ ގޮވައިގެން ޑޭޓަކަށް ދިޔަތަ؟ އައި ތިންކް ތިމީހުން މެރީ ކުރިފަހުން މިހާރު ތްރީ މަންތްސްވާނެކަން... މަންތްލީ އެނިވާސަރީއެއް ނެތްތަ؟ ކޮން ކަމެއް ކުރީ؟." އެއްބުމަ ހިއްލާލައި ނޯޔާއަށް ބަލަން އިނދެ ޔަޝާ އަހާލިއިރު އެ ސުވާލުގެ ޖަވާބު ވެސް އޭނާއަށް ބުނަން އެނގޭ ކަހަލައެވެ.
އިދިކީލިވުމަކީ ޔަޝާގެ މަގްސަދުކަން ނޯޔާ ދެނަހުއްޓެވެ. ތެދުވެރި ކަމާއެކު ވާހަކަ ދެއްކޭކަށް ނޯޔާއަކަށް ނެތެވެ. ހިޔާލު ބަދަލު ކޮށްލުމުގެ ގަސްދުގައި ވިޔަސް ބުނެވޭ އެއްޗަކުން ޔަޝާ ފުރަތަމަ ވެސް ހިފާނީ އަސްލަންގެ ކަރުގަ އެވެ. ކަމުދާ އެއްވެސް ސިފައެއް ހުރި ކަމަކަށް ޔަޝާ ނުހަދާނެ އެވެ. އެކުވެރިޔާގެ ވިސްނުން ހުރީ ނޯޔާގެ ކަރަށް މަޅި ބާރުވެ ނޭވާ ނުލެވޭ ހިސާބަށް ނުދަނީސް އެ ފިރިހެނާގެ އަތްދަށުން ސަލާމަތް ކުރާ ފަދައިންނެވެ. ޔަޝާ ބުނާ ގޮތުންނަމަ ތިން ދަރީންނަނީ ހަމައެކަނި އެ ފިރިހެނާގެ ތިން ދަރީންނެވެ. އެކުދީންނާ ނޯޔާއާ ކޮންކަމެއް ހެއްޔެވެ.
"ޔަޝާ..." ފިނިނޭވާއެއް ނޯޔާއަށް ދޫކޮށްލެވުނެވެ.
"އަހަރެންގެ ނަންކީމަ ހުރިހާ ކަމެއްވޭތަ؟ އެހެންވީރު ކިޔާ... ހުއްޓާ ނުލާ ޔަޝާއޭ ގޮވާ." ޔަޝާގެ އަޑު ބާރު ވެލުމުން އޭނާގެ ކޮނޑުގައި ނޯޔާ އަތްޖައްސާލި އެވެ. ސޯފާގައި ތިބި ދެބެންނަށް އޭނާގެ އެ ވާހަކަތައް އިވެން ނޯޔާ ނޭދެ އެވެ.
"އެހާ ބާރަށް ވާހަކަ ނުދައްކަބާ." ޔަޝާގެ ކައިރީ ހުރި ގޮނޑީގައި ނޯޔާ އިށީނެވެ. ސައިޖޯޑު ކައިރި ކޮށްލަދިން ގޮތުން ސައިބޯން ފަށަންވީކަން ނޯޔާ އިޝާރާތް ކުރާ ކަހަލަ އެވެ.
ނޯޔާގެ ހިމޭންކަން ޔަޝާއަށް ފާހަގަވި އެވެ. އެހިތުގައި ޖެހިގެން ވިޔަސް އެ ދިރިއުޅުމުން ނޯޔާ ނުކުންނާނެނަމައޭ ޔަޝާ ހިތަށް އެރިއެވެ. ފަރުވާލެއްނެތް ގޮތަކަށް ފޯނަށް ދޭތެރެއަކުން ނޯޔާ ބަލާއިރު އެ ހަރަކާތް ދެނެގަންނަން ޔަޝާއަށް އެނގެ އެވެ. ނުދައްކަން އުޅުނަސް ނޯޔާއަށް ބަދަލުތަކެއް އަތުވެއްޖެކަން ޔަޝާއަށް ފާހަގަ ވެއްޖެ އެވެ. އޭނާ ފޯނުން އެ ބަލަނީ ގަޑިކަން ބުނަން ޔަޝާއަށް އެނގެ އެވެ. ކޮންމެ ފަހަރަކު އިސްކުރީނަށް ބަލާލާފައި މޭޒުމަތީ ބަންޑުން ފޯނު ބާއްވާލަނީ އެވެ. މީ އެންމެ ފަހުން އެ ދެމީހުން ބައްދަލުވީ އިރު ވެސް ނޯޔާ އުޅުނު ގޮތެއް ނޫނެވެ. އަސްލަން ދެކެ ލޯބިވީތޯ ކުރިން ވެސް ނޯޔާއާ ސުވާލު ކުރި އެވެ. އޭނާގެ އެއްވެސް ސުވާލަކަށް ނޯޔާ އެދެވޭ ޖަވާބެއް ނުދެއެވެ. ދެމެދުގައި ގާތް ގުޅުމެއް އުފެދުނީކަމެއް ބުނާކަށް ޔަޝާއަކަށް ނޭނގެއެވެ.
"ތިވަރަށް ގަޑި ނުބެލިޔަސް އިރުއޮއްސެންވާއިރަށް އަހަރެން ދާނަމޭ." ޔަޝާ ބުންޏެވެ.
"އުނދަގޫ ވެގެން ނޫޅެން." ފޯނު ދުރުކޮށްލަމުން ނޯޔާ ބުންޏެވެ. މޭޒުމަތީ އޮތް ޔަޝާގެ އަތުގައި އޭނާ ހިފާލި އެވެ. މޫނުގެ އަސަރުތައް ބަދަލު ކޮށްލި އެވެ. ހިނިތުންވެލި އެވެ. އޭނާ އެ އިނީ އެކުވެރިޔާއާ މެދު ގަޔާ ނުވެފައެއް ނޫނެވެ. އެ ހިތްހަމަނުޖެހުން އެކުވެރިޔާއަށް އަމާޒު ކުރުމަކުން އެ ހިތަށް ލިބެމުންދާ ދަތިކަމެއް ފިލައިގެނެއް ނުދާނެ އެވެ. އޭނާއަށް ތުރާ ދެނީ ލޫނާއާއެކު އަސްލަން ކޮފީއަށް ދިޔަ ދިއުމެވެ.
"އެނގޭތަ؟ ސްކޫލް ދޮށަށް ދާންފެށީމަ މިއެނގެނީ ކަންކަން..." ޔަޝާ ޝައުގުވެރި ވާނޭ ކަހަލަ ވާހަކައެއް ނޯޔާ ފެށިއެވެ. ޔަޝާއާ ކައިރިވެލުމާއެކު އިހުނަށްވުރެ ވެސް އޭނާގެ އަޑު މަޑުވިއެވެ.
* * * *
ފޯނުކޯލު ނިމުމުން މިދުހަތު އެނދުމަތިން އުއްޑުންވެލި އެވެ. އޭނާ ބައިގަޑިއިރެއްހާއިރު ފޯނުގައި އޮތީ މަންމައާ ވާހަކަ ދައްކާށެވެ. އުމުރުން ތެއްތިރީސް އަހަރު ވެފައި ހުއްޓަސް މިދުހަތުގެ ހުރިހާ ހަރަދެއް އަދިވެސް ބަލަހައްޓަނީ މައިންބަފައިންނެވެ. ބައްޕަގެ ތަނަވަސްކަމުގެ ސަބަބުން ފައިސާގެ ދަތިކަމެއް ނެތެވެ. އޭނާ މިހާރު ދިރިއުޅޭ އެޕާޓްމެންޓަކީ ބައްޕަ ފަރާތު ބޮޑުދައިތައަށް ލިބިފައި ހުރި ބައިގެ އެންމެ މަތީ ފަންގިފިލާގައި ހުރި އެޕާޓްމެންޓެވެ. މާލެ އައިއިރު ބައްޕަގެ ގޭގައި ހުސްކޮށް ހުރި ބައެއް ނެތީމައެވެ. ބޮޑުދައިތަ ވެސް ލިބުނު ތަންކޮޅު ދިހަބުރިއަށް ނަގާފައި މުޅި ގެ ކުއްޔަށް ދޫކޮށްލީއެވެ. އެއަށްފަހު މިދުހަތުގެ އާއިލާއާއެކު އަވަށްޓެރި ލަންކާއަށް ދިރިއުޅުން ބަދަލުކޮށްލީއެވެ. އެ އެޕާޓްމެންޓަކީ ދޭތެރެއަކުން މާލެ އަންނަން ޖެހިއްޖެނަމަ މަޑުކުރަން ހުންނަ ތަނެވެ. އެބައި ކުއްޔަށް ދޫކޮށްނުލަނީ އެހެންވެއެވެ.
މިދުހަތު މާލެ އައީ ރައުލާއާ ހެދި އެވެ. ދެމަފިރިން ވަރިވީ ރައުލާ އެކަމަށް ބޭނުން ވެގެންނެވެ. އެއްވެސް އިރަކު ކައިވެންޏަކީ މިދުހަތަށް މުހިންމު ގުޅުމަކަށް ނުވެއެވެ. އޭނާ އަދި ކައިވެނި ކުރަން ބޭނުން ނުވަނީއެވެ. ރައުލާއާ އިނީ މަޖުބޫރު ވެގެންނެވެ. ވަރިކުރަން ރައުލާ އެދުމުން ލަހެއްފަހެއްނެތި އެކަން ނިންމާލީ އެހެންވެއެވެ. ރައުލާ ރާއްޖެ ބަދަލުވުމުން އެ ދެމައިންނާއެކު މިދުހަތު ދާން ޖެހޭނެ ކަން އެންގީ ރައުލާއާ ކައިވެނި ކުރަން އަމުރުކުރި ބައްޕަ އެވެ. އޭނާގެ މައްޗަށް ހަމައެކަނި ނުފޫޒު ފޯރުވޭ މީހަކީ އެއީ އެވެ. ބައްޕަ ބުނެފިއްޔާ މިދުހަތަށް ދެކޮޅު ހެދެން ނޯންނަނީ އެވެ. ވަރިވިތާ ހަފްތާއެއް ނުވަނީސް ރައުލާ ރާއްޖެއައީ އެނބުރި އޭނާގެ މަންމައާއި ކޮއްކޮއާއެކު ދިރިއުޅޭށެވެ. މިދުހަތާއެކު އުމުރު ދުވަހު އުޅުމުގެ ވިސްނުމެއް ރައުލާގެ ނެތްކަން ޚުދު އޭނާއަށް އެނގެއެވެ. ދަރިފުޅުގެ ހުރިހާ ހަރަދެއް ބަލަހައްޓައިދެނީ ވެސް މިދުހަތުގެ ބައްޕައެވެ. މަންމަ އެ ގުޅީ ރުފިޔާ ނެތިގެން މިދުހަތު އުޅޭތީ ބައްޕަ ފައިސާ ޖަމާ ކޮށްދީފިކަން ބުނާށެވެ. ރައުލާ ވަރިކުރީއްސުރެ ބައްޕަ އައިސްފަ ހުރި ރުޅި އަދި ފިނި ނުވެއެވެ. އެހެންވެ މިދުހަތާ ވާހަކަ ދެއްކުން މި ދުވަސްކޮޅަށް މެދުކެނޑުނީ އެވެ. އެ ދެމަފިރިންގެ މިދުހަތު ނޫނަސް ދަރީން އެބަތިއްބެވެ. ނަމަވެސް ހަތަރު ކުދީންގެ ތެރެއިން އެއްވެސް ހަރުދަނާ ކަމެއްނެތް ކުއްޖަކަށްވީ މިދުހަތެވެ. ސީރިއަސްކަމެއް ނެތް އާވާރާ ދިރިއުޅުމެއް އުޅެމުން ގެންދާތީ އެވެ. ވަޒީފާއަކަށް ވަނަސް އެ ތަނެއްގައި ހަރުލަނީ އެންމެ ގިނަވެގެން ވެސް ދެމަހެވެ. އެކަމަކު އޭނާ ފެންނަ މީހަކަށް އެއިން ކަމެއް ދެނެއެއް ނުގަނެވޭނެއެވެ. ފުރަތަމަކަމީ އޭނާއަށް ލިބިފައިވާ ރީތިކަމެވެ. ކަސްރަތުކޮށް ވަރުގަދަވެފައިވާ ސީދާ ހަށިގަނޑެވެ. ފިރިހެންވަންތަ ކިއްސަރު ފުރިހަމަ މޫނުން ފެޝަން "މޮޑެލް" އެކޭ ތަފާތެއް ނެތެވެ. އަތުގައި ފައިސާ ނުހުންނަ ވަގުތެއް ނާދެއެވެ. ކައިރީގަ އުޅެނީ އާދައިގެ ރައްޓެހިންނެއް ނޫނެވެ. ހުސް ވެސް މަތީ ފަންތިތަކުގެ ފައިސާވެރިންގެ ދަރީންނެވެ. އަންހެން ފިރިހެން ދެވައްތަރުންނެވެ. ނަމުގައި އޭނާއަކީ މުސްލިމެކެވެ. މުސްލިމު ދެމަފިރިއަކަށް ލިބިފައި ހުރި ދަރިއަކަށްވީމައެވެ. ފާޅުގައި އެންމެންގެ ކުރިމަތީ ނޫޅުނަސް އޭނާގެ އުޅުން ވިޔާނުދެއެވެ. ފާފަތަކަށް އަރައިގަންނަލެއް އަވަހެވެ. އޭނާއަށް ނަސޭހަތް ދީދީ މައިންބަފައިން ވަނީ ވަރުބަލިވެފައެވެ. ޔަގީނުން ވެސް އެއީ އެ ދެމަފިރިންގެ އުޅުމެއް ނޫނެވެ. ޒުވާންވެ ބޮޑުވެފައި ހުރި ފިރިހެން ދަރިފުޅުގެ ބޮލުގައި ޖަހައި ބޯ ފަޅާލެވުނީ ރޯދަ މަހެއްގެ ދުވާލު ގަޑީ މިދުހަތު ކަނިކޮށް ފަޅާއެރި ދުވަހެއްގައެވެ. އެގޮތަށް ފަޅާނާރާ ސިއްރުވެފައި ހުރީ ކިތައް ކައްތަންކަމެއް ނޭނގެއެވެ. ރޭގަނޑު ކުލަބުތަކަށް ގޮސްފިނަމަ އޭނާ އެނބުރި ގެއަށް އަންނާނީ އަނެއް ދުވަހު މެންދުރުވާ ފަހުންނެވެ. އޭނާ ހުންނަ ހާލަތުގެ ގޮތުން އެނބުރި އާއިލާގެ ތެރެއަށް، މައިންބަފައިންގެ ކުރިމައްޗަށް އެރުން ބުއްދިވެރި ކަމަކަށް ނުވާނެތީ އެވެ. ރާއްޖޭގައި އުޅެން މިދުހަތު ފޫހިވަނީ އެ ބިރެއްނެތް މިނިވަން ދިރިއުޅުން ނޫޅެވޭނެތީ އެވެ.
ފޯނުން އެކައުންޓް ބަލާލާފައި ބޭންކުގެ އެޕުން ނުކުތެވެ. އައިސްފަ ހުރި މެސެޖުތަކުގެ ތެރެއިން އަރީން ކޮށްފައި އޮތް ސްނެޕު ފެނުނެވެ. ހުޅުވާލުމާއެކު މިދުހަތަށް ހީނލެވުނެވެ. އެހެން ނަމަވެސް އޭނާ އަރީންނަށް ރައްދެއް ނުދެއެވެ. މަޑުމަޑުން މޭމަތީ ފޯނު ބާއްވާލިއިރު ވެސް މިދުހަތުގެ ހިޔާލުގައި އަރީނެއް ނެތެވެ. އެހެންނަމަވެސް އަންހެންކުއްޖެއްގެ ސޫރަ އެ ހިޔާލުތަކުތެރޭ ކުރެހެމުން އައެވެ.
"ނޯ..ޔާ..." ފަރުވާތެރިކަމާއެކު ހިނިތުންވެލައިގެން އޮވެ މިދުހަތު ކިޔާލީ ލަސް ގޮތަކަށެވެ. ޒަޔާންގެ އާންޓީ އެ އަންހެންކުއްޖާއާ މުހާތިބު ކުރި ނަން، އެކަމަށް ސަމާލުވެ ހުރި މިދުހަތު ނަގައިގަތީ ނިކަން އަވަހަށެވެ.
"އެ ނަމެއް ނުފެނުން." އަމިއްލަ ހިތާ މިދުހަތު ވާހަކަ ދެއްކި އެވެ. އޭނާ އަނެއްކާވެސް ފޯނު ނެގި އެވެ. ކުލާހުގެ ވައިބާ ގުރޫޕުން ނޯޔާގެ ނަންފެނޭތޯ މިދުހަތު ވަރަށް ހޯދައިފިއެވެ. ރައްޓެހިންނަށްނުވާތީ، އެމީހުންގެ ނަންބަރު އެނގޭކަށް ނެތެވެ. އެފަދަ ދެތިން މީހުންގެ ފޮޓޯއެއް ވެސް ފެންނާކަށް ނުހުރެއެވެ.
"ސާރާ..." ކުއްލިއަކަށް ނޯޔާގެ ދަރިފުޅުގެ ނަން ހަނދާންވުމުން އެ ނަމުގައި މީހަކު އިންތޯ މިދުހަތު ބަލަން ފެށިއެވެ. ފެންނަންތިބި އެންމެން ބޭނުން ކޮށްފައި ހުރި ނަންތައް ބެލިއިރު ސާރާ ޖަހާފައި އޮތް މީހެއް ވެސް ނެތެވެ. ހަރަކާތެއް ނުކޮށް ފޯނަށް ބަލަން އޮވެފައި މިދުހަތު ހީނގަތެވެ. ދެން ފޯނު ތިރިކޮށްލުމާއެކު ކަނާއަތުން ނިތްކުރީގައި ޖަހާލި އެވެ.
"ކީއްވެ ނުބަލަނީ... ސެޓުވެދާނެތީތަ؟... އަދިވާނެ... ފިރިމީހާއަށް ހޭނިފައި ތިހުރީ، މަންޖެއަށް ވިސްނޭނީ ތަފާތުކޮށްލުމުން އެ ލިބޭ އުފަލާ މަޖާ އެނގޭ ހިސާބުން، ތިހެން ނޫންވެގެން އުޅޭ ފުރަތަމަ އަންހެންކުއްޖާއެއްނޫން ތީ، މޮޔަކޮށްލާހިތްވޭ.... އަނެއްހެން އިންނަ ކަހަލަ ގޮތެއް މަންޖެގެ އެބަހުރި." އަމިއްލަ ނަފްސާ މިދުހަތު ވާހަކަ ދެއްކި އެވެ. ތުންފަތުގައިވި ހިނިތުންވުން ފުޅާވެލީ ކައިވެންޏަކާ ފުރަތަމަ ފަހަރަށް އަންހެންކުއްޖަކު ގުޅުވާލެވުނުކަން އެނގުމުންނެވެ. އަޑުފާޅުވެލިއިރު ބާރަށް ހީނގަންނަން އުޅުނު ފަދައެވެ.
* * * * *
ސްކޫލު ދޮށުން ނޯޔާ ފެނުން ލަސްވީ އެވެ. ސައިކަލު މަތިން ފުންމާލައިގެން ދުވެލާފައި އައިސް އޭނާއާ އެއްވަރު ކުރީ މިދުހަތެވެ. އޭނާގެ އަތުގައި އޮތް ކޮތަޅު ނޯޔާއަށް ދިއްކޮށްލި އެވެ. ކުރިން އެ ދެމީހުން ދިމާވަނީ ސްކޫލުގެ ދޮރޯށިން ދަރިފުޅު ގޮވައިގެން ނުކުންނަ ވަގުތެވެ. އެކަމަކު މިހާރު އޭނާ ކުރީބައިގަ އައިސް އިންނަނީ ނޯޔާ އަންނަތަން ބަލާށެވެ. މިދުހަތު އެހެން ބޭނުމެއްގައި ނޯޔާއަށް އިންތިޒާރު ކުރަންފަށައިފިކަމެއް ނޯޔާ ނުދެނަ ހުއްޓެވެ.
"ކޯއްޗެއް؟" ކޮތަޅުގައި ހިފުމެއްނެތި ނޯޔާ އަހާލި އެވެ.
"ހަދިޔާއެއް." މިދުހަތު ކުޑަކޮށް ހީނލި އެވެ.
"ކީއްކުރަން..." ހައިރާންކަން ނޯޔާގެ މޫނުން ފާޅުވެލިއެވެ.
"ބަލާލަބަލަ... ހީވޭ ހެޔޮވަރު ވާނެހެން." މިދުހަތު ބޯއަރިކޮށް ބަލާލަމުން ކޮތަޅު ނޯޔާއާ ކައިރިއަށް ދިއްކޮށްލި އެވެ. ނުހިފަން ހުރެފައި ވެސް ނޯޔާ ކޮތަޅުގައި ހިފައި ބަލާލިއެވެ. މިދުހަތުގެ ވާހަކައިން އެއީ ކޮންއެއްޗެއްކަން ނޭނގުނަސް ކޮތަޅު ބަލާލުމުން އެނގިއްޖެއެވެ.
"އަހަރެން ގަންނަންވެގެންނޭ ބުނީ، ހުރިތަނެއް ބުނެލިނަމަ." ކޮތަޅުގައި އޮތީ ވިއްސާރަ ކޯޓެއްކަން އެނގުމުން ނޯޔާގެ ކުރިން ފެނުނު ބީރައްޓެހިކަމުގެ އަސަރު ކުޑަވިއެވެ. އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"އެ ފިހާރަ އެނގިގެން ބަލާލަން ދިޔައީ، އެންމެ ކޯޓެއް އިނީ... ނޯޔާއަށް ނާދެވިގެން އުޅެނިކޮށް އެ ކޯޓު ވެސް ވިކިދާނެ، އެހެންވެ ގަތީ، ސާރާއަށް ހެޔޮވަރުވާނެ... ޒެންއާ ދެކުދީންގެ އިސްކޮޅު އެއްވަރެއްނު." މިދުހަތު ބުންޏެވެ.
ނޯޔާގެ ސްކޫލަށްދާ ދެކުދީން ތިބޭކަން ބުނެލީ މިދުހަތަށް ހަނދާންކޮށްލަ ދޭ ފަދައިންނެވެ. އެހެންވެ އޭނާ ދެ ކޯޓު ބޭނުންވާ ކަމެވެ. ނަމަވެސް އޭނާއަށް ޓަކައި ގަނެދިނީތީވެ މިދުހަތަށް ކޯޓުގެ އަގުދޭން އުޅުނެވެ. މިދުހަތު ނުހިފީއެވެ. އަނބުރާ ކޮތަޅުގައި ވެސް ނުހިފާނަންކަމުގައި އޭނާ ބުނެ ދެއަތް ކުޑަކޮށް ހިއްލާލިއެވެ. އެކުވެރިކަން ބަދަހިކުރަން އޭނާ ހުރީ ކޮންމެފަދަ ގުރުބާނީއެއް ވެސް ވާން ކަހަލައެވެ. ކޯޓު ގަތުމުގެ ކުރީން ނޯޔާ ކައިރި އަހާލަންވެގެން ކުލާހުގެ ވައިބާ ގުރޫޕުން ފެނޭތޯ ހޯދިކަން މިދުހަތު ހާމަކޮށްލިއެވެ. ދެޒުވާނުންގެ ވާހަކަ ކުރިޔަށް ދިޔައިރު ނޯޔާގެ އަތުގައި ހިފާލައިގެން މަލްސާ ހުއްޓެވެ. އެ ދެމެދުގައި ދެކެވޭ ވާހަކަ އެކުއްޖާ އަޑުއަހާ ފަދައިން މިދުހަތަށް ނަޒަރު ހުއްޓާލައިގެންނެވެ.
މަލްސާ ބަހައްޓާފައި ސާރާ ގޮވައިގެން ނޯޔާ ނުކުންނަންވީއިރު ފަހަތުގައި މިދުހަތު އަޅުވާލައިފިއެވެ. ދަރިފުޅުގެ އެކި ވާހަކަ ދައްކަމުން ގޮސް އެ ކުއްޖާއާމެދު ކަންބޮޑުވާކަން މިދުހަތު ފާޅުކުރި އެވެ. ނޯޔާ ސުވާލު އުފެދުނީ ދެނެވެ. ކައިވެނި ރޫޅި އޭނާއަކީ "ސިންގަލް ޑޭޑް" އެކޭ މިދުހަތު ބުނެލީ އިސްޖަހާލަމުންނެވެ. ކައިވެނިކޮށް ދަރިއަކު ލިބުނީ ވެސް ލަންކާގައި އުޅެނިކޮށް ކަމާއި ކައިވެނި ރޫޅުނީ ދަރިފުޅުގެ މަންމަ އޭނާގެ ކައިރިން ވަކިވާން ބޭނުންވީމާކަން މިދުހަތު ބުނީ އެކަމާ ހިތާމަކުރާ މީހަކު ފަދައިންނެވެ. މާލެއަށް ބަދަލުވީ ދަރިފުޅު ގޮވައިގެން އެކޮޅުގައި އުޅުމުގެ ބޭނުމެއްނެތީމަކަވެ. އަދި މާލެ ބަދަލުވިތާވީ ތިންމަސް ކަމެވެ. ތިބި ހަމައެކަނި ދެ ރައްޓެހިންގެ ތެރެއިން އެކަކު މާލޭގައި އުޅޭއިރު އޭނާ އަދި މީހަކާ ނީންނަކަން މިދުހަތު ބުންޏެވެ. އެހެންވެ ކަމެއްގައި މަޝްވަރާކޮށްލައި ހިޔާލެއް ބޭނުންވާ ފަހަރަކު ވެސް ވާހަކަދައްކާލާނޭ މީހަކު މިހާރު ނެތްކަން މިދުހަތު ބުންޏެވެ. ދިރިއުޅުން ވަރަށް އެކަނިވެނިވެއްޖެކަމުގައި ބުނެދޭން މިދުހަތު މަސައްކަތް ކުރިއެވެ.
ނޯޔާގެ ސިކުނޑިއަށް ވަންނަން މިދުހަތު ހަރުކޮންނަނީ ކަމެއް އޭނާ ނުދެނަހުއްޓެވެ. އެކަހަލަ އުކުޅުތަކަކީ އޭނާއަށް ތަޖުރިބާ ކުރެވިފައި ހުރި ކަންކަމެއް ނޫނެވެ. އެކަމަކު އެހީތެރިކަމެއް ބޭނުންވެފައި ހުރި މީހަކު މަދަދަށް އެދުމުން ނޫނެކޭ ބުނަން ނޯޔާއަށް އުނދަގޫވި އެވެ. ދަރީން ބެލުމަކީ ކިހާ ބުރަ މަސްއޫލިއްޔަތެއްކަން ނޯޔާއަށް ވެސް އެނގެނީ އަދިކިރިޔާ އެވެ. އޭނާ ކުދީން ތަރުބިއްޔަތު ކުރުމާ ބެހޭ އެތައް ލިޔުމެއް ކިޔާ ހަދައެވެ. މައުލޫމާތު އެއްކުރެ އެވެ. އަދި ހިޔާލު ބަދަލު ކުރަންވެއްޖެނަމަ ވާހަކަ ދައްކާލަން ކުދީންގެ ބައްޕަ ހުންނަކަން އެނގެ އެވެ. އެ ގުޅުން ވެސް މިދުހަތުގެ ނެތެވެ. ނޯޔާއަށް މިދުހަތުގެ ވާހަކައިން ފަހުމްވީ، އަނބިމީހާ ވަރިވެ މިދުހަތުގެ ބޮލަށް ދަރި ޖެހީ ކަމެވެ. މިދުހަތުގެ ހުރީ ފިރިހެން ދަރިއެއްކަން އެވެސް ނަސީބެކޭ ނޯޔާގެ ހިތަށްވަނީ އެހެންވެއެވެ.
"ސަންފްލާވާއަކާ އެންއަކުރު އިންނާނެ، ރިކުއެސްޓް ފޮނުވާ." މިދުހަތާ ވަކިވުމުގެ ކުރީން ނޯޔާ ބުނެލިއެވެ. އޭނާގެ ހިތަށް ހަމްދަރުދީވަނީ އެވެ. ފުންކޮށް ވިސްނާނޭ ފުރުސަތު އޭނާގެ ޒަމީރަށް ނުދިނެވެ.
"އެއީ މީނަތަ؟" މިދުހަތަށް ނޯޔާ ބުނި އެއްޗެއް ދޭހަވުމާއެކު ވަގުތުން އަހާލެވުނެވެ. ބޯޖަހާލަމުން ނޯޔާ ހިނގައިގަތީ އެވެ. އެމީހުން ކަންމަތިން ލަނބާލުމާއެކު މިދުހަތުގެ ގާތުގައި ހުރި ދަރިފުޅު އުރާލައި ލޯބިން ބޮސް ދޭން ފެށިއެވެ. ޒަޔާނަށް އުނދަގޫވެގެން ދެއަތުން މިދުހަތުގެ މޫނު ދުރަށްލާން ފެށިއެވެ. އެއާއެކު މިދުހަތު ހޭންފެށީ ނިކަން ބާރަށެވެ.
"ތީ ޑެޑީގެ ލަކީ ޗާމް... މިއަދު ޒެން ބުނި ކޮންމެ އެއްޗެއް ޑެޑީ ގަނެދޭނަން." ލިބުނު އުފާވެރިކަން ފޮރުވާކަށް މިދުހަތު ނޫޅެއެވެ. ދިރިއުޅުމުގެ އެ ބާބަކީ މިދުހަތު ސިއްރުކުރަމުން އަންނަ ކަމެކެވެ. އެކަމަކު ދަރިއަކު ނުހުންނަކަމަށް ނޯޔާގެ ކުރިމަތީ ބުނެވެން ނެތީއެވެ. މިއަދު އެ ދަރިފުޅުގެ ސަބަބުން އޭނާ ކުރަން ބޭނުންވެފައި ހުރި ކަމެއް ފަހިވެއްޖެއެވެ.
ޒަޔާން ގޮވައިގެން މިދުހަތު އައުން ލަސްވެގެން ރައުލާ ގުޅިއެވެ. ދެބަފައިން އައި އިރު ދޮރޯށި ކައިރީ ރައުލާ ބޯނެރެގެން ހުއްޓެވެ. ކޮތަޅުތައް ފެނުމާއެކު ރައުލާ ސުވާލު ކުރިއެވެ. މިދުހަތު އަޖައިބު ކޮށްލީ ކުޑަކުޑަ ޒަޔާނެވެ.
"ސާރާގެ މަންމައަށް ޑެޑީ ގިފްޓް ދިނީމަ ކޮއްކޮ ދެރަވާނެއެއްނު... އެހެންވެ ބައިވަރު އެއްޗިސް ގަނެގެން މިއައީ." ޒަޔާން ބުނެލިއެވެ. ރައުލާގެ މޫނުން ވަގުތުން ފޫހިކަން ފާޅުވިއެވެ.
"ދޭ މާމަ ކައިރިއަށް، މަންމި ގެންދާނަން ކޮތަޅުތައް." ދަރިފުޅު ގޭތެރެއަށް ވައްދަމުން ރައުލާ ބުންޏެވެ. އެކުއްޖާ ގޭތެރެއަށް ދުއްވައިގަތުމުން ރައުލާ ބަލާލީ މިދުހަތަށެވެ.
"ކަލޭ ތެޅޭނެ ވައްތަރަކަށް ތޭޅޭ މަގޭ ދަރިއާ ދުރުގަ، އެކުއްޖާއަށް ފާޑުފާޑުގެ މަންޒަރު ދައްކަން އުޅޭނެކަމެއްނެތް، އެހެންނޫނީ މިހާރު ބައްދަލުވާވަރަށް ވެސް ބައްދަލުވިޔަ ނުދޭނަން." ރައުލާގެ ރުޅިވެރިކަން އެކުލެވިފައިވި ހަރުކަށި ބަސްތައް އިވިގެން ދިޔައެވެ. އެކަން މިދުހަތަށް ބޮޑުކަމަކަށް ނުވިއެވެ. އިވޭ ކަމަށް ހަދާނުލާ އޭނާ ސައިކަލު ދުއްވާލީއެވެ. ރައުލާއަށް ތުންފިއްތާލެވުނެވެ. ރުޅިވެރިކަން އެހެން ސިފައެއް ހިޔާރުކުރަން އުޅުނު ފަދައަކުންނެވެ.
* * * * *
"ތި ދެމީހުން އެހާ ކްލޯޒެއް ނޫން ދޯ." ބެލްކަނީގައި ނޯޔާގެ ގާތުގައި މަޑުކޮށްލައިގެން ހުރި ލޫނާ އަހާލި އެވެ. މިއަދު ވެސް އޭނާ އެގެއަށް އައީއެވެ. ލޫނާ އަންނާނޭ އަސްލަން ނުބުނެ އެވެ. ހަވީރުގެ ސައިގެ ވަގުތު ކާ މޭޒުދޮށުން ލޫނާ އިތުރުވުންވީ ނޯޔާ ގަޔާނުވި ކަމަކަށެވެ. ސާރާއާއި މަލްސާއަށް ލޫނާ ގެނެސްދިން ކުޅޭ އެއްޗެހީގެ ސަބަބުން އެ ދެބެންގެ ސަމާލުކަންވީ އެކަމަށް ހުއްޓިފަ އެވެ. އަނުމްއާ ސަކަރާތް ޖަހަން އަސްލަން އިނީ ސޯފާގަ އެވެ. ސިކުނޑިއަށް ލިބޭ ބަރުކަން ލުއިވާން އެދި ނޯޔާ ނުކުތީ ބެލްކަންޏެވެ. އޭނާގެ ހިޔަނިހެން ފަސްފަހަތުން ލޫނާ އެތަނަށް ވެސް އައީއެވެ. ނޯޔާ އަނގައިން ނުބުނުމުން ދެން ވެސް ވާހަކަދެއްކީ ލޫނާއެވެ.
"އެހެންވާނެ... އަސްލު މިކައިވެންޏަކީ ކުދީންނަށް ޓަކައި އަސްލަން ކުރި ކައިވެންޏެއް، އެހެން ނޫންނަމަ އޭނާ މައިރާ ނޫން މީހަކާ ދުވަހަކުވެސް ނީނިސް، މައިރާއާއެކު ތިން ކުދީން ލިބިފަ ހުރިއިރު، އޭނާގެ މުޅި ދުނިޔެ މައިރާއަކީ، އެ ދެމީހުން އުޅުނީ ވަރަށް ލޯބިން، އަސްލަން ހުންނާނީ ހަމަ މޮޔަވެފަ... މިހާރު ފެންނަ އަސްލަންއެއްނޫން އެއީ، މައިރާދެކެ ވީކަހަލަ ފުން ލޯތްބެއް ދެން ދުވަހަކުވެސް މީހަކުދެކެ ނުވާނޭ އަސްލަން ބުނޭ، ލޯބިވެގެން ގުޅޭއިރު އެހުންނަ ގޮތެއް ނުހުންނާނެތާ ފަހުން މަޖުބޫރުވެގެން ކައިވެންޏެއް ކުރަންވީމާ... ނޫންތަ؟." ލޫނާ ދުރުބަލަމުން ދޭތެރެއަކުން ނޯޔާގެ މޫނަށް ނަޒަރު ދެމުން ވާހަކަދެއްކިއެވެ.
"މާޒީގެ ތެރޭ ހިފެހެއްޓިފައެއް ނޫން އަސްލަން ހުރީ، މިހާރު އަސްލަންގެ އަނތްބަކީ އަހަރެން، ހުރިހާ އަންހެނުންގެ ތެރެއިން މައިރާއަށް ފަހު، އަސްލަންގެ އަނތްބަކަށް ހެދުމަށް އޭނާ ހިޔާރުކުރީ އަހަރެން، މީ އޭނާގެ ނިންމުން... އެހެން ނޫނަސް އަހަރެންގެ ފިރިމީހާގެ ވާހަކަތައް އެއްވެސް މީހަކާ ހިއްސާކުރާކަށް ބޭނުމެއް ނޫން، އަސްލަން ވެސް އެގޮތް ބޭނުމެއް ނުވޭ... އެއީ އޭނާގެ މަންމަ ވިޔަސް. ދެމަފިރިންގެ ގުޅުމަކީ ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ކަމެއް، ދުނިޔެއަށް އެނގޭކަށް ނުޖެހޭ." ނޯޔާ އެނބުރިލި ގޮތަށް ލޫނާއާ ނަޒަރު ސީދާ ކޮށްލިއެވެ. ލޫނާ ފެންނާނޭ ކަމަށް ގަސްދުކުރި އެއްވެސް އަސަރެއް ނޯޔާގެ ފުށުން ނުފެނުމުން އޭނާ ހައިރާން ވިއެވެ. އޭނާ އެފަދަ ވާހަކައެއް ދެއްކީ ނޯޔާ ހިތުގައި ޖައްސާށެވެ. އެ އަންހެންކުއްޖާ ދެރަކޮށްލަން ވެގެންނެވެ. ނަމަވެސް ނޯޔާ އޭނާއަށް އެ ބުނެދިނީ އޭނާގެ ހައިސިއްޔަތެވެ. ސާބިތުވެ ހުރި އަންހެނަކު ފަދައިންނެވެ. ލޫނާ އަޖައިބުވެއްޖެއެވެ. އެފަދަ ވާހަކަތަކެއް ލޫނާ ދެއްކިއިރު އޭނާއަށް ވެސް އަސްލަންއާއި ނޯޔާގެ ގުޅުމާ ބެހޭ އެއްވެސް ކަމެއް ނޭނގެއެވެ. އެ ދެމަފިރިންގެ ދިރިއުޅުމުގެ ހާލަތު ދެނެގަންނަން ނޭނގެއެވެ. އެހެންވިޔަސް އޭނާ ނޯޔާގެ ގޮތް ބަލާލީއެވެ. (ނުނިމޭ)