މާރިޔާ އަހުމަދު ދީދީ

އަސްކަރިއްޔާގެ ވެރިންނަށް ސަރުކާރުގެ އިތުބާރު އެބައޮތް: މާރިޔާ

ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިހްތިރާމް ލިބިގެންވާ ބޭފުޅުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިސްވެރިން ރިޝްވަތުގައި ހިފި ކަމަށް ބުނާ މައްސަލައެއް އެންޓި ކޮޕަރްޝަން ކޮމިޝަން (އޭސީސީ) އަށް ހުށައެޅުމާއި ގުޅިގެންނެވެ. އުތުރު ތިލަފަޅު (ޔޫޓީއެފް)ގެ އެގްރިމެންޓާ ގުޅިގެން އަމިއްލަ މީހަކު ހުށައެޅި އެ މައްސަލަ ނުބަލަން އޭސީސީން މިހާރު ވަނީ ނިންމާފައެވެ.

އެކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ގައުމީ ހިދުމަތުގައި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަހަރުތަކެއްގެ އަގުހުރި ހިދުމަތްތަކެއް މި ގައުމާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިހްތިރާމް ލިބިގެންވާ ބޭފުޅުން ކަމަށެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވެސް މި ވާހަކަތައް ވަނީ ތަކުރާރު ކޮށްފައެވެ. އަދި ދިފާއީ ބާރުގެ އިސް އޮފިސަރުންގެ އަގުވައްޓާލާ އެ ބޭފުޅުންނަކީ ކުރައްވައިގެން ތިއްބެވި ހުވަޔާ ހިލާފުވާ ބައެއްގެ ގޮތުގައި ދައްކާ ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށުދަރަޖައިގެ ހަޑިމުޑުދާރު އަމަލުތައް ބައެއް މީޑިއާތަކުން އަދި ސިޔާސީ ބައެއް ބޭފުޅުން ކުރައްވަމުން ގެންދަވާ ކަމަށާ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ގައުމީ ދިފާއީ ބާރަށް އަމާޒުކޮށް ހަގީގަތާއި ހިލާފް ޕްރޮޕަގެންޑާ ފަތުރާ ރިޝްވަތުގެ ހުތުރު އިލްޒާމު އަޅުވާ ދިވެހި އަސްކަރިއްޔާއަށް ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރާއި އިހުތިރާމާއި ގަދަރު ނަގާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.