ޕީޕީއެމް

ޕީޕީއެމް އަނެއްކާވެސް 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ޕީޕީއެމްއިން ޖަވާބުދާރީވުމުގެ ގޮތުން ހުށައެޅި ހުށައެޅުން އެ ކޮމިޝަނުން ގަބޫލުނުކޮށް ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފުވެފައިވާތީ 75،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ޕީޕީއެމުން ޖަވާބުދާރީވީ ކޮން ކަމަކާއި ގުޅިގެން ކަމެއް އަދި އެޕާޓީގެ ހުށައެޅުން ކޮމިޝަނުން ގަބޫލުނުކުރީ ކީއްވެ ކަމެއް ޝަރީފް ވިދާޅެއް ނުވެއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ވިދާޅުވީ ސަރުކާރުން ޕީޕީއެމް އޮފީސް ބަންދުކޮށް ކެންޕެއިނަށް ހުރަސްއަޅާތީ ހުށައެޅި ޝަކުވާއަށް އަށް ދުވަސްވީއިރުވެސް އަމަލު ނުކުރިތާ އެ މައްސަލަ ބަލާކަން ނުވަތަ މައްސަލަ ލިބުނުކަންވެސް ކޮމިޝަނުން ނާންގާ ކަމަަށެވެ. ޓްވީޓްއަކުން ޕާޓީ ޖޫރިމަނާ ކުރުމުން ސިޔާސީ ނުފޫޒުން އިލެކްޝަންސް ކޮމިޝަން ބަންދުވެފައިވާ މިންވަރު ހާމަވާ ކަމަށް ތޮލާލު ވިދާޅުވިއެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ޕާޓީ ޖޫރިމަނާ ކުރިކަން ޓްވީޓަކުން ހާމަކުރި ނަމަވެސް ލިޔެކިޔުމުން އެއްވެސް މައުލޫމާތެއް އަންގާފައިނުވާ ކަމަށެވެ. އެހެން ކަމުން ޖޫރިމަނާ ކުރީ ކޮން ކަމަކާ ގުޅިގެންކަން ސާފުނުވާ ކަމަށެވެ.

ޕީޕީއެމުން މާލޭގައި ބޭއްވި ބިޔަ ސައިކަލު ބުރަކާއި ގުޅިގެންވެސް އެ ޕާޓީ 75،000 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.

ހީނާ ވިދާޅުވީ އިދިކޮޅު ކޯލިޝަނަށް ކެންޕެއިން ކުރުމުގެ ފުރުސަތެއް ނެތް ކަމަށާ ފުލުހުން ލައްވާ ޕާޓީގެ ދޮރުތައް ބަންދުކޮށް އިންތިހާބީ ހައްގަށް ހުރަސް އަޅަމުންދާ ކަމަށެވެ.

"މިގޮތަށް ބާއްވާ އިންތިހާބެއް ސައްހައެއް ނުވާނެ،" ހީނާ ވިދާޅުވިއެވެ.