ލައިފްސްޓައިލް

ޖަޕާނުގެ އަސްލު ރެޕޮންޒަލްގެ އިސްތަށިގަނޑުގައި ހަ ފޫޓު

ރެޕޮންޒަލް ވާހަކަ އަކީ ގިނަ ބަޔަކު ކުޑައިރު އެންމެ ގިނައިން ކިޔާ އުޅޭ އެއް ވާހަކަ އެވެ. ޓަވަރެއްގެ މަތީގައި ހައްޔަރުކޮށްފައި އިންނަ ރެޕޮންޒަލްގެ ރީތި ދިގު އިސްތަށިގަނޑު ޓަވަރުން ބޭރަށް ވައްޓާލުމުން ބިމާ ހަމަޔަށް ފައިބާ ކަމަށް އެ ވާހަކައިގައި ބުނެ އެވެ.

މިހާރު ޖަޕާނުގައި މިފަދަ ހަގީގީ ރެޕޮންޒަލް އެއް އެބަ އުޅެ އެވެ. ރިން ކަމްބޭ ކިޔާ މި އަންހެންމީހާގެ އިސްތަށިގަނޑުގައި ހަ ފޫޓު ތިން އިންޗި ހުރެ އެވެ. އޭނާ މަގުމަތިން ހިނގާފައިދާއިރު އިސްތަށިގަނޑު ބިންމަތީގައި ކޭއްތެ އެވެ.

ރިމް ކެމްބޭ އޭނާގެ އިސްތަށިގަނޑު ނުކޮށާތާ 15 އަހަރު ވެއްޖެ އެވެ. އިސްތަށިގަނޑަކީ އޭނާގެ އަމިއްލަ ހައިބަތު ދައްކާލަން ގެންގުޅޭ ހަތިޔާރެއް ކަމަށް ރިމް ބުންޏެވެ.

މިހާރު 35 އަހަރު ފުރިފައިވާ ރިމް އުމުރުން 20 އަހަރުއްސުރެ އިސްތަށީގަނޑު ނުކޮށަ އެވެ. ނަމަވެސް އެހާ ދިގު އިސްތަށިގަނޑެއް ދޮވެ ސާފުކޮށް ބެލެހެއްޓުމަކީ އުނދަގޫ ކަމެއް ކަމަށް ރިމް ވެސް ގަބޫލު ކުރެ އެވެ.

ރިމް އަކީ ޑާންސަރެކެވެ. އަދި މޮޑެލް އެކެވެ. އެހެންވެ ދިގު އިސްތަށިގަނޑު ރީތިކޮށް ބާއްވަން އަދި ބަލަހައްޓަން އިތުރު ގޮންޖެހުންތައް ކުރިމަތިވެ އެވެ.

ރިމް ބުނި ގޮތުގައި ބޮލުގައި އޭނާ ލަނީ ސަފްރޯނުން ތައްޔާރު ކޮށްފައިވާ ކްރީމެކެވެ. އަދި އަޔަންގެ ބައި މަދުވިޔަ ނުދިނުމަށް އަޔަން އެކުލެވޭ ކާނާ ކެއުމަށް ސަމާލުކަން ދެއެވެ. އެއީ އިސްތަށިގަނޑު ރީތިކޮށް ހެދެން މުހިއްމު އެއްޗަކަށް އަޔަން ވާތީ އެވެ.

އިސްތަށިގަނޑު އެހާ ދިގުކުރި ސަބަބު ކިޔައިދެމުން ރިމް ބުނީ އޭނާގެ މައިންބަފައިންނަކީ ވަރަށް ހަރުކަށި ބައެކެވެ. އޭނާގެ އިސްތަށިގަނޑު ދިގު ކުރަން އެމީހުން އެގޮތަކަށް ވެސް ހުއްދައެއް ނުދެ އެވެ.

"އަހަރެން ކުޑައިރު އުޅުނީ އަންހެންކުދިންގެ ފުޓުބޯޅަ ޓީމުގައި. އެހެންވެ އިސްތަށިގަނޑު ހުންނަނީ ވަރަށް ކުރުކޮށް ކޮށާފަ. ނަމަވެސް 20 ވަރަކަށް އަހަރުވީމަ ނަށަން ދަސްކޮށް އަމިއްލައަށް ދިރިއުޅެން ނިންމީ،" ރިމް ބުންޏެވެ.

މައިންބަފައިންނާ ވަކިން ދިރިއުޅެން ފެށުމުން އިސްތަށިގަނޑު ދިގު ކުރާނެ ފުރުސަތު ރިމް އަށް ލިބުނެވެ. އޮފުއަރާ އިސްތަށިގަނޑު ވަޔާ ކުޅޭތަން ފެނުމުން ރިމްގެ ހިތަށް ވަރަށް ހަމަޖެހުން ލިބޭ ކަމަށް އޭނާ ބުންޏެވެ.

ރިމް ބުނި ގޮތުގައި އޭނާގެ އިސްތަށިގަނޑު ރީތި ކަމުން ތައުރީފުކޮށް ހަދާ މީހުން ތިބޭ ގޮތަށް އެއީ "މޮންސްޓާ ހެއާ" އެކޭ ބުނެ ފާޑު ކިޔާ މީހުން ވެސް އުޅެ އެވެ.

ދުނިޔޭގެ އެންމެ ދިގު އިސްތަށިގަނޑެއް އޮންނަ މީހެއްގެ ރެކޯޑް މިހާރު އޮތީ އިންޑިޔާގެ ނިލާންޝީ ޕަޓޭލް އަތުގަ އެވެ. ނިލާންޝީގެ އިސްތަށިގަނޑުގައި ހަ ފޫޓު 2.8 އިންޗި ހުރެ އެވެ.

ނިލާންޝީ އިސްތަށިގަނޑު ދިގުކުރަން ފެށީ އުމުރުން ހަ އަހަރުގައި ސެލޫނަކަށް ބޯކޮށަން ގޮސްގެން ކުރެވުނު ހިތްހަމަނުޖެހޭ ތަޖުރިބާއަކަށް ފަހު އިސްތަށިގަނޑު ކޮށާ ހިތް ނުވެގެންނެވެ.

ނިލާންޝީ ބުނީ އޭނާގެ އިސްތަށިގަނޑުގައި އުނގުޅަނީ ގޭގައި މަންމަ އަމިއްލައަށް ތައްޔާރުކުރާ ތެލެއް ކަމަށާއި އެ ތެލަށް އަޅާ އެއްޗިއްސާއި ތެޔޮ އުފައްދާ ގޮތަކީ މަންމަގެ ސިއްރެއް ކަމަށެވެ.