ޕީޕީއެމް

ޖިންސީ ގޯނާގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ބުނެފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓްގައި ގދ ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލާ މުހައްމަދު އަހުމަދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތު ބަލާ ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ކުޑަކުއްޖަކަށް ބޭއަދަބީ މެސެޖުތަކެއްތަކެއް ކޮށްގެން ކުރި ދެ ދައުވާއެއް ހިމެނެއެވެ. މީގެ ތެރެއިން ބައެއް ދައުވާތައް އުފުލާފައިވަނީ 2015 ވަނަ އަހަރު އެވެ. އެ މައްސަލަ ކޯޓަށް ފޮނުވާފައި އޮތް ނަމަވެސް އަދިވެސް ޝަރީއަތް އޮތީ ނުފަށައެވެ. މީގެ އިތުރުން ކުޑަކުއްޖަކަށް ބޭއަދަބީ މެސެޖްތަކެއް ކޮށްގެން ދައުވާ އުފުލީ މިދިޔަ އަހަރު އެވެ.

ޕީޕީއެމްގެ ޓިކެޓް މުހައްމަދު އަހުމަދަށް ދީފައިވަނީ އެ ހުރިހާ ދައުވާތަކާއި ތުހުމަތުތައް އޮވައެވެ. އަދި އެކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނެފައިވަނީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މުހައްމަދު އަހުމަދަށް ދިން އިދިކޮޅުގެ ޓިކެޓް އަތުލަން ގޮވާލަމުން ދަނިކޮށެވެ.

ޕީޕީއެމުން ބުނީ އެ މައްސަލަ ބަލާ ތަހުގީގު ކުރަން ގާނޫނީ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށާ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދު ކުރުމަކީ އެ މީހަކަށް އިންތިހާބުގައި ވާދަނުކުރެވޭ ސަބަބެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ޖިންސީ ގޯނާގެ މައްސަލަތައް އަވަހަށް ބަލާ ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.