ލައިފްސްޓައިލް

އުމުރު ދިގު ނިބޫ ދެބެން: ދުނިޔޭގައި މަދު ބައެއް

އެމެރިކާގެ ފްލޮރިޑާގެ ނިބޫ ދެބެން އެމީހުންގެ 99 ވަނަ އުފަން ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

އެރާ ލަކީ ޑެނިއަލް އާއި ވެރާ ރޯޒިއާ މިދިޔަ ބުދަ ދުވަހު އެމީހުންގެ އުފަންދުވަސް ފާހަގަކުރީ އާއިލާގެ މީހުންނާއި އެކުވެރިންނާ އެކުގަ އެވެ.

އެރާ އާއި ވެރާގެ އުފަން ދުވަހުގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެ ދެބެންގެ ދަރިންނާއި މާމަ ދަރިންނެވެ.

އެރާ ބުނި ގޮތުގައި 99 އަހަރު ވީއިރުވެސް މާބޮޑު ނުކުޅެދުންތެރިކަމެއް ނެތި ދުނިޔޭގައި ލެހެއްޓެވި ކަމަށްޓަކައި ހެއްދެވި ފަރާތަށް ޝުކުރު ކުރާ ކަމަށެވެ. ޅައިރު ކުރި ހުރިހާ ކަމެއް މިހާރު ނުކުރެވުނަސް އާދައިގެ ގޮތެއްގައި އަދިވެސް އެ ދެބެންނަށް ދިރިއުޅެވޭކަން އެރާ ފާހަގަ ކުރި އެވެ.

މި ދެބެންގެ އުފަން ދުވަސް އެހާ ޚާއްސަވަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ގިނިސް ވޯލްޑް ރެކޯޑްސް 2002ގައިވާ ގޮތުން ނިބޫ ދެބެން (އައިޑެންޓިކަލް ޓުވިންސް) އަށް 100 ވަނަ އުފަން ދުވަހާ ހަމައަށް ދުނިޔޭގައި ހުރެވުމުގެ ޗާންސް އޮންނަނީ ކޮންމެ 700 މިލިއަނަކުން އެއް ފަހަރު އެވެ. އެހެންކަމުން މި ދެބެންނަކީ ދުނިޔޭން މަދުން ނޫނީ ނުފެންނާނެ ކަހަލަ ދެބެންނެވެ.

ދުނިޔޭގެ ރެކޯޑް ފޮތްތަކުގައިވާ ގޮތުން މިހާތަނަށް ދުނިޔޭގައި އުޅެފައިވާ އެންމެ އުމުރު ދިގު އައިޑެންޓިކަލް ޓުވިންސް އަކީ ޖަޕާނުގެ އުމޭނޯ ސުމިޔާމާ އާއި ކައުމީ ކޮޑާމާ އެވެ. އެމީހުންގެ އުމުރަކީ 107 އަހަރާއި 300 ދުވަހެވެ.